އަހުމަދު މަސްނޫމް   16 އޯގަސްޓު 2021 - 17:45
މެލޭޝިޔާގެ ބޮޑުވަޒީރު މުޙިއްދީން ޔާސިނާއި، އޭނާގެ ކެބިނެޓް އިސްތިއުފާދެއްވައިފިއެވެ.

މީގެ 17 މަސްދުވަސް ކުރިން ވެރިކަމާއި ހަވާލުވި ބޮޑުވަޒީރު މުހިއްދީން އިސްތިއުފާގެ ސިޓީ މެލޭޝިޔާގެ ރަސްގެފާނަށް އަރުވާފައިވާކަން އެގައުމުގެ ސައިންސް މިނިސްޓަރ ޙައިރީ ޖަމާލުއްދީން ވަނީ ކަށަވަރުކޮށްދެއްވާފައެވެ. އަދި ބޮޑުވަޒީރު މުހިއްދީން، ރަސްގެފާނު ގެ ގަނޑުވަރުން ނިކުމެ ވަޑައިގަންނަވާ މަންޒަރު ފެންނަ ފޮޓޯތައްވެސް ދަނީ މީޑިއާގައި ދައުރުވަމުންނެވެ.

މުހިއްދީން އިސްތިއުފާ ދެއްވާފައި މިވަނީ ރައްޔިތުންގެ މެދުގައި އޭނާގެ މަގުބޫލުކަން ގެއްލި، އޭނާގެ ޕާޓީއާއި ސަރުކާރުގެ އެކިއެކި އިސް ބޭފުޅުންވެސް އޭނާ މަގާމުން ވަކި ވެވަޑައިގަތުމަށް ގޮވާލަމުންދާތާ ދުވަސްތަކެއްވިފަހުންނެވެ.

މުހިއްދީންއަށްފަހު މެލޭޝިޔާގެ ބޮޑުވަޒީރުކަމަށް އަންނަނީ ކޮން ބޭފުޅެއްކަމެއް އަދި ނޭނގެެއެވެ. އެއީ މެލޭޝިޔާގެ ގާނޫނު ހަދާ މަޖިލީހުގެ ސާފު އަގުލަބިއްޔަތު އެއްވެސް ބަޔަކަށް ނެތުމުންނެވެ. އަދި ކޯވިޑްގެ ހާލަތު މެލޭޝިޔާގައި ވަރަށް ގޯސްވެފައިވާއިރު، މިދަނޑިވަޅުގައި އިންތިހާބެއް ބޭއްވުންވެސް ވާނީ ދަތިކަމަކަށެވެ.

ނަމަވެސް މެލޭޝިޔާގެ ގާނޫނުއަސާސީ ބުނާގޮތުން މަޖިލީހުގެ އަގްލަބިއްޔަތު އޮތްކަމަށް ރަސްގެފާނަށް ބެލެވޭ ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކަށް ބޮޑުވަޒީރުގެ މަގާމު ދެވިދާނެއެވެ. ބައެއް ފަރާތްތަކުން ބުނާގޮތުން ވެރިކަމަށް އައުން އެންމެ ގާތީ 2018 ވަނަ އަހަރު ވެރިކަމުން ފޭބި ނަޖީބް ރައްޒާގުގެ ޔޫއެމްއެންއޯ ޕާޓީއެވެ. އެގޮތުން ބޮޑުވަޒީރުކަން ލިބޭނީ އެޕާޓީގެ މެމްބަރެއްކަމަށްވާ އަދި މިހާރުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ ސަބާރީ ޔާގޫބް ނޫނީ އެޕާޓީގެ ސީނިއަރ އެމްޕީއެއް ކަމަށްވާ ހަމްޒާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން