އަލްއުސްތާޛު އަނަސް ޢަބްދުއްސައްތާރު (ވ)
އަލްއުސްތާޛު އަނަސް ޢަބްދުއްސައްތާރު (ވ)
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސްގެ މަޤާމަށް މ.ބަޑިކުޅިމާގެ، އަލްއުސްތާޛު އަނަސް ޢަބްދުއްސައްތާރު ޢައްޔަން ކުރައްވައިފިއެވެ.

މިއަދު މެންދުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ވަނީ އަލްއުސްތާޛު އަނަސް ޢަބްދުއްސައްތާރަށް ސްޓޭޓް މިނިސްޓަރކަމުގެ ލިޔުން ހަވާލުކުރައްވާފައެވެ. އަލްއުސްތާޛު އަނަސް ޢަބްދުއްސައްތާރަކީ، ޕާކިސްތާނުގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިން ބެޗަލަރ އޮފް ލޯސް އެލް.އެލް.ބީ (ހޮނާރސް) ޝަރީއަރ އެންޑް ލޯ ޙާޞިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.

މި މަޤާމަށް ޢައްޔަނުކުރެއްވުމުގެ ކުރިން އަލްއުސްތާޛު އަނަސް ޢަބްދުއްސައްތާރު އަދާކުރައްވާފައިވަނީ ވަކާލާތު ޗޭންބާރސްގެ މެނޭޖިންގް ޕާރޓްނަރގެ މަޤާމެވެ. އަދި، 2015 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓިގެ ސެކްރެޓެރީ-ޖެނެރަލްގެ މަޤާމު ފުރުއްވާފައިވެއެވެ.

މީގެ އިތުރުން، އަލްއުސްތާޛު އަނަސް ޢަބްދުއްސައްތާރަކީ ސަރުކާރުގެ އެތައް ކުންޕުންޏެއްގެ ވަކީލުކަން ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ ތެރޭގައި މާލެ ސިޓީ ކައުންސިލް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮއްޓްރެކްޓިންގް ކޮންޕެނީ (އެމް.ޓީ.ސީ.ސީ)، ބްރޯޑްކާސްޓިންގް ކޮމިޝަން އަދި އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓު ހިމެނެއެވެ. އަދި، 2019 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ޖޫންމަހުގެ ނިޔަލަށް ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ އެޤްޒެކެޓިވް ކޮމިޓީ މެމްބަރެއްގެ މަޤާމު ފުރުއްވާފައިވެސްވެއެވެ.

އަނަސް އަކީ ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގެ މޭޔަރު ކަމަށް، ވާދަކުރަށްވައި ބޮޑުތަނުން ބަލިވެވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާއާއި ވާދަކުރައްވައި އެމަގާމު ކާމިޔާބު ކުރެއްވީ އިދިކޮޅު ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން