ނޫސްވެރިޔާ އަހްމަދު ރިޟުވާން އަބްދުﷲ ވަގަށް ނަގައި މަރާލި މައްސަލައިގައި މައުލޫމާތު އެނގޭ ހެކީން ހެކިބަސް ދޭންޖެހިލުންވާތީ ގާނޫނީ އިމުގެ ތެރެއިން ރައްކާތެރި މާހާއުލެއް ގާއިމް ކުރެވޭނެ ނިޒާމެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލައިފައިވާ މީހުންގެ މައްސަލަތައް ބަލާ މަރުކޮމިޝަނުން ބުނެފިއެވެ.

ރިޟުވާން ގެއްލުވާލި ހާދިސާއަށް ހަތް އަހަރު ފުރުމާއި ދިމާކޮށް، އެފަދަ އެއްވެސް މައްސަލައެއްގައި އެއްވެސް ކާމިޔާބެއް ތިން އަހަރުވެގެން ދާއިރުވެސް ހާސިލު ކުރެވިފައި ނުވާ ރިޔާސީ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މައްސަލައިގެ މަޢުލޫމާތު އެނގިތިބި ފަރާތްތައް ހެކިބަސް ދިނުމަށް އެކި ސަބަބުތަކާހުރެ ޖެހިލުންވާތީ، އެކަމަށް ޙައްލު ހޯދުމުގެ ގޮތުން، ދައުލަތުގެ ކަމާގުޅުން ހުރި މުއައްސަސާތަކާ މަޝްވަރާކޮށްގެން ޤާނޫނީ އިމުގެތެރެއިން ހެކިންނަށް ރައްކާތެރި މާޙައުލެއް ހަމަޖެއްސޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކޮމިޝަނުން ކުރަމުން އަންނަ ކަމަށެވެ.

އޭގެ ސަބަބުން، ޖިނާއީ ޢަދުލުގެ ނިޒާމަށް ރައްޔިތުންކުރާ އިތުބާރު އިތުރުވެ މައްސަލަތަކުގައި ހެކިބަސް ދޭން ބޭނުންވާ ފަރާތްތަކުން، ހެކިބަސް ދިނުމަށް ޖެހިލުންވުން ކުޑަކުރެވިގެންދާނެ ކަމަށްވެސް އެ ކޮމިޝަނުން ނެރުނު ބަޔާނުގައިވެއެވެ.

"މިކަމަށްޓަކައި، ބޭރުގެ ކަމާ ގުޅޭ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު، ހެކިބަސް ދޭ ފަރާތްތަކަށް ރާއްކާތެރިކަން ދިނުމާގުޅޭ ޕްރޮގްރާމެއް އެކުލަވާލުމުގެ މަސައްކަތް ދައުލަތުގެ ކަމާގުޅުންހުރި މުއައްސަސާތަކުގެ ބައިވެރިވުމާއެކު ކޮމިޝަނުން މި ދަނީ ކުރަމުންނެވެ. މި ޕްރޮގްރާމް ކުރިޔަށް މި ގެންދަނީ، ރާއްޖޭގެ އިޖުތިމާޢީ، ދީނީ، ސިޔާސީ އަދި އާބާދީގެ މައްޗަށް ރިޢާޔަތް ކުރެވި، ރާއްޖެފަދަ ޤައުމެއްގައި މި ނިޒާމު އެންމެ އެކަށީގެންވާ ގޮތެއްގައި ހިންގޭނެ ގޮތެއް ބަލައި، އެކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް، އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަން ފާހަގަކުރަމެވެ." ކޮމިޝަންގެ ބަޔާނުގައި ބުނެފައިވެއެވެ.

ފެއިލްވެ ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ މަރުކޮމިޝަނުން މިއަދުވެސް ބުނީ ރިޟުވާން ގެއްލުވާލާފައިވާ މައްސަލައާ ގުޅިގެން ރިޔާސީ ކޮމިޝަނުން ކުރަމުންދާ ތަޙުޤީޤުގެ މައިގަނޑު އަމާޒަކީ، ރިޟުވާން ގެއްލުވާލުމުގައި އެކިގޮތްގޮތުން ބައިވެރިވެފައިވާ ފަރާތްތަކުގެ ތެރެއިން، އެ ޖަރީމާ ހިންގުމުގައި ކުޑަނަމަވެސް ބައިވެރިވުމެއް އޮތް ފަރާތެއްވާނަމަ، އެ ފަރާތެއް ޝަރީޢަތުގެ ކުރިމައްޗަށް ގެނެސް، އެމީހަކު އެ ކުށުގައި ބައިވެރިވެފައިވާ މިންވަރަކާ ގުޅިގެން ޒިންމާ ކުރުވައި، މި މައްސަލައިގައި އިންސާފު ހޯދައިދިނުން ކަމަށެވެ.

ރިޔާސީ ކޮމިޝަންގެ ބަޔާނުގައި ބުނެފައިވަނީ މަރުގެ މައްސަލަތަކާއި، ރޭވިގެން ހިންގޭ ކުށްތަކާއި ޓެރަރިރަމްގެ ކުށްތައްފަދަ ހެކިންގެ ހެކިބަހުގެ މައްޗަށް ބަރޯސާވާ މިފަދަ ބޮޑެތި މައްސަލަތައް ތަޙުޤީޤު ކުރުމުގައި އެ މައްސަލަތަކުގައި ހެކިބަސް ދޭ ފަރާތްތަކަށް ރާއްކާތެރިކަން ލިބިގެންދާނެ ހަރުދަނާ ނިޒާމެއް ގާއިމުކުރެވިފައި އޮތުމުގެ މުހިއްމުކަން ދިވެހިރާއްޖެއަށް މިވަނީ ވަރަށް ބޮޑަށް ބޭނުންވެފައި ކަމަށެެވެ.އެގޮތުން، މުޖުތަމަޢުގައި އުޅޭ ފަރާތްތަކުގެ ތެރެއިން މިފަދަ ކުށްތަކާ ގުޅޭ މަޢުލޫމާތު އެނގިތިބި ފަރާތްތަކަށް، ހެކިބަސް ދިނުމުގެ ބޭނުންތެރިކަމާއި، އެކަމުގެ މުހިއްމުކަމާއި އަދި އެ ދެވޭ ހެކިބަހުގެ ސަބަބުން ހެކިބަސްދޭ ފަރާތަށް ނުރައްކަލެއް ނެތްކަމުގެ އިހުސާސްކުރެވޭނެ މާޙައުލެއް ގާއިމުކުރަންޖެހޭ ކަމަށް ކޮމިޝަނުން ދެކޭ ކަމަށް އެބަޔާނުގައިވެއެވެ.



"އޭގެ ނަތީޖާއަކަށްވާނީ، ޤާނޫނު ތަންފީޒުކުރާ ފަރާތްތަކަށް މިފަދަ ކުށްތަކުގެ ޙަޤީޤަތް ހޯދުމަށް ފަސޭހަވެ، ކުށްވެރިންނަށް ކުންކުރުމަށް ޖެހިލުންވެ، ކުށްކުރުން މުޖުތަމަޢުގައި މަދުކުރެވި، މިފަދަ ކުށްތައް ތަޙުޤީޤުކޮށް ޝަރީޢަތް ހިންގުމަށް ދައުލަތުން ކުރަމުން ގެންދާ ހޭދަ ކުޑަކުރެވި، އަމާން ރައްކާތެރި މުޖުތަމައެއް ގާއިމުކުރެވިގެން ދިއުމެވެ." ބަޔާނުގައި ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން