ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް މެލޭޝިޔާއިން ލުއިތަކެއް ދިނުމަށް ނިންމައިފިއެވެ.

ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ލުއިތަކެއް ދޭން ނިންމިކަން އިއުލާންކުރެއްވީ އާދީއްތަދުވަހު މެލޭޝިޔާގެ ބޮޑުވަޒީރު މުހިއްޔިއްދީން ޔާސީންއެވެ.

ޓީވީ މެދުވެރިކޮށް ވާހަކަފުޅުދައްކަވަމުން މެލޭޝިޔާގެ ބޮޑުވަޒީރު ވިދާޅުވީ، ބޭރު ގައުމުތަކުން އަންނަ މެލޭޝިޔާގެ ރައްޔިތުންނާއި މެލޭޝިޔާގައި ވަޒަންވެރިވެގެން އުޅޭ އެހެން ގައުމުތަކުގެ ރައްޔިތުންނާއި، އެމްއެމްޓޫއެޗް ޕްރޮގްރާމްގެ ދަށުން މެލޭޝިޔާގައި އުޅޭ ރައްޔިތުން ވެކްސިން ފުރިހަމަކޮށްފައިވާނަމަ އަމިއްލަ ގޭގައި ކަރަންޓީންވެވޭނެކަމަށެވެ. މިހާރު އޮންނަ ގޮތުން ބޭރުން އަންނަ މީހުން މެލޭޝިޔާގައި ކަރަންޓީން ވާން ޖެހޭނީ ވަކި މަރުކަޒުތަކެއްގައެވެ.

މީގެއިތުރުން ވެކްސިން ފުރިހަމަކޮށްފައިވާނަމަ، ދުރު ހިސާބުތަކުގައި އުޅޭ ފިރިން ނުވަތަ އަނބިން ކައިރިއަށް ދަތުރުކުރެވޭނެއެވެ. އަދި މައިންބަފައިން ވެކްސިން ފުރިހަމަކޮށްފައިވާނަމަ، ދުރު ހިސާބުތަކުގައި އުޅޭ 18 އަހަރުން ދަށުގެ ކުދިން ކައިރިއަށް ޒިޔާރަތްކުރުމުގެ ފުރުސަތު ވެސް ލިބޭނެއެވެ.



އިތުރު ލުއިތަކުގެ ތެރޭގައި، ދީނީ އަޅުކަންތައް އަދާކުރުމަށް މިސްކިތްތަކާއި އެހެނިހެން ތަންތަނަށް ވަނުމުގެ ހުއްދަވެސް ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ލިބޭނެއެވެ.

މެލޭޝިޔާގައި ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ދޭ ލުއިތަކަށް ޢަމަލުކުރަން ފަށާނީ އަންގާރަދުވަހުން ފެށިގެންނެވެ. އަދި ހާލަތަށް އަންނަ ބަދަލާއެކު މިކަންކަމަށްވެސް ބަދަލު އަންނާނެކަމަށް މެލޭޝިޔާ ސަރުކާރުން ބުނެއެވެ.

މެލޭޝިޔާގައި ވެކްސިން ފުރިހަމަކުރިކަމަށް ބަލަނީ، ފައިޒަރ، އެސްޓްރަޒެނެކާ ނުވަތަ ސިނަވެކް ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކުރިތާ 14 ދުވަސްވުމުންނެވެ. ނަމަވެސް ޖޯންސަންގެ ވެކްސިން އަދި ޗައިނާގެ ކެންސިނޯ ވެކްސިން ޖަހާފައިވާނަމަ 28 ދުވަސް ވާންޖެހެއެވެ.

މެލޭޝިޔާގެ ބޮޑު ވަޒީރު ވިދާޅުވީ، އިގްތިސާދީ ސިނާއަތްތަކަށް ދޭ ލުއިތަކާއި މެދު މަޝްވަރާކުރަމުންދާ ކަމަށާއި، އެ ލުއިތައްވެސް ވަރަށް އަވަހަށް އިއުލާން ކުރައްވާނެކަމަށެވެ.

އާދިއްތަ ދުވަހާއި ހަމައަށް މެލޭޝިޔާއިން ކޯވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 1.2 މިލިއަނަށް އަރާފައެވެ. އަދި ކޯވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 10 ހާހަށް އަރާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން