އައްޑޫޫ އިކްއެޓޯރިއަލް ހޮސްޕިޓަލް
އައްޑޫޫ އިކްއެޓޯރިއަލް ހޮސްޕިޓަލް
އައްޑޫ ސިޓީ އިން ކޮވިޑް-19 އަށް މީހަކު ފައްސިވިކަން އިޢުލާން ކުރެވުނު ހިސާބުން އެސިޓީގެ ސިއްޙީ ނިޒާމުގެ ކަންކަން ހަރުދަނާ އުސޫލެއްގައި މަސައްކަތް ނުވާކަމަށް އެކި ފަރާތްތަކުން ކިޔަން ފެށިއެވެ. ފުރަތަމަ އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލްގައި އެޗްޕީއޭއިން އާއްމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޑޮކްޓަރުންނާއި ނަރުހުން ނުތިބޭކަން ހާމަ ވެގެން ދިޔައެވެ.

މިދުވަސް ކޮޅަކީ ކޮވިޑް-19 ގެ ވަބާއީ ބަލި މުޅިދުނިޔެއަށް ހަލުވި ކަމާއެކު ފެތުރެމުން އަންނަ ދުވަސް ވަރަކަށް ވާއިރު ހުރިހާ ސިއްޙީ ޚިދުމަތްދޭ ތަންތަނުން އަމަލު ކުރުމަށް ހެދިފައި ހުންނަ ގައިޑްލައިނާއި އެއްގޮތަށް އަމަލު ކުރަން ޖެހޭނެއެވެ. އައްޑޫއިން ހިތުގެ މައްސަލައެއްގައި ސީރިއަސް ވެގެން މީހަކު މާލެގެނަސް ފުރަތަމަ ހެދުނު ކޮވިޑް-19 ޓެސްޓުން އެމީހާ ފައްސިވިކަން އެނގުމުން އައްޑޫ ހޮސްޕިޓަލް އެލާޓަށް އައިސް 7 ޑޮކްޓަރުންނާއި 10 ނަރުހަކު އެކަހެރި ކުރިއެވެ. ސަބަބަކީ އެހުރިހާ ބޭފުޅުންނަކީ ފައްސިވިކަމަށް އިޢުލާން ކުރެވުނު މީހާއާއި ސީދާ ބައްދަލުވި މީހުނެވެ. އެމީހުން އެބަލި މީހާއަށް ފަރުވާދިނުމުގެ ކަންކަމުގައި ހަރަކާތްތެރި ވެފައިވަނީ މާސްކްވެސް ނާޅާކަމަށް ޚަބަރު ތަކުގެ ފަލަ ސުރުޚީއަށް އެރިއެވެ. މީގެ ސަބަބުން މުޅި އައްޑޫ ރައްޔިތުން ބިރުވެރި ކަމެއްގެ ތެރެއަށް ދިޔައެވެ.

ޑޮކްޓަރުންނާއި ނަރުހުންނަކީ މިފަދަ ކަންކަމަށް އެންމެ ބޮޑަށް ހޭލުން ތެރިވެފައި ތިބެންޖެހޭނެ ބޭފުޅުންނެވެ. ގައިޑްލައިން ހަދާފަ އޮންނައިރު އެކަންކަމަށް ފަރުވާތެރި ވާންވެސް ޖެހޭނީ އެބޭފުޅުންނެވެ. އަންނަކޮންމެ ބަލިމީހަކަށް ފަރުވާދިނުމަށް ތަނުގެ ހިންގާ އިސް މުވައްޒަފުން ނުމެ ތިބޭނެއެވެ. މާސްކު އެޅިތޯ ބަލާ، ސެނިޓައިޒަރ ބޭނުންކުރޭތޯބަލާ އެކަންކަން ކަށަވަރުކުރުމަށް ސިކިއުރިޓީންނެއް ނުތިބޭނެއެވެ.

އައްޑޫގެ ކޭސްއާއި ގުޅިގެން ދެން ނޫސްތަކުގެ ސުރުޚީއަށް އަރަން ފެށީ އައްޑޫ ހޮސްޕިޓަލްގައި ޕީޕީއީ ނެތްކަމަށެވެ. އަމުދުން މާސްކާއި ސެނިޓައިޒާ ނެތްކަމަށެވެ. އެހެންކަމުން އެބޭފުޅުން މާސްކް ނާޅާ ތިބީއެވެ. މީގެ ހަގީގަތް ބަލާލިއިރު ހޮސްޕިޓަލުން ވިދާޅުވެފައިވަނީ އެމީހުން އެންމެ ބޭނުންވާ މިންވަރަށް ޕީޕީއީ ނެތް ކަމަށެވެ. އެތަނުން އެފަދަ ސާމާނު ހުސްވެފައިވާ ވާހަކައެއް ހޮސްޕީޓަލަކުން ވިދާޅެއް ނުވެއެވެ. ނަމަވެސް ނޫސްތަކުން ޚަބަރު ފެތުރީ ވައިބާ ގްރޫޕަކާއި ހަވާލާދީއެވެ.

ސަރުކާރުގެ އިދާރީ ހިންގުން ހަމަޖެހިފަ އޮންނަގޮތުން ސްޓޮކް ހުންނާނީ ވަކިމީހެއްގެ ބެލުމުގެ ދަށުގައެވެ. ކޮންމެ ޑިޕާޓްމެންޓަކުންވެސް އެޑިޕާޓްމަންޓަކަށް ބޭނުންވާ ސާމާނު ހުސްވުމުގެ ކުރިން އޮންނަ އުސޫލުގެ ތެރެއިން އެސާމު ސްޓޮކުން ނަގާ ބޭނުންވާ ފަރާތްތަކަށް ހޯދާ ދިނުމަކީ އެޗްއޯޑީގެ ޒިއްމާއެކެވެ. އެހެންކަމުން އައްޑޫގެ ދިމާވި ހާދިސާއިން ފާހަގަވެގެން ދިޔައީ ސްޓޮކްގައި ހުރެމެ އެޗްއޯޑީއަށް އެކަން ނުކުރެވި އޮތީއެވެ. މިކަމުގައި އެފަދަ ސާމާނު ހުސްވުމުން މަސައްކަތް ކުރާ މުވައްޒަފުންވެސް އެޗްއޯޑީއަށް އަންގާ ހޯދަން މަސައްކަތްވެސް ކުރަންވާނެއެވެ. ސަބަބަކީ ކޮންމެ ބޭފުޅަކުވެސް ތިއްބެވީ ރައްޔިތުންގެ ޚިދުމަތުގައެވެ. އެހެންކަމުން ޚިދުމަތް ދިނުމަށް ޓީމެއްގެ ގޮތުގައި މަސައްކަތް ކުރަން ޖެހޭނެއެވެ. އެޗްއޯޑީގެ ޒިއްމާއޭ ކިޔާފަ ދެއަތް އުރާލައިގެން މިދަނޑިވަޅުގައި ތިބުމަކީ ވަރަށް ނާތަހުޒީބު ކަމެކެވެ.

ކޮވިޓް-19 ވަބާއީ ބައްޔަކީ ވަރަށް ހަލުވިކަމާއި އެކު ފެތުރެމުންދާ ބައްޔެކެވެ. އެހެންކަމުން މިދަނޑި ވަޅުގައި މިފަދަ ކޮންމެ ސިއްޙީ ޚިދުމަތް ދޭތަނަކުންވެސް މިފަދަ ކަންކަން މެދުވެރި ވެދާނެއެވެ. ސަބަބަކީ އެންމެންވެސް މިހާރު މަސައްކަތް ކުރަނީ ވަރަށް ސްޓްރެސް މާޙައުލެއްގަ އެވެ. ކޮވިޓް-19 ގެ ބިރުވެރިކަން އެންމެނަށް އިޙްސާސް ވެއެވެ. އަދި ދުނިޔޭގެ ބޮޑެތި ގައުމުތަކުންވެސް ގޯސްއެބަ ހެދެއެވެ. ގޯސް ހެދުމުން އެކަން ގަބޫލު ކުރުމަކީ ގޯސް ރަނގަޅު ކުރުމަށް އެޅޭނެ އެންމެ ފުރަތަމަ ފިޔަވަޅެވެ.

އެހެންކަމުން މިވަގުތު އައްޑޫ ސިޓީގައި ސިއްޙީ ޚިދުމަތްދޭ ހުރިހާ ހޮސްޕިޓަލަކާއި އަދި ކްލިނިކްތައް ގުޅިގެން މަސައްކަތް ކުރަން އެބަޖެހެއެވެ. މިހާރު ހެދިފައިވާ ޓާސްކް ފޯސްގެ އިތުރުން ސިއްޙީ ކަންކަން ވިލަރެސްކޮށް ހަރުދަނާ ގޮތެއްގައި ހިންގުމަށް އިތުރު (ސިއްޙީ) ޓާސްކްފޯސް އެއް އެކުލަވާލަން ޖެހޭކަމަށް މިހާރު ގަބޫލު ކުރަން ޖެހެއެވެ.

މިޓާސްކް ފޯސްގައި މަސައްކަތް ކުރާނީ މުޅިއައްޑޫ ސިޓީގައި މިހާރު ޚިދުމަތްދެމުން އަންނަ ހުރިހާ ހޮސްޕިޓަލް ތަކާއި ސިއްޙީ މަރުކަޒު ތަކާއި އަދި ހުރިހާ ކްލިނިކްތައް ހިންގާ އިސްވެރިންނެވެ. މީގެ އިތުރުން މިޓާސްކްފޯސްގައި އައްޑޫ ސިޓީގެ މޭޔަރާއި އެއަރޕޯޓާއި ޕޯރޓް ހެލްތުގެ އިސްބޭފުޅާއާއި އަދި ކުރީގެ ސީނިއާ ހެލްތް ވޯކަރުން ހިމެނުމަކީ މުހިއްމު ކަމަކެވެ. މި ޓާސްކް ފޯސްގެ ބޭނުމަކީ މުޅި އައްޑޫ ސިޓީގެ ހުރިހާ ސިއްޙީ ޚިދުމަތްތަކެއް އެއްވިއުގައެއްގެ ދަށުން ކުރުމެވެ. މިޓާސްކްފޯސް ވެގެންދާނީ ސިއްޙީ ހުރިހާ ޚިދުމަތެއް މެދުނުކެނޑި ރައްޔިތުންނަށް އެއްވެސް މައްސަލައެއް ދިމާނުވެ ޚިދުމަތް ފޯރުކޮށް ދިނުމެވެ. މިހާރު މުޅި ދުނިޔެއަށްވެސް ދިމާވެފައި މިވަނީ ސިއްޙީ އެމަޖެންސީ ޙާލަތެއްކަމުން މިފަދަ ޓާސްކްފޯސް އެއްގެ މުހިއްމުކަން ވަރަށް ބޮޑުވާނެ އެވެ. ޚާއްޞަކޮށް އައްޑޫސިޓީއަށް މިދަނޑިވަޅުގައި މިފަދަ ފޯސްއެއް ވަރަށް މުހިއްމެވެ. އޭރަށް މުޅި ސިސްޓަމް ފެއިލް ނުވެ މަސައްކަތް ކުރުމަށް ގިނަދޮރު ތަކެއް ހުޅުވިގެން ދާނެއެވެ.

މިހާރު އައްޑޫ ސިޓީގައި ހިންގާ ކްލިނިކްތަކުން ލިބޭ ޚިދުމަތް ހަމަ ރަނގަޅޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. އަދި ސިއްޙީ މަރުކަޒުތަކުން ދެވޭ ޚިދުމަތްތައްވެސް އެތަނެއްގަ ގާއިމުވެފައި ހުންނަ މިންވަރުން ހަމަ ރަނގަޅެވެ. އައްޑޫ ސިޓީގައި މިވަގުތު މާގިނަ ސިއްޙީ ވަސީލަތެއް ނެތްނަމަވެސް މިފަދަ ކްލިނިކްތަކާއި މަރުކަޒުތަކާއި އަދި ހޮސްޕިޓަލްތައް މިވަގުތު ހިންގަން ތިއްބެވީ ވަރަށް އެކަމަށް ގާބިލު ބޭފުޅުންނެވެ. އެހެންކަމުން މިހުރިހާ ބޭފުޅުން އެކުވެ ކުރެވޭ މަސައްކަތް މިހާރަށްވުރެން ފުރިހަމަ ވެފައި އަދި މިދަނޑިވަޅުގައި ހެދޭ މިސްޓޭކްތައް ވަރަށް ބޮޑުތަނުން މަދުވެގެން ދާނެއެވެ.

އެހެންކަމުން އައްޑޫ ސިޓީގެ ސިޓީ ކައުންސިލުން އިސްނަގައިގެން މިކަމަށް ވަރަށް އަވަހަށް ތައްޔާރުވާން އެބަޖެހެ އެވެ. މިކަމުގައި އެންމެ އިސްރޯލެއް މިވަގުތަށް އަދާ ކުރެވޭނެ ބޭފުޅަކީ އައްޑޫ ސިޓީގެ މޭޔަރު، ޢަބުދﷲ ޞާދިގު އެވެ. މިއީ ރައްޔިތުންނަށް މޭޔަރުގެ ލީޑަރޝިޕް ދައްކަންޖެހޭ ވަގުތެވެ. ކަންކަން ހަރުދަނާ ކުރުމަށް މޭޔަރަށް ލިބޭ ފުރުސަތަކެވެ. އެހެން ކަމުން މިފަދަ ފޯސްއެއް އެކުލަވާލަން ޖެހޭ އެންމެހާ ކަންކަން ކުރުމަށް އަވަސްވެ، އިދާރާތަކުން ހޯދަންޖެހޭ ހުއްދަ ހޯދާ މިކަމަށް ތައްޔާރުވެ ލައްވާށެވެ.

ކަންކަން ގޯސްވެ އަތްނުފޯރާ ހިސާބަށް ދިއުމުން ދެރަ އިޙްސާސް ނުވާނީ ކުރިއަށް ހަރުދަނާ މަސައްކަތެއް ކޮށްގެންކަމީ ގަބޫލު ކުރަންޖެހޭ ޙަގީގަތެކެވެ. މިގޮތަށް ޓާސްކް ފޯސްއެއް ހެދިއްޖެ ނަމަ ރައްޔިތުންގެ ޚިދުމަތުގައި ތިބޭނެ ޑޮކްޓަރުންވެސް ގިނަވާނެއެވެ. އަދި ވަސީލަތްތައް ޙިއްސާ ކޮށްލުމުގެ ފުރުސަތު ލިބި އޭގެ ސަބަބުން ރައްޔިތުންނަށް އެކަށީގެންވާ ރަނގަޅު ޚިދުމަތެއް ފޯރުކޮށްދެވޭނެ އެވެ. މިއީ މުޅި ސިއްޙީ ނިޒާމު އެކީ އެކަށް މަސައްކަތް ކުރަން ޖެހޭ ވަގުތެވެ. އޭރުން އައްޑޫ ހޮސްޕިޓަލުގެ ހިންގުން މިހާރަށްވުރެން ހަރުދާނެ ވެގެންދާނެ ކަމީ ޔަގީން ކަމަކެވެ.

މިފަދަ ޓާސްކްފޯސް އެއް އެކުލަވާލަން އައްޑޫގައި މިހާރު ސިއްޙީ ޚިދުމަތްދޭ އެއްވެސް ތަނަކުން ދެކޮޅުހަދާނެ ކަމަށް ގަބޫލެއް ނުކުރެވެ އެވެ. އެއީ އެބޭފުޅުންވެސް މިހާރު ބޭނުންވަނީ ރައްޔިތުން މި ވަބާއީ ބަލިން ރައްކާތެރިކޮށް ދުޅަހެޔޮ މުޖަތަމައަކަށް އަވަހަށް އައުމަށެވެ. އާދެއިގެ ދިރިއުޅުމަކަށް މުޅި މުޖުތަމައު ގެނައުމެވެ. އެންމެން އެކީ ކުރާ މަސައްކަތް މާބޮޑަށްވެސް ހަރުދަނާ ވާނެއެވެ. އަދި އައްޑޫ ސިޓީގެ ސިއްޙީ ނިޒާމު ހަމަ ޔަގީނުންވެސް މިހާރަށްވުރެން ހަރުދަނާ ވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު


21

ހަސަނު

11-May-2020

މުޅިރާއްޖޭގެ ސިއްހީ ނިޒާމް ވަރުގަދަ ކުރަން ސަރުކާރުން އެބަމަސައްކަތް ކުރޭ ކެތްތެރިވޭ ތެޅިގަންނަނީ މާ އަވަހަށް


15

ޢަލީ

11-May-2020

ހަމައެކަނި އައްޑޫ ސިޓީގެ ޞިއްޙީ ނިޒާމް ހަރުދަނާ ކުރުމަކުން ނުފުދޭނެއެވެ އެހެން ސިޓީތަކުގެވެސް ޞިއްޙީ ނިޒާމް ހަރުދަނާ ކުރަންޖެހޭނެއެވެ.



ޓްރެންޑިން