ހުޅުމާލޭގައި 25 ބުރީގެ އޮފީސް އިމާރާތެއް އަޅަން ސަރުކާރުން ހަވާލުކުރި މެލޭޝިއާގެ ކުންފުންޏަށް ދައްކަންޖެހޭ 22 މިލިއަން ޑޮލަރު ދެއްކުމާއި ގުޅޭގޮތުން މަޝްވަރާކުރަމުންދާކަމަށް ހައުސިންގ ޑިވެލެޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ބުނެފިއެވެ.

ހުޅުމާލޭގައި 25 ބުރީގެ އޮފީސް އިމާރާތެއް އަޅަން ސަރުކާރުން ހަވާލުކުރި މެލޭޝިއާގެ ކުންފުންޏަށް ދައްކަންޖެހޭ 22 މިލިއަން ޑޮލަރު ނުވަތަ 339 މިލިއަން ރުފިޔާ ނުދެއްކުމުން ދިވެހި ސަރުކާރާ ދެކޮޅަށް ދައުވާ ކުރަން އެކުންފުނިން ވަނީ ނިންމާފައެވެ. އެކުންފުނިން އެގޮތަށް ނިންމީ ފިނޭންސް މިނިސްޓްރީގެ އައު އޮފީސް އިމާރާތެއް އަޅަން ފެށި މަސައްކަތް ހުއްޓާލައި އެއްބަސްވުން އުވާލުމާއި ގުޅިގެން އުފެދުނު ދެބަސްވުން ހައްލުކުރަން އާބިޓްރޭޝަނަށް ދިއުމުން އާބިޓްރޭޝަނުން ނިންމި ނިންމުމާއެއްގޮތަށް ދިވެހި ސަރުކާރުން ފައިސާ ނުދައްކާތީއެވެ. މާލޭގައި އިމާރާތް ކުރަން ނިންމި 25 ބުރީގެ އޮފީސް އިމާރާތް ފަހުން ހުޅުމާލެއަށް ބަދަލުކުރަން ނިންމި ނަމަވެސް އެ މަޝްރޫއަށް ލޯނު ލިބުމުގައި ދިމާވި މައްސަލަތަކާއި ގުޅިގެން އެއްބަސްވުން ބާތިލްކޮށް، އެ މަޝްރޫއުގެ މަސައްކަތް ވަނީ ހުއްޓާލާފަވެ.

އެޗްޑީސީން ބުނީ މެލޭޝިއާގެ ކުންފުނިން ކޮށްފައިވާ މަސައްކަތްތަކަށް ފައިސާ ދެއްކުމަށް އެކަމާއި ގުޅޭގޮތުން ބަލަންޖެހޭ ބެލުންތައް ބަލަމުންދާކަމަށެވެ. އަދި އެފައިސާ ދެއްކުމާއިމެދު މަޝްވަރާކުރަމުންދާކަމަށްވެސް އެޗްޑީސީން ބުނެއެވެ.



ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ މަޝްރޫއު ހަވާލުކުރި މެލޭޝިއާގެ ޑަބްލިއުޒެޑްއާރު ކުންފުނިން އެ މައްސަލަ އާބިޓްރޭޝަނަށް ހުށައެޅީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ. އާބިޓްރޭޝަނުން ވަނީ 22 މިލިއަން ޑޮލަރު ހަތް ދުވަހުގެ ތެރޭގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން, އެޗްޑީސީން އެ ކުންފުންޏަށް ދެއްކުމަށް އަންގާފައެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި 122 މިލިއަން ޑޮލަރު ޚަރަދު ކޮށްގެން އަޅަން ނިންމި އެ އިމާރާތުގެ މައްސަލާގައި ޑަބްލިއުޒެޑްއާރު ކުންފުނިން އާބިޓްރޭޝަންގައި ދައުވާކުރީ 30 މިލިއަން ޑޮލަރު (462 މިލިއަން ރުފިޔާ)ގެ ބަދަލެއް ހޯދަން ނަމަވެސް އާބިޓްރޭޝަނުން ވަނީ އެ ކުންފުންޏަށް ދޭން ޖެހޭނީ ކުރި މަސައްކަތުގެ އަގަށްވާ 22 މިލިއަން ޑޮލަރު ކަމަށް ކަނޑައަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން