އެމްޑީޕީގެ ގްރާސް ރޫޓް، ޕާޓީގެ ރައީސް، ރައީސް މުހަންމަދު ނަޝީދަށް ތާއިދުނުކުރާ ކަމަށް މާލޭގެ ކުރީގެ މޭޔަރު ސަރަނގު އާދަމް މަނިކު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިޔާ އަކުން ރޭ ގެނެސްދިން ޕްރޮގުރާމެއްގައި ވާހަކަ ދަައްކަވަމުން ސަރަނގު އާދަމް މަނިކު ވިދާޅުވީ، އެމްޑީޕީގެ ގްރާސް ރޫޓްގެ ބޭފުޅުންގެ ތާއިދު ރައީސް ނަޝީދަށް ނެތް ކަމަށާއި، އެއީ އެމަނިކުފާނުގެ ވިސްނުންފުޅު ގެންގުޅުއްވާ ގޮތުގެ ސަބަބުން ކަމަށެވެ. އަދި ރައީސް ނަޝީދަކީ އެމްޑީޕީގެ ރޫޙާނީ ލީޑަރު ކަމަށް ސިފަކުރައްވައި އާދަމް މަނިކު ވިދާޅުވީ ރޫޙާނީ ލީޑަރު ރައީސް އަބުދު ﷲ ޔާމިނާ ގުޅިވަޑައިގެންނެވުމަށް ގޮވާލައްވައި އިންޑިޔާ އައުޓް ނުކިޔަން ގޮވާލުމަކީ ގޯސް ކަމެއް ކަމަށާއި، އެއީ "ކަޑަކަމެއް" ކަމަށެވެ.

"އޭތި ކަޑަ. އެއްގޮތަކަށް ވެސް ރައީސް ނަޝީދު ވިދާޅުވެގެން ނުވާނެ ރައީސް ޔާމިނާއި ގުޅެން، ސިޔާސީ ކަންތައްތަކުގައި ވެސް ޑީލް ހަދަންޖެހޭނެ، އެކަމަކު ޑީލް ހެދުމުގެ މިންވަރެއް އޮންނަންޖެހޭނެ. ރައީސް ނަޝީދު ގަބޫލު ކުރައްވަންޖެހޭނެ، 2012 ގައި އެމްޑީޕީގެ ސަރުކާރު ވެއްޓުުނީ ކޮންބަޔަކާއި ހެދިކަން. ވައްޓާލީ ކޮންބަޔަކާއި ހެދިގެންކަން. ރައީސް ނަޝީދު ވެރިކަމުން ވައްޓާލި ވަގުތު ރައީސް ޔާމިން އިންނެވީ ކޮންތާކުތޯ؟ އިންޑިޔާ އެމްބަސީގައި ނޫންތޯ އިންނެވީ؟" ސަރަނގު އާދަމް މަނިކު ވިދާޅުވިއެވެ.

ވެރިކަމުގެ ނިޒާމު ފުރޮޅާލާ ބޮޑުވަޒީރުގެ މަގާމަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ނަޝީދު ވިދާޅުވި ވިދާޅުވުމަށް އިޝާރަތް ކުރައްވަމުން އާދަމް މަނިކު ވިދާޅުވީ ރައީސް ނަޝީދު ބޭނުންފުޅުހާ ކަމެއް ނުކުރެއްވޭނެ ކަމަށެވެ. ރާއްޖެއަކީ ޑިމޮކްރަޓިކް ގައުމެއް ކަަމަށާ އެހެން ކަމުން އެންމެ ބޭފުޅަކު ބޭނުންވާހާ ގޮތަކަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެއްވެެސް ސިޔާސީ ޕާޓީއަކީ އެންމެ މީހެއްގެ ވަށައިގެން އެނބުރޭ އެއްޗަަކަށް ވެގެން ނުވާނެ ކަމަށް އާދަމް މަނިކު ވިދާޅުވިއެެވެ.

އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު މިހާރު ވަނީ ސިޔާސީ ގޮތުން ރައީސް ސޯލިހާއި ގުޅުން ކަނޑުއްވައި ލައްވައި ރައީސް ޔާމިނާއި އަދި ޕީޕިއެމާއި ގުޅިވަޑައިގެން މަސައްކަތް ކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެެވެ. އެމްޑީޕީގެ ބައެއް ގޮފިތަކުން މިހާރު ވަނީ ރައީސް ނަޝީދަށް ތާއިދުކޮށް ބަޔާންތައްވެސް ނެރެން ފަށާފައެވެ. ރައީސް ނަޝީދު އަމަލު ކުރައްވާގޮތުން އެމަނިކުފާނަށް ތާއިދު ނެތް ކަމަށް އެމްޑީޕީގެ ލީޑަރޝިޕްގައި ކުރިން މަސައްކަތް ކުރެއްވި ބައެއް ބޭފުޅުން ވެސް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު


7

މަރީ

12-Aug-2021

މިއީ ކޮންތާކުން ފައިދާވި މީހެއް