ސްރީލަންކާގެ ކޮވިޑް ހާލަތު ގޯސްވެ ފުރަބަންދަށް ދިއުމަށް ސިއްހީ އިދާރާތަކުން އެދުމުން ސްރީލަންކާގެ ސަރުކާރުން އެކަމާ ދެކޮޅު ހަދައިފިއެވެ.

ސްރީލަންކާގެ ކޮވިޑް ހާލަތު ގޯސްވެ ކޭސްތަކުގެ އަދަދު މައްޗަށްގޮސް، ސިއްހީ އެހީތެރިންނަށް ނުކަތާވަރުވުމުންވެސް ސްރީލަންކާގެ ސަރުކާރުން އެގައުމުގައި ރައްކާތެރިފިޔަވަޅުތައް ހަރުކަށިނުކުރުމުން، ފިޔަވަޅުތައް ވަރުގަދަކޮށް ހަރުކަށިކޮށްދިނުމަށް އެންމެ ފަހުން ސިއްހަތާބެހޭ އިދާރާތަކުން ގޮވާލާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ސްރީލަންކާގައި މިހާރު ފެތުރެމުންދާ ޑެލްޓާ ވޭރިއަންޓުގެ ސަބަބުން ދުވާލެއްގެ މައްޗަށް ބަލި ޖެހޭ މީހުންގެ އަދަދު އެވަރެޖް ކޮށް 3000 އަށް ވަނީ އަރާފައެވެ. އަދި އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ބަލީގައި 100 މީހުން މަރުވާކަމަށް ފަހުގެ ތަފާސްހިސާބުތަކުން ވަނީ ދައްކާފައެވެ. އަދަދުތައް މައްޗަށް ދިއުމުގެ އިތުރުން، ސްރީލަންކާގެ އެސޯސިއޭޝަން އޮފް މެޑިކަލް ސްޕެޝަލިސްޓްސް އިން ވަނީ އެގައުމުގެ ބައެއް ހޮސްޕިޓަލްތަކުން އޮކްސިޖަން ހުސްވެފައިވާކަމަށާއި، އަދި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ގިނަ ހޮސްޕިޓަލްތަކަކުން އޮކްސިޖަން ހުސްވެދާނެކަމަށްވެސް އިންޒާރު ދީފައެވެ.

ސިއްހީ ހާލަތު ގޯސްވިނަމަވެސް، ސިއްހީ އިދާރާތަކުން ފުރަބަންދަށް ދިއުމަށް އެދުމުން ސްރީލަންކާގެ ސަރުކާރުން ވަނީ އެކަމާ ދެކޮޅު ހަދައިފައެވެ. މިކަމާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ސްރީލަންކާގެ ކެބިނެޓުގެ ތަރުޖަމާނު ޖަޔަންތަ ޕަތިރަަނާ ވަނީ މުޅި ގައުމު ބަންދުކޮށް ފުރަބަންދަ ދާން ނުޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ކޮވިޑް ބަލިމަޑުކަމަށް އިޖާބަދިނުމަށް ހަދާފައިވާ ހާއްސަ ހެލްތު ކޮމިޓީއިން ދޭ އިރުޝާދާ އެއްގޮތަށް ސަރުކާރުން ފިޔަވަޅު އަޅަމުންދާނެ ކަމަށް ވަނީ ފާހަގަކުރައްވާފައެވެ.

ސްރީލަންކާގައި މިހާތަނަށް 5500 އަށްވުރެ ގިނަ މީހުން ކޮވިޑް ބަލީގައި މަރުވެފައިވާއިރު، 342،000 މީހަކަށް ވަނީ ކޮވިޑް ޖެހިގެން ރިޕޯޓުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން