ޖަޕާނުގެ ޓޯކިޔޯގައި ކުރިއަށްދިޔަ އޮލިމްޕިކްސް ގޭމްސް ނިންމާލައިފިއެވެ.

މިިދިޔަ އަހަރު ބާއްވަން ފުރަތަމަ ތާވަލުކުރުމަށްފަހު، ކޯވިޑާއި ގުޅިގެން މިއަހަރަށް ފަސްކުރި އޮލިމްޕިކްސް މިދިޔަމަހުގެ 23 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށްދިޔައިރު، އޮލިމްޕިކްސް ގޭމްސް މިފަހަރު ބާއްވާފައިވަނީ ހާއްސަ ފިޔަވަޅުތަކަކާއެކުއެވެ. އެގޮތުން ކުޅިވަރުތައް އޮންނަ ސަރަހައްދަށް އާއްމުންނަށް ނުވަދެވޭއިރު، ކުޅުންތެރިންނާއި އޮފިޝަލުންނަށް އޮލިމްޕިލް ވިލެޖުން ބޭރަކަށް ނުދެވެއެވެ.

ހާއްސަ ފިޔަވަޅުތަކަކާއެކު ގޭމްސް ބާއްވަން ޖެހުމުން މިފަދަ ހަރަކާތަކުން ލިބެންޖެހޭ އިގްތިސާދީ ފައިދާ ޖަޕާނަކަށް ނުލިބުނެވެ. އޮލިމްޕިކްސް ގޭމްސް ނިމުނުއިރު، ޖަޕާނުން އެކި ކަންކަމަަށް ކުރި ހަރަދުތައް 15 ބިލިއަން ޑޮލަރަށް އަރައެވެ. މިއީ ލަފާކުރި ވަރަށްވުރެ ދެގުނަ ބޮޑު އަދަދެެކެވެ. އަނެއްކޮޅުން ގޭމްސް ބަލަން ސަޕޯޓަރުންނަށް ނުވަދެވުމުން، ފަތުރުވެރިކަމުގެ ސިނާއަތަށް ލޯލާރިއެއްވެސް ނުލިބެއެވެ.

މީގެއިތުރުން ޖަޕާނުގައި ކޯވިޑްގެ ހާލަތު ރަނގަޅުނުވަނީސް އޮލިމްޕިކްސް ބޭއްވުމުން އެގައުމުގެ ގިނަ ރައްޔިތުން ތިބީ ހިތްހަމަނުޖެހިފައެވެ. އެއީ އެގައުމުގެ ވެކްސިން ޕްރޮގްރާމް ކުރިއަށްދާ ސްޕީޑް ދަށްއިރު، ކުޅިވަރު ހަރަކާތަކަށް ހުރިހާ ސަމާލުކަމެއް ހުސްކުރުމުންނެވެ.

ކޮންމެއަކަސް ތަފާތު ހަރަކާތްތަކާއެކު ކޮންމެ ހަތަރު އަހަރަކުން ބާއްވާ އޮލިމްޕިކްސް ގޭމްސް ނިންމާފައިވާއިރު، މިއަހަރުގެ މުބާރާތުގައި އެންމެ ގިނަ މެޑަލް ހޯދާފައިވަނީ އެމެރިކާއިންނެވެ. އެމެރިކާއިން 113 މެޑަލް ހޯދިއިރު، އޭގެތެރޭގައި ހިމެނެނީ 39 ރަން މެޑަލް، 41 ރިހި މެޑަލް އަދި 33 ލޯ މެޑަލްއެވެ. ދެވަނައަށް އެންމެ ގިނަ މެޑަލް މިފަހަރު ހޯދީ، 88 މެޑަލްއާއެކު ޗައިނާއިންނެވެ. އަދި 27 މެޑަލްއާއެކު 3 ވަނަ ލިބެނީ ޖަޕާނަށެވެ.

އޮލިމްޕިކްސް ގޭމްސް ދެން އޮންނާނީ 2024 ވަނަ އަހަރު، ފްރާންސްގެ ވެރިރަށް ޕެރިހުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން