ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ މައްސަލަ ސުޕްރީމްކޯޓުގައި މާދަމާ ތާވަލްކޮށްފިއެވެ.

ސުޕްރީމް ކޯޓުގައި މާދަމާ އޮންނާނީ އަލީގެ ޝަރީއަތް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމުގެ އިސްތިއުނާފުގެ މައްސަލައެވެ.

އަލީ ވަހީދުގެ މައްސަލަ ތާވަލުކޮށްފައިވަނީ މާދަމާ 1:00 އަށެވެ. އަދި މާދަމާގެ ޝަރީޢަަތަށް އޭނާއަށް ޗިޓް ފޮނުވާފައިވާއިރު، އޭނާ ހުރީ ރާއްޖެއިން ބޭރުގައިކަން ފާހަގަކޮށްލެއެވެ.

އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށްގެންދަން ކްރިމިނަލް ކޯޓުން ނިންމި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅީ، އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފަށް ހުށަހެޅުމުން ބަލައިނުގަތީމައެވެ.

ދައުލަތުން އަލީ ވަހީދާ ދެކޮޅަށް އުފުލާފައިވާ ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކާއި ގުޅިގެން އަލީ ވަހީދުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އޮންލައިންކޮށް ކުރިއަށް ގެންދާތީ އެގޮތަށް ޝަރީއަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ދައުލަތުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.

މިމައްސަލަ ސުޕްރީމް ކޯޓުން ހުށަހެޅުމުން މިދިޔަ މަހުގެ 15 ވަނަ ދުވަހު ކޯޓުން ވަނީ އަލީ ވަހީދު ރާއްޖެ ވަޑައިގަތުމަށް އަންގާ، އޭނާއަށް ޗިޓް ފޮނުވާފައެވެ. މިމައްސަލައިގެ އަޑުއެހުމެއް މިމަހުގެ 2 ވަނަ ދުވަހަށްވެސް ތާވަލުކުރިއެވެ. ނަމަވެސް ވަކި ސަބަބެއް ނާންގާ އެދުވަހުގެ އަޑުއެހުން ވަނީ ކެންސަލްކޮށްފަައެވެ.

އަލީ ވަހީދުގެ މައްސަލަ އޮންލައިންކޮށް ކުރިއަށްގެންދިއުމަށް ޕީޖީ ދެކޮޅު ހަދަނީ ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރެގެން ޝަރީއަތް ކުރިއަށް ގެންދާކަމަށް ބުނެއެވެ.

މިނިސްޓަރުކަމުގެ މަޤާމުގައި ހުރެގެން ޖިންސީ ގޯނާކުރި މައްސަލައެއްގައި އަލީ ވަހީދުގެ މައްޗަށް ވަނީ 7 ދައުވާއެއް އުފުލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން