ސްކޫލެއްގައި ދަރިވަރުން ތަޢުލީމް ޙާސިލްކުރަނީ
ސްކޫލެއްގައި ދަރިވަރުން ތަޢުލީމް ޙާސިލްކުރަނީ
އެންމެ ފުރަތަމަ ބޮޑުކުރާނީ ޓީޗަރުންގެ މުސާރަ ކަމަށާއި، ދެން ބޮޑުކުރާނީ ސިއްޙީ ދާއިރާގެ މުސާރަތައް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ޓީޗަރުންގެ މުސާރައާއި އިނާޔަތްތައް ބޮޑުކުރުމުގެ މަސައްކަތް ފަށައިފި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިއްޔެ ވަނީ ވިދާޅުވެފައެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާގުޅޭގޮތުން "ރަސް އޮންލައިން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޞާލިޙު ވިދާޅުވީ، ސަރުކާރުން އެންމެ ފުރަތަމަ ބޮޑުކުރާނީ ޓީޗަރުންގެ މުސާރަ ކަމަށާއި، ދެން ބޮޑުކުރާނީ ސިއްޙީ ދާއިރާގެ މުސާރަތައް ކަމަށެވެ.

ދިރާސީ އައު އަހަރު ފެށުމުގެ ގޮތުން ރައީސް އިއްޔެ ވިދާޅުވީ، ޓީޗަރުން ކުރައްވަމުން ގެންދަވާ މަސައްކަތަކީ އަގު ވަޒަން ނުކުރެވޭ ވަރުގެ ބުރަ މަސައްކަތެއް ކަމަށާއި، އެބޭފުޅުން ކުރައްވާ ބުރަ މަސައްކަތާއި ހޭދަކުރައްވާ ގިނަ ވަގުތުތަކާ އެކަށޭނަ ގޮތުން، މިއަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިގެން، ޓީޗަރުންގެ މުސާރައާއި އިނާޔަތްތައް ބޮޑުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.

އެމަނިކުފާނު ވަނީ ޓީޗަރުންނަކީ، ސަރުކާރުގެ އެންމެ މުހިންމު އެއް ވަޢުދު ކަމަށްވާ، މީހުން ބިނާކުރުމުގެ ޢަމަލީ މަސައްކަތް ތަންފީޒުކޮށްދެއްވާ ބޭފުޅުންކަން ފާހަގަކުރައްވައި، ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އިޖްތިމާޢީ މައްސަލަތައް ޙައްލުކުރުމަށްޓަކައި ވެސް، ތަޢުލީމީ ދާއިރާގެ ޚިދުމަތްތެރިންނަށް ރަނގަޅު ގޮތްތައް ހަދައިދިނުމަކީ ވަރަށް ބޭނުންތެރި ކަމެއްކަން ފާހަގަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


0

ސަބާސް

03-Sep-2021

ސަރުކާރުކު ނުހުންނާނެ, ޓީޗަރުންނަށް ދޭނެ ލާރިއެއް. ސިޔާސީ މީހުންނަށް ދީ..



ޓްރެންޑިން