މިދިޔަ ހޮނިހިރު ދުވަހު ހެއިޓީއަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 1،297 އަށް އަރައިފިއެވެ.

7.2 މެގްނެޓިއުޓްގެ ބާރު މިނުގައި ހެއިޓީއަށް އައި މި ބިންހެލުމުގައި ބޮޑެތި އިމާރާތްތައް ބިމާ ހަމަވެ ކުންޏަށް ވެގެން ގޮސްފައިވެއެވެ. އަދި މިހާތަނަށް މިބިންހެލުމުން 2800 އެއްހާ މީހުން ޒަޚަމްވެފައިވާކަމަށްވެސް ހައިޓީގެ ރެސްކިއުޓީމް ތަކާ ހަވާލާދީ މީޑިއާ ތަކުން ރިޕޯޓުކޮށްފައިވެއެވެ.

މިބިންހެލުމުގެ ސަބަބުން ޒަހަމްވި މީހުންނާއެކު އެގައުމުގެ ހޮސްޕިޓަލްތައްވެސް ވަނީ ފުނިޖެހިފައެވެ. އަދި މި ބިންހެލުމުން ރައްކާތެރިކަން ހޯދަން ނުކުތް ގިނަ މީހުން މިހާރު ވަނީ މަގުމަތިވެ، ހައިޓީގެ ބޯޅަ ދަނޑުތަކާއި މަގުތައް މަތީގައި ތިބުމަށް މަޖުބޫރުވެފައެވެ.

ބިންހެލުމުގެ ސަބަބުން އެތަކެއް އާންމުންގެ ގެތައް ބިމާ ހަމަވެފައިވާއިރު، ބިމާ ހަމަވެފައިވާ އިމާރާތްތަކުގެ ދަށުން މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ. ނަމަވެސް މިމަސައްކަތަށް ހުރަސް އެޅޭގޮތަށް ހޯމަ ދުވަހުގެ ރޭވެސް ހައިޓީއަށް ތޫފާނެއް އަތުވެދާނެކަމަށް އެމެރިކާގެ ނެޝަނަލް ހަރިކޭން ސެންޓަރުން މިހާރު ވަނީ ލަފާކޮށްފައެވެ. އަދި މިތޫފާނުގެ ސަބަބުން ބޯކޮށް ވާރޭވެހި، ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުން އެކަށީގެންވާ ކަމަށް އެސެންޓަރުން އިންޒާރު ދީފައިވެއެވެ.

ހޮނިހިރު ދުވަހު ހެއިޓީއަށް މިއައި ބިންހެލުމަކީ އެންމެ ނުރައްކާތެރި ބިންހެލުމެއްގެ ގޮތުގައި ބަލައި ރަތް އިންޒާރު ނެރެފައިވާއިރު، ހެއިޓީގައި މަސްދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތެއްވެސް ވަނީ އިޢުލާންކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން