އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއަރ.
އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއަރ.
އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިން އެގައުމުން ބޭލުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ނިންމެވި ނިންމެވުމަކީ މޮޔަ ވިސްނުންފުޅެއްކަމަށް އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއަރ ވިދާޅުވެއްޖެއެވެ.

ޓޯނީ ބްލެއަރ މިހެން ވިދާޅުވެފައިވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ނިންމެވުމަށް އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިން ބާލަން ފެށުމާއިއެކު، އަފްޣާނިސްތާނަށް ތާލިބާން ޖަމާއަތް އަތްގަދަކޮށް އެގައުމު ހިފުމާގުޅިގެންނެވެ. މިގޮތުން ރައީސް ޖޯ ބައިޑެންގެ އެ ނިންމެވުމަކީ މޮޔަ ވިސްނުންފުޅެއްކަމަށާއި، ދުރާލާ މިކަމާ ދޭތެރޭ ވިސްނާފައި ނުވާކަމަށް ބްލެއަރ ފާހަގަކުރަށްވާފައިވެއެވެ.

އަދި ޖޯ ބައިޑެންގެ ނިންމެވުމަކީ ސިޔާސީ ބޭނުމަކަށް ނިންމެވި ނިންމުމެއް ކަމަށް ބްލެއަރ ވަނީ ތުހުމަތު ކުރައްވާފައެވެ.

"ކުރަން މަޖުބޫރުވިކަމެއް ނޫން. މިއީ ނިންމެވި ނިންމެވުމެއް. މިފަދަ ނިންމެވުމެއް ނިންމަވާފައިމިވަނީ ހަނގުރާމަތައް ހުއްޓުވުމަށް ކަމަށްބުނެ ފަތުރަމުންދާ ސިޔާސީ ޝިޔާރެއްގެ ދަށުން." އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއަރ ވިދާޅުވިއެވެ.

އަދި މިފަދަ ސިޔާސީ ނުފޫޒުން އެކުލަވާލެވޭ ޚާރިޖީ ސިޔާސަތުތަކާއެކު އެމެރިކާގެ ބާރު ކެނޑިގެންދާކަމަށްވެސް ޓޯނީ ބްލެއަރ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މިފަދަ ނިންމުމަކުން އަފްޣާނިސްތާނުގެ ރައްޔިތުން ނުރައްކާތެރި ހާލަތަކަށް ވައްޓާލެވިފައިވާކަމަށްވެސް ބްލެއަރ ވަނީ ތުހުމަތު ކުރައްވާފައެވެ.

"އަފްޣާނިސްތާނުގެ ރައްޔިތުން ދޫކޮށްލުން މިއީ ނުރައްކާތެރި އަދި އެހާމެ ހިތާމަ ހުރި ކަމެއް. އަދި އެެއްވެސް ބަޔަކަށް ފައިދާއެއް ހުރިކަމެއް ނޫން މިއީ." ޓޯނީ ބްލެއަރ ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންނެވިއިރު، ޓޯނީ ބްލެއަރ ވަނީ އެގައުމުގެ ސިފައިން އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިންނާ ގުޅި ތާލިބާނުންނާ ހަނގުރާމަ ކުރުމަށް ފޮނުވާފައެވެ. 2001 ވަނަ އަހަރު އަފްޣާނިސްތާނަށް ދިޔަ އިނގިރޭސިވިލާތުގެ ސިފައިން އަނބުރާ ގައުމަށް އައިސްފައިވަނީ 2014 ވަނަ އަހަރުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން