ހިޖުރީ އާ އަހަރަކާ ކުރިމަތިލާއިރު، އަޅުގަނޑުމެން ޢަޒުމް ކަނޑައަޅަންވީ، އިސްލާމީ އުންމަތަށް ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކާއި ނުރައްކާތަކުން ސަލާމަތްވާނެ ގޮތްތައް ހޯދައި ފިޔަވަޅުތައް އެޅުމަށް ކަމަށް ކުރީގެ ރައީސް، ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ މޯލްޑިވްސް ރިފޯމް މޫވްމެންޓް، އެމްއާރުއެމުން ބުނެފި އެވެ.

އެމްއާރުއެމުން މިހެން ބުނީ ހިޖްރީ އައު އަހަރުގެ މަރުހަބާ ކިޔައި މިއަދު ނެރުނު ބަޔާނެއްގަ އެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މުސްލިމުން ދުނިޔެއަށް ދައްކައިދޭން ޖެހެނީ އިސްލާމް ދީނަކީ ރަހުމާއި އޯގާތެރިކަމުގެ ދީންކަމުގައި ކަމަށާއި، ހިދާޔަތާއި ތެދުމަގުގެ ދީންކަމުގައިކަމަށެވެ. އިސްލާމް ދީނަކީ ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިޔުމާއި އެފަދަ އަނިޔާވެރި އެންމެހައި ކަންތައްތަކަށް ނޫނެކޭ ބުނާ ދީނެއްކަމަށް އެ ބަޔާނުގައިވެއެވެ. އަދި އިސްލާމްދީނަކީ އެކުވެރިކަމަށާއި އިންސާނީ ކަރާމާތަށް ގޮވާލާ ދީނަކަށް ވުމާއެކު، އެހެން މީހުންގެ ޙައްޤުތަކަށް ރައްކާތެރިވުމަށާއި، އެ ކަންކަމަށް އިޙްތިރާމްކުރުމުގެ ޢަޒުމް ވަރުގަދަ ކުރުމަކީ ކޮންމެ މުސްލިމަކުވެސް ކުރަން ޖެހޭނެ ކަމެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެމްއާރުއެމުން ބުނީ ހިޖުރީ އާ އަހަރާ ބައްދަލު ކުރާއިރު، ނުރައްކާތެރި ބައްޔެއް ކަމުގައިވާ ކޯވިޑް-19 ވަނީ މުޅި ދުނިޔޭގައި ފެތުރިފައިވާކަމަށެވެ. ދިވެހިރާއްޖެ ވެސް މިވަބާ ތަހައްމަލު ކުރަން ޖެހިފައިވާކަން ފާހަގަކޮށް އެ ބަޔާނުގައި، މި ފެށުނު 1443 ވަނަ އަހަރަކީ، ދިވެހިރާއްޖެއަށާއި، ދިވެހިރާއްޖޭގެ ލޮބުވެތި އަޚުންނަށާއި އުޚްތުންނަށް، ބާއްޖަވެރި އުފާވެރި އަހަރެއް ކަމުގައި ލެއްވުމަށް އެދިފައި ވެއެވެ.

"އަދި މި ފެށުނު 1443 ވަނަ އަހަރަކީ ދިވެހިރާއްޖެ އަށާއި ރައްޔިތުންނަށް ބާއްޖަވެރި އުފާވެރި އަހަރެއް ކަމުގައި ލައްވައި އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި ސާބިތުކަމާއެކު ދެމިތިބުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެންނަށް މިންވަރު ކުރެއްވުމެވެ. އަދި އަޅުގަނޑުމެންގެ މެދުގައި އެއްބަނޑުއެއްބަފާ ކަމާއި އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމެވެ." އެމްއާރުއެމްގެ ބަޔާން ނިއްމާލަމުން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން