އައްޑޫ ޕޮލިސް ސްޓޭޝަން | ރަސް ފޮޓޯ: ޝާހް
އައްޑޫ ޕޮލިސް ސްޓޭޝަން | ރަސް ފޮޓޯ: ޝާހް
ކުށުގެ ރެކޯޑް ދޫކުުރުމުގައި ބަލާ މުއްދަތު ފަސް އަހަރުން ތިން އަހަރަށް ކުޑަކޮށް ޕޮލިސް ރިކޯޑް ދޫކުރުމާ ބެހޭ ގަވާއިދު ހޯމް މިނިސްޓްރީން އާންމުކޮށްފި އެވެ.

"ޕޮލިސް ރިކޯޑު ބެލެހެއްޓުމާއި ދޫކުރުމުގެ ގަވާއިދު" ހޯމް މިނިސްޓްރީން އާންމުކޮށް ގެޒެޓްގައި ޝާއިއުކޮށްފައިވަނީ ހޮނިހިރު ދުވަހުއެވެ. އެގޮތުން ރިކޯޑް ބެލެހެއްޓުމާއި ފޯރުކޮށްދެވޭނެ ގޮތްތަކާއި ހިމަނަންޖެހޭ މައުލޫމާތު މިފަހަރު އާންމުކުރި ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

ގަވާއިދުގައި ބުނެފައިވަނީ ކުށުގެ ރިކޯޑު ބަލާ މުއްދަތު ފަސް އަހަރުން ތިން އަހަރަށް ކުޑަ ކުރި ނަމަވެސް ބޭނުންވެއްޖެ ހާލަތެއްގައި އެއަށްވުރެ ދިގު މުއްދަތެއްގެ ރިކޯޑް ބެލުން ހުރަހެއް ނެތް ކަމަށެވެ. އެގޮތުން ޕޮލިސް ރިކޯޑު ދޫކުރުމުގައި ގެންގުޅޭ ކެޓަގަރީތަކެއް ވެސް ގެޒެޓު ކުރި ގަވާއިދުގައި ވަނީ ހިމަނާފައިވެއެވެ.

ވަޒީފާގެ ބޭނުމަށް ޕޮލިސް ރިކޯޑް ދޫކުރުމާއި ގާނޫނީ ޝަހްސެއް ބޭނުންވެގެން ރިކޯޑް ދޫކުރުމާއި ދައުލަތުގެ އިދާރާއަކުން ބޭނުންވެގެން ރިކޯޑް ދޫކުރުން ވެސް ވަނީ އެ ގަވާއިދުގައި ހިމަނާފައެވެ. ޕޮލިސް ރިކޯޑު ދޫކުރުމާ ބެހޭ ގަވާއިދު ބުނެފައިވަނީ ޖިނާއީ އެއްވެސް ކުށެއްގެ ތަހުގީގު ހިނގާ ނަމަ، "އާންމު އުސޫލުން" އެއީ ޕޮލިސް ރިކޯޑެއް އޮތް މީހެއް ކަމަށް ބަލަންޖެހޭނެ ކަމަށެވެ. މައްސަލައެއްގައި ދައުވާ ކުރަން ފޮނުވާފައިވާ ނަމަވެސް އެއީ ރިކޯޑެއްގެ ގޮތުގައި ބަލަންޖެހޭނެ ކަމަށް ގަވާއިދުގައި ވަނީ ބުނެފައެވެ.

އެކަމަކު ވަޒީފާގެ ބޭނުމަށް ދޫކުރާ ޕޮލިސް ރިކޯޑުތަކުގައި ހިމަނަންޖެހޭނީ ހަމައެކަނި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ބޮޑު 10 ކުށުގެ ތެރެއިން ކަމަކަށް ތުހުމަތު ކުރެވިގެން އޭނާގެ މައްޗަށް ތަހުގީގެއް ކުރަމުންދާ ނަމަ ކަމަށް ގަވާއިދުގައިވެއެވެެ. އެކަމަކު ފާއިތުވި ތިން އަހަރު އެއް ފަހަރަށްވުރެ ގިނަ ފަހަރު އޭނާގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގާފައިވާނަަމަ ހުރިހާ ޖިނާއީ ކުށެއްގެ ތަފްސީލު ވެސް ރިކޯޑުގައި ހިމަނަންޖެހޭނެ ކަމަށް ގަވާއިދުގައި ބުނެ އެވެ.

އެގަވާއިދުގައި ބުނާގޮތުން ޕޮލިސް ރިކޯޑު ބަލަހައްޓާނެ ނިޒާމެއް ވެސް ގަވާއިދުގެ ދަށުން ފުލުހުން އެކުލަވާލަންޖެހޭއިރު ލާމަރުކަޒީކޮށް އެ ނިޒާމުގައިވާ މައުލޫމާތުތަކަށް އެކްސެސްވެވޭނެ ގޮތެއް ވެސް ހަދަންޖެހޭނެ ކަމަށް އެގަވާއިދުގައި ބުނެފައިވެއެވެ. އަދި ކުށްތަކުގެ މައުލޫމާތު ރައްކާކުރަންޖެހޭ މުއްދަތު ވެސް ތަފްސީލުކޮށް އެ ގަވާއިދުގައި ވަނީ ކަނޑައަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން