ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް (ވ) އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް (ވ) އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ރާއްޖޭގައި ވެރިކަން ކުރަންޖެހޭ ނިޒާމާ ގުޅޭ ގޮތުން ގޮތް ނިންމާނީ ރައްޔިތުން ކަަމަށް، ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އަދިވެސް ވިދާޅުވާ ކަމަށް ރައީސް އޮފީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގައި އެމަނިކުފާނު ތާޢީދުކުރައްވާނީ ބަރުލަމާނީ ނިޒާމަށް ތާއީދުކުރާ ކެނޑިޑޭޓުންނަށްކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ ވިދާޅުވެފައެވެ. ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ، ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ޤާއިމްކުރުމަށް ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅުގެ ދަށުން އިތުރު މަސައްކަތްތަކެއް ފަށްޓަވާފައިވާ ދަނޑިވަޅެއްގައެވެ.

އެކަމާ ގުޅިގެން "ރަސް އޮންލައިން" އަށް މަޢުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ވެރިކަމުގެ ނިޒާމުގެ މައްސަލާގައި ގޮތް ނިންމާނީ ރައްޔިތުން ކަމަށް ރައީސް އަދިވެސް ވިދާޅުވާ ކަމަށެވެ. އަދި ރައީސް ނަޝީދުގެ އިސްނެންގެވުމަށް ފަށާފައިވާ ޕެޓިޝަނަށް ރައީސް މަރުޙަބާ ވިދާޅުވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

"މިއީ އާންމުން ބޭނުންވާ ބަދަލެއްތޯ ނޫނީ އާންމުންގެ މެދުގައި އޮތް ކަންބޮޑުވުމެއްތޯ ބެލުމަކީ ބޮޑުކަމެއް ނޫން. މީގެ ކުރިންވެސް ރައީސް ޞާލިޙް ވިދާޅުވެފައިވޭ ރިޔާސީ ނިޒާމު ބަދަލު ކުރުމަކީ އާންމުންގެ ނިންމުމެއްކަމަށް. ޕެޓިޝަން ފަށާފައިވަނީ އާންމުންގެ ހިޔާލު ދެނެގަތުމަށް. ވީމާ މި ޕެޓިޝަނަށް މަރުޚަބާ ކިޔަން." މަބްރޫކް ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ގޮވާލައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ޕެޓިޝަނެއް ހުށަހެޅުމަށް އެމްޑީޕީގެ ރައީސް ނަޝީދުގެ ފެކްޝަންގެ މެމްބަރުން ވަނީ މަސައްކަތްތަކެއް ފަށާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ގޮވާލާ ރައީސަށް ހުށައަޅާ ޕެޓިޝަންގައި ވީހާވެސް ގިނަ މެމްބަރުން ސޮއިކުރުމަށް އެދިވަޑައިގެންފައެވެ. އަދި މި ޕެޓިޝަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން