ހައްދުންމަތީ އިސްދޫ ހެލްތް ސެންޓަރުން ވެކްސިން ޖެހިގޮތުން 2 މަހުގެ ތުއްތު ކުއްޖެއްގެ ފައި އިންފެކްޓްވެ ހަލާކުވެ ދޮސްލާފައިވާ ކަމަށް އެ ކުއްޖާގެ އާއިލާއިން ޝަކުވާކޮށްފިއެވެ.

ޝޯޝަލް މީޑިޔާގައި އާއިލާއިން އާންމުކުރި ފޭސްބުކް ޕޯސްޓެެއްގައި ބުނެފައިވަނީ ތުއްތު ކުއްޖާ ވެކްސިން ޖަހާފައިވަނީ އެކުއްޖާއަށް ދެމަސް ފުރުމުން މިމަހުގެ 11 ވަނަ ދުވަހު ލ. އިސްދޫ ހެލްތް ސެންޓަރުންކަމަށެވެ. ތުއްތު ކުއްޖާގެ މަސްގަނޑަށް ސީދަލަށް ޖަހަންޖެހޭ ވެކްސިނެއް އަވަސް އަރުވާލައިގެން ކައްޗަކަށް ވެކްސިން ޖެހުމުގެ ސަބަބުން އެކުއްޖާގެ ފައިގައި އިންފެކްޝަން އުފެދި ހަލާކުވެ ދޮސްލާފައިވާ ކަމަށް އާއިލާ އިން ޝޯޝަލް މީޑިޔާގައި އާންމުކުރި ޕޯސްޓްގައި ބުނެފައިވެއެވެ.

އެކުއްޖާގެ ފައި ހަލާކުވެ ދޮސްލާފައިވާ ފޮޓޯތަކާއި އެކު އެ ޕޯސްޓްގައި ވަނީ އާންމުކޮށްފައެވެ. އެކުއްޖާއަށް އިސްދޫ ހެލްތު ސެންޓަރުން ދޭނެ ފަރުވާ އެއް ނެތުމުން އެއަތޮޅު ގަމު ރީޖަނަލް ހޮސްޕިޓަލުގެ ކުޑަ ކުދިންގެ ހާއްސަ ޑޮކުޓަރަކަށް ދެއްކުމުން އެންގީ ސަރޖަރީ ޑޮކުޓަރަކަށް ދެއްކުމަށެވެ. އެ ޑޮކުޓަރަށް ދެއްކުމުން އެއީ ވެކްސިން ޖެހިގޮތުން ދިމާވި ކަމެއް ކަމަށް ބުނި ކަމަށް އެ ޑޮކުޓަރާއި ހަވާލާދީ އާއިލާއިން ބުނެފައިވެއެވެ. އެކުއްޖާގެ އާއިލާއިން ބުނީ އެންމެ ފަހުން އެތަން ޖެހުނީ ފަޅާލަން ކަމަށެވެ.

"އިސްދޫ ހެލްތު ސެންޓަރުން މިކަމުގެ ޒިންމާ ނަގާނެ ފަރާތެއް ނެތް. ކުޑަކުދިންނަށް މިފަދަ އެއްޗެހި ޖަހާއިރު ތަންކޮޅެއް ފަރުވާ ބަހައްޓައިގެން ނޫންތޯ ޖަހަން ޖެހޭނީ. ދުވަހުން ދުވަހަށް އެތަން ދަނީ ހަލާކުވަމުން. މިކަހަލަ ފަރުވާ ކުޑަ ތަނަކަށް އަހަރެެމެންގެ ދަރިން ޑޮކުޓަރަށް ދައްކަން ވެސް ބިރުގަނޭ." އާއިލާގެ ޕޯސްޓްގައިވެއެވެ.



މިމައްސަލަ އާއި ގުޅިގެން އިސްދޫ ހެލްތް ސެންޓަރުގެ ބަހެއް ލިބޭގޮތެއް ނުވިއެވެ. އަދި ހެލްތް މިނިސްޓްރީއިން މި ހާދިސާއާއި ގުޅޭގޮތުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން