ޕޮލިސް ކޮމިޝަނަރ މުޙައްމަދު ޙަމީދު
ޕޮލިސް ކޮމިޝަނަރ މުޙައްމަދު ޙަމީދު
ފުލުހުންގެ އިސް އޮފިސަރުންތަކެއް މަގާމުން ވަކިކުރުމަށް ފުލުހުންގެ ބޯޑުން ނިންމި ނިންމުން ދިރާސާ ކުރައްވަން ފަށާފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން ފުލުހުންގެ ލީޑަޝިޕްގައި ތިއްބެވި ފަރާތްތަކުގެ ގާބިލްކަން ކަށަވަރުކުރުމުގެ ޒިންމާ މަތިކޮށްފައިވަނީ ފޮލިސް ބޯޑަށެވެ. އެގޮތުން ޤާނޫނަށް އަމަލުކުރަން ފަށާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ފުލުހުންގެ އިދާރާ އިސްލާހުކުރުމުގެ މަސައްކަތް ނިންމުމަށް ގާނޫނުގައި ވަނީ ބުނެފައެވެ.

އެގޮތުން ޤާނޫނުގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި 7 އޮފިސަރުން ވަކި ކުރުމަށް ޕޮލިސް ބޯޑުން ނިންމަވާފައިވާއިރު، އެކަން ތަންފީޒު ކުރަށްވާނީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދެވެ. ސީޕީ ޙަމީދު މިއަދު ވިދާޅުވީ ޕޮލިސްބޯޑުގެ ނިންމުން މިހާރު ދިރާސާ ކުރަށްވަމުން ގެންދަވާ ކަމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުންގެ ވަޒީފާ އިން ވަކިކުރަން ނިންމި ހަތް އޮފިސަރުންނަކީ އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރ ފަރުހާދު ފިކުރީ އާއި، އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރ މުހައްމަދު ޖަމްޝީދާއި، އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރ އަހްމަދު މުހައްމަދު (ޓޫފޯ) އާއި، ޗީފް ސުޕްރިންޓެންޑެންޓް އަހްމަދު ޝުހާދާއި، ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފާއި، ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދާއި، ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމް އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ 75 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، އެކުލަވާލާފައިވާ ޕޮލިސް ބޯޑް އެކުލެވިގެންވަނީ 7 މެމްބަރުންގެ މައްޗަށެވެ. މިބޯޑަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވަން ޖެހޭ ބޯޑެއްގެ ގޮތުގައި ގާނޫނުގައި އޮތްއިރު ބޯޑުގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ 2 މެމްބަރުންނާއި ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ 3 މީހުންގެ އިތުރުން އާންމު ރައްޔިތުންގެ ތެރެއިން ކުރިމަތިލާ 2 މީހުންނެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 6 ވަނަ ދުވަހު މަޖިލީހުން ފާސްކޮށް، ޑިސެމްބަރުމަހުގެ 27 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރެއްވި ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން ފުލުހުންގެ މުޢައްސަސާއަށް ބޮޑެތި ބަދަލުތަކެއް ދަނީ ގެންނަމުންނެވެ.

އައު ގާނޫނު ބުނާ ގޮތުން ގާނޫނަށް އަަމަލު ކުރާއިރު ތިބި ފުލުހުންގެ އިސް އޮފިސަރުންގެ މައްސަލަތައް އެ ގާނޫނުގެ ދަށުން އުފައްދާ ޕޮލިސް ބޯޑުން ބަލައި އެ މީހުން މަގާމުގައި ބޭތިއްބުމާ މެދު ގޮތެއް ނިންމަން ޖެހެއެވެ. ގާނޫނުގައި ދީފައި އޮތް ހަތަރު މަސް ދުވަހުގެ މުއްދަތު ހަމަވީ ރޭ ދަންވަރު 00:00 އަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން