ގްރީސްގެ ރަށެއްކަމަށްވާ އިވިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލްނުވުމުގެ ސަބަބުން ދެހާހެއްހާ މީހުން ރައްކާތެރި ހިސާބުތަކަށް ގެންދަން ޖެހިއްޖެއެވެ.

ހޫނުގަދަވުމުގެ ސަބަބުން ގްރީސްގެ ދެވަނައަށް އެންމެ ބޮޑު ރަށް ކަމަށްވާ، އިވިއާގެ ޖަންގަލިތަކުގައި ރޯވެފައިވާއިރު، އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގެ މަސައްކަތަށް މާބޮޑު ކުރިއެރުމެއް ނުލިބެއެވެ. މިކަމާއި ގުޅިގެން އިވިއާގައި އުޅޭ މީހުންގެ ތެރެއިން މިހާރުވެސް ދެހާހެއްހާ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައެވެ.

އިވިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް އެތައް ސަތޭކަ ބަޔަކު ހަރަކާތްތެރިވަމުންދާއިރު، 17 އެއާ ކްރާފްޓެއް މިކަމުގައި ދަނީ ބޭނުންކުރަމުންނެވެ. އަދި އިނގިރޭސިވިލާތާއި، ފްރާންސާއި، ރޮމޭނިއާ، އަދި ސުވިޓްޒަލެންޑުންވެސް ދަނީ މިކަމުގައި އެހީތެރިވަމުންނެވެ.

އިވިއާގެ އިތުރުންވެސް، ގްރީސްގެ ބައެއް އެހެން ހިސާބުތަކުގައިވެސް ހޫނުގަދަވުމުގެ ސަބަބުން ވަނީ ޖަންގަލިތަކުގައި އަލިފާންރޯވެފައެވެ. އަދި އިތުރު ސަރަހައްދުތަކުގައި މިފަދަ ހާދިސާތައް ހިނގުން ގާތްކަމަށްވެސް ހަބަރުތައް ބުނެއެވެ. ކަމާއި ބެހޭ ފަރާތްތަކުން ބުނާގޮތުން މިއީ ވޭތުވެދިޔަ 30 އަހަރު ތެރޭގައިވެސް ގްރީސްގައި އެންމެ ހޫނުގަދަވި ދުވަސްތައްކަމަށެވެ. އެގޮތުން ވޭތުވެދިޔަ 10 ދުވަހުގެ ތެރޭގައި 1 ލައްކަ 40 ހާސް އޭކަރުގެ ސަރަހައްދެއްގައި ވަނީ ރޯވެފައެވެ.

ތަޖުރިބާކާރުން ބުނާގޮތުން ހޫނުގަދަވުމުގެ ސަބަބުން އަންނަ މިފަދަ ހީޓްވޭވްތަކަކީ އިންސާނުންގެ ފަރާތުން ތިމާވެއްޓަށް ދެމުންދާ ގެއްލުންތަކުގެ ނަތީޖާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން