އެމްޑީޕީގެ އިސް މެމްބަރެއްކަމަށްވާ ޝުއައިބު އަލީ ޕާޓީން ވަކިކުރި މައްސަލައިގައި އިންސާފު ނުލިބިއްޖެނަމަ ކޯޓަށް ގޮސްގެންވެސް އިންސާފު ހޯދުމަށް މަސައްކަތްކުރާނެކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

އެމްޑީޕީ އުފެއްދުމަށް އެންމެ ފުރަތަަމަ ސޮއިކުރި މީހުންގެ ތެރޭގައި ހިމެނޭ ޝުއައިބު އަލީ (ފުރަހަނި) އެ ޕާޓީން ވަކިކުރުމަށް ނިންމީ މިދިޔަ މަހުގެ 7 ވަނަ ދުވަހުއެވެ. ނަމަވެސް އެކަން މީޑިއާއަށް ތިލަވީ އިހަށްދުވަހުއެވެ.

ޝުއައިބު ޕާޓީން ވަކިކުރީ ކައުންސިލް އިންތިހާބުގައި ޕާޓީއާ ދެކޮޅަށް މަސައްކަތްކޮށްގެން ކަމަށް ބުނެއާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކާޓޫނު ކުރަހާ، ސޯޝަލް މީޑިއާގައި އާންމު ކުރި މައްސަލައެއްގައެެވެ.

ޝުއައިބު ވިދާޅުވީ އޭނާ ޕާޓީން ވަކިކުރި މައްސަލަ އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރުގެ މަޖިލީހަށް ހުށަހަޅަން ނިންމާފައިވާކަމަށެވެ. އަދި އުއްމީދަކީ އިސްތިއުނާފު ފަނޑިޔާރުގެ މަޖިލީހުން އޭނާއަށް އިންސާފު ލިބުންކަމަށެވެ. ޝުއައިބު ވިދާޅުވީ އޭނާ ޕާޓީން ވަކިކުރީ އުސޫލުތަކާއި ހިލާފަށްކަމަށެވެ. އަދި އިސްތިއުނާފު ފަނޑިޔާރުގެ މަޖިލީހުން އިންސާފު ނުލިބިއްޖެނަމަ ކޯޓަށްވެސް ދާނެކަމަށް ޝުއައިބު ވިދާޅުވިއެވެ.

ޝުއައިބުއަކީ އެމްޑީޕީ އުފެއްދުމުގައި އިސް ދައުރެއް އަދާކުރި ބޭފުޅެއްގެ އިތުރުން، ރައީސް ނަޝީދުގެ ވެރިކަމުގައި ރައީސް އޮފީހުގައިވެސް އިސް މަޤާމެއް ފުރުއްވި ބޭފުޅެކެވެ. ނަމަވެސް ފަހަކަށް އައިސް އޭނާ ފެންނަނީ އިދިކޮޅު ފަރާތްތަކާއެކު ސަރުކާރަށް ފާޑުކިޔަމުންދާ މަންޒަރެވެ. އެގޮތުން ނިމިދިޔަ ލޯކަލްް ކައުންސިލް އިންތިޚާބުގައި އޭނާ ވަނީ މާލެ ސިޓީގެ މޭޔަރުކަމަށް އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވި ޑރ. މުއިއްޒު ހޮވުމަށް ކެމްޕެއިންވެސް ކުރައްވާފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން