މާލެ-ތިލަފުށި ލިންކް, އެމްޓީއެލް ނުވަތަ ތިލަމާލެ ބްރިޖް މަޝްރޫއާ ގުޅޭގޮތުން ސަރުކާރުން ސިޓީ ކައުންސިލާއެކު އެއްވެސް ވަރަކަށް މަޝްވަރާނުކުރާކަމަށް މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މޭުޔަރ މުއިއްޒު މިކަން ހާމަކުރައްވާފައިވަނީ މާލޭގެ ލޭންޑް ޔޫސް ޕްލޭނާއި ގުޅޭގޮތުން ވިލިމާލޭގެ ރައްޔިތުންނާއެކު ރޭ ބޭއްވި ބައްދަލުވުމުގައެވެ.

މިބައްދަލުވުމުގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ކައުންސިލުގެ އިހްތިސާސް ހިމެނޭ ސަރަަހައްދެއްގައި މަސައްކަތްތަކެއް ކުރިއަށްދާނަމަ، އެކަމާއި ގުޅިގެން ކައުންސިލާއި މަޝްވަރާކުރަންޖެހޭކަމަށް ޤާނޫނުގައި ބުނާކަމަށެވެ. ނަމަވެސް ވިލިމާލެ ސަރަަޙައްދުގައި ބްރިޖްގެ މަސައްކަތްތަކެއް ކުރިއަށްދާކަމަށް ސަރުކާރުން ބުނާއިރު، އެކަމާއި ގުޅޭގޮތުން ކުރީ ކައުންސިލް އަދި މިހާރުގެ ސިޓީ ކައުންސިލާއިވެސް އެއްވެސް ވަރަކަށް މަޝްވަރާކޮށްފައިނުވާކަމަށް މުއިއްޒު ވިދާޅުވިއެވެ.

"މިނިސްޓްރީއަކުން މަސައްކަތެއް ކުރާނަމަ ކައުންސިލް މެދުވެރިކޮށް ރައްޔިތުންގެ ހިޔާލު އެކަމަށް ހޯދަން ޖެހޭ. ގާނޫނުގައި ލިޔެފައި އެބައޮތް. އެހެން ނަމަވެސް އަޅުގަނޑަކަށް އެނގިފައެއް ނެތް ރައްޔިތުންގެ ހިޔާލު އެކަމުގައި ހޯދި ކަމެއް،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ބްރިޖާއި ގުޅޭގޮތުން މައުލޫމާތު ލިބެނީ ނުރަސްމީކޮށް ކަމަށާއި އެކަން އެހެން ނުކުރެއްވުމަށް ސަރުކާރުގައި ދަންނަވާފައިވާކަމަށެވެ.

މާލެއާއި ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލަން އަޅާ "ތިލަ މާލެ" ބްރިޖާއި ގުޅޭ މަސައްކަތްތައް ކުރިއަށްދާއިރު، ސަރުކާރުން ބުނާ ތާރީހަކަށް އެއްވެސް ކަމެއް މިހާތަނަށްވެފައެއް ނެތެވެ. މިމަސައްކަތް ހަވާލުކުރުމަށް އޮތް ސުންގަޑި ހަމަވެފައިވާއިރު، ސަރުކާރުން މިކަމުގައި އުޒުރަކަށް ދައްކަނީ އެހެންކަންކަމުގައި ދައްކަަމުުން އަންނަ "ކޯވިޑްގެ ސަބަބުން" ކަމަށް ބުނާ އުޒުރެވެ.

ތިލަ މާލެ ބްރިޖަށް، އިންޑިއާއިން ގާތްގަނޑަކަށް 6.1 ބިލިއަން ރުފިޔާގެ ލޯނު ދިނުމުގެ އެއްބަސްވުމުގައިވެސް ވަނީ ސޮއި ކޮށްފައެވެ. އެ ފައިސާގެ ތެރެއިން 100 މިލިއަން ޑޮލަރަކީ ހިލޭ އެހީއެވެ. ބާކީ އޮތް 400 މިލިއަން ޑޮލަރަކީ ލޯނެވެ.

އަދި މަސައްކަތް ނުފެށުނަސް ސަރުކާރުން ލަފާކުރަނީ 2023 ވަނަ އަހަރާއި ހަމައަށްދާއިރު ބްރިޖު ފެނުން މައްޗަށް އަރާނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


17

ޢަހުމަދު އަލީ

12-Aug-2021

މާލޭގެ ރައްޔިތުންގެ ޚިޔާލުނުހޯދާ ކުރާކޮންމެކަމެއް ޤާނޫނުގައި ބުނާގޮތުގެ މަތިން މޭޔަރަށް ހުއްޓުވޭނެ. މުއިއްޒުގެ ގަޓު ހުންނާނެ. ހުއްޓުވާ!


5

ޙަސަންލަތީފު

12-Aug-2021

ސަރުކާރު ގޮވައިގެން ދައުވާކުރުން ކުރިޔަށް ގެންދަވާ! އޭރުން ރައްޔިތުންގެ މައްޗަށް އަމުރު މައުރޫފު ހިންގެނީ މާލޭގެ ރައްޔިތުން އިންތިޚާބުކުރި މޭޔަރތޯ ނުވަތަ މާލެއާ މުޅިރާއްޖޭގެ ރައްޔިތުން އިންތިޚާބުކުރި ރައީސުލް ޖުމްހޫރިއްޔާތޯ ގައުމުގެ ނުވަތަ މާލޭގެ މައްޗަށް ބާރުގަދައީ ކާކުކަން އިނގޭނެ. މާލެއަކީ ދިވެހިރާއްޖޭގެ ވެރިރަށް. އެރަށުން ގައމުގެ ރައީސުލް ޖުމްހޫރިއްޔާގެ ބާރުކަނޑުވާލެވޭނެ މޭޔަރަކު ނުހުންނާނެ.



ޓްރެންޑިން