ހަމަސް ދުވަހަށްފަހު ކޮވިޑްގެ އެންމެ ބަލި މީހަކު ފެނިގެން މުޅި ނިއުޒިލޭންޑު ލޮކްޑައުންކޮށްފިއެވެ.

މި ކޮވިޑް ކޭސްއާއި ގުޅިގެން މިއަދުން ފެށިގެން ނިއުޒިލޭންޑް އެއްކޮށް ތިން ދުވަހަށް ލޮކްޑައުން ކުރުމަށް ހަމަޖެހިފައިވާއިރު ކޮވިޑް ކޭސް ފެނުނު އޮކްލޭންޑް ސިޓީ 7 ދުވަހަށް ލޮކްޑައުން ކުރުމަށް ހަމަޖެހިފައިވާކަމަށް ނިއުޒިލޭންޑްގެ ބޮޑުވަޒީރު ޖަސިންދަ އަރޑާން ވިދާޅުވެފައިވެއެވެ. އަދި މިލޮކްޑައުންގެ މުއްދަތުގައި ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަމަށްވެސް ނިއުޒިލޭންޑްގެ ބޮޑުވަޒީރު ވިދާޅުވެފައިވެއެވެ.

މިގޮތުން މިލޮކްޑައުންގެ މުއްދަތުގައި ނިއުޒިލޭންޑްގެ ސްކޫލްތަކާއި، އޮފީސްތަކާއި ވިޔަފާރިތައް ބަންދުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އާންމުންނަށް ހަމައެކަނި ހިދުމަތް ލިބޭނީ އަސާސީ ބޭނުންތަކަށް އެކަނިކަމަށް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.

"މިކަމުން އަވަހަށް އަރައިގަނެ ސަލާމަތްވުމަށް އެންމެ ރަނގަޅު ގޮތަކީ ހަރުކަށިވުން." ނިއުޒިލޭންޑްގެ ބޮޑުވަޒީރު ވިދާޅުވިއެވެ.

ނިއުޒިލޭންޑްގައި އެންމެ ފަހުން ކޮވިޑް ކޭސްއެއް ރިޕޯޓުކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުއެވެ. ކޮވިޑް ފެތުރެން ފެށީއްސުރެ ނިއުޒިލޭންޑްގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާއެކު، އެގައުމުން ކޮވިޑް އެއްކޮށް ނައްތާލައި އެހެން ގައުމުތަކަށް ވުރެ ކުރިން މިބަލިމަޑުކަމުން އަރައިގަނެ، ކޮވިޑް ކޭސްތަކުގެ އަދަދު ސުމެއްގައި ގިނަ ދުވަސްތަކަކު ހިފަހައްޓާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން