ސްރީލަންކާގައި މިހާރު ކުރިއަށްދާ ލޮކްޑައުންގެ މުއްދަތު އިތުރުކޮށްފިނަމަ އާންމުންނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެކަމަށް ސްރީލަންކާގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ ވިދާޅުވެއްޖެއެވެ.

ރާޖަޕަކްސަ މިހެން ވިދާޅުވެފައިވަނީ ހުކުރު ދުވަހުން ފެށިގެން މުޅި ސްރީލަންކާ ލޮކްޑައުން ކުރުމަށް ނިންމަވާ ގައުމާ މުޚާތަބު ކުރައްވަމުންނެވެ. ސްރީލަންކާ ލޮކްޑައުންކޮށްފައިވަނީ ކޮވިޑުގެ ހާލަތު ގޯސްވެ ހުކުރު ދުވަހުގެ ރެއިން ފެށިގެން 10 ދުވަހުގެ މުއްދަތަށެވެ.

ރާޖަޕަކްސަގެ ވާހަކަފުޅުގައި ސްރީލަންކާގެ ލޮކްޑައުންގެ މުއްދަތު އިތުރުކޮށްފިނަމަ އާންމުންނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެގެން ދާނެކަމަށް ފާހަގަކުރައްވާ، ހާލަތު ގޯސްވެއްޖެނަމަ ބޮޑެތި ގުރުބާނީތަކަކާ ކުރިމަތިލުމަށް ތައްޔާރުވެތިބުމަށް ގޮވާލައްވާފައިވެއެވެ. ހާއްސަގޮތެއްގައި ލޮކްޑައުންގެ މުއްދަތު އިތުރުކޮށްފިނަމަ މުޅި ގައުމުގެ މާލީ ހާލަތު ނުތަނަވަސްވެ، އިގްތިސާދު ހީނަރުވެގެން ދިއުން އެކަށީގެންވާކަމަށްވެސް ރާޖަޕަކްސަގެ ވިދާޅުވެފައިވެއެވެ. މިހެންކަމުން ހާލަތު ދެނެގަނެ، ކޮވިޑް ބަލިމަޑުކަމުން ގައުމު ސަލާމަތްކޮށްދިނުމަށް އެންމެންގެ އެއްބާރުލުން މުހިންމުކަމަށް ފާހަގަކުރަށްވައި، މިބަލިމަޑުކަމުން އަރައިގަތުމަށް އާންމުންގެ އެހީއަށް ރާޖަޕަކްސަ ވަނީ ގޮވާލައްވާފައެވެ.

ހުކުރު ދުވަހުގެ ރެއިން ފެށިގެން ހަރުކަށި ފިޔަވަޅުތަކަކާއެކު މުޅިގައުމު ލޮކްޑައުން ކުރުމާއިއެކު، ހަލަބޮލި ސްރީލަންކާގެ މަގުތައް މިއަދު ފެންނަނީ މުޅިން ހުސްކޮށެވެ.

ސްރީލަންކާ ލޮކްޑައުންކޮށްފައިވަނީ އެތައް ދުވަހެއްގެ މަތިން އެގައުމުގެ ސިއްހީ މާހިރުން، އެގައުމުގެ ސަރުކާރުގައި އެކަމަށް އެދެމުންދަނިކޮށެވެ. މިގޮތުން މީގެ ކުރިން، ސްރީލަންކާ ލޮކްޑައުން ނުކުރާނެ ކަމަށްވެސް ސަރުކާރުގެ ބައެއް އިސްވެރިން ވިދާޅުވެފައިވެއެވެ.

ސްރީލަންކާގެ ސިއްހީ މާހިރުންގެ އެދުނު އެދުމާ ޚިލާފަށް ކުރުމުއްދަތަކަށް ގައުމު ލޮކްޑައުންކޮށްފައި އޮތްނަމަވެސް، ސްރީލަންކާގެ ހާލަތު ރަނގަޅު ނުވެއްޖެނަމަ ލޮކްޑައުންގެ މުއްދަތު އިތުރުވެގެން ދިއުން އެކަށީގެންވާކަން ސްރީލަންކާގެ ރައީސް ރާޖަޕަކްސަގެ ވާހަކަފުޅުން ހާމަވެގެންގޮސްފައިވެއެވެ. ސްރީލަންކާގެ ސިއްހީ މާހިރުން، އެގައުމުގެ ސަރުކާރުގައި އެދިފައިވަނީ މަދުވެގެން ހަތަރު ހަފްތާގެ މުއްދަތަކަށް ސްރީލަންކާ ލޮކްޑައުން ކޮށްދިނުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން