އެމްޑީޕީއާއި ޕީޕީއެމް ސިޔާސީ މަސައްކަތް ކުރަން ޖެހޭނީ ދެފަރާތުގައި ތިބެގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހަންމަދު ސާލިހު ވިދާޅުވީ، އެމްޑީޕީއާއި ޕީޕީއެމް އެކުގައި މަސައްކަތް ކުރުމަކީ ރާއްޖެއަށް އެންމެ ފައިދާ ހުރި ގޮތެއް ނޫން ކަމަށެވެ. ރައީސް ސާލިހު ވިދާޅުވީ ރާއްޖޭގެ ކުރިއެރުމާއި މަސްލަހަތަށް އެންމެ ރަނގަޅުގޮތަކީ އެމްޑީޕީއާއި ޕީޕީއެމް ވަކިން މަސައްކަތް ކުރުން ކަމަށާއި، އެ ދެޕާޓީ އެކުވެއްޖެނަމަ ރާއްޖޭގައި މަލްޓިޕާޓީ ނިޒާމް ނިމުމަކަށް އައުމުގެ ބިރު އެބައޮތް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ޕީޕީއެމާއެކު ކޯލިޝަން ހަަދަން ބޭނުންވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ވިދާޅުވި ނަމަވެސް އެއީ އެމްޑީޕީގެ ނިއްމުމެއް ނޫން ކަމަށެވެ. އެމްޑީޕީގެ ނިއްމުންތައް ނިންމަންޖެހޭ ގޮތް ޕާޓީގެ ގަވާއިދުތަކުގައި އެބައޮތް ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

"ޕާޓީގެ ގުނަވަނަކުން އެއިން މައްސަލައެއް އަދި ނިންމާފައެއް ނެތް، އަދި ނިއްމަން ހުށައެޅިއަސް އެގޮތަށް ނިންމުން އެއީ ރަނގަޅު ކަމެއް ނޫން. އަޅުގަނޑު އެއްގޮތަކަށް ވެސް ތާއިދުކުރާނެ ކަމެއް ނޫން. އެއީ ޕީޕީއެމާއި ގުޅުން ގޯސްވެގެނެއް ނޫން. އެއީ މަލްޓިޕާޓީ ނިޒާމް މި ރާއްޖޭގައި އަށަގަނެ ތަރައްގީ ކުރުމަށް އަޅުގަނޑު ބޭނުންވާތީ." ރައީސް ސާލިހު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސާލިހު ވިދާޅުވީ ރައީސް ނަޝީދު، ރައީސް ޔާމިނާއެކު ސިޔާސީ މަސައްކަތް ކުރަށްވަން ބޭނުންފުޅުވާނަމަ އެކަން ކުރެވިދާނެ ކަމަށެވެ. އެކަކު އަނެކަކާ ގުޅިގެން މަސައްކަތް ކުރުމަކީ ކޮންމެ ބޭފުޅަކަށް ވެސް އޮތް ފުރުސަތެއް ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

"އެހެންނަމަވެސް މި ދެޕާޓީގެ ދެ ފިކުރު އެއްވެގެން މަސައްކަތްކުރުމަކީ ސިޔާސީ ގޮތުން އެންމެ ފައިދާ ހުރި ގޮތް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން." ރައީސް ސާލިހު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން