ޕީއެންސީގެ ކައުންސިލް މެމްބަރު ޝަހީބު އިބްރާހިމް (މ)
ޕީއެންސީގެ ކައުންސިލް މެމްބަރު ޝަހީބު އިބްރާހިމް (މ)
ހުޅުމާލޭ ފަޅުގައި އޮތް ދޯންޏަކުން ފެނުނު 130 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހުންގެ ޝަރީޢަތުގެ އަޑުއެހުމަށް މިއަދު ބާއްވައިފިއެވެ.

ހުޅުމާލޭ ފަޅުގައި އޮތް ދޯންޏަކުން ފެނުނު 130 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހުންގެ ތެރެއިން އެކަމުގައި އިސްކޮށް ތިބީ އިދިކޮޅު ޕީއެންސީގެ ކައުންސިލް މެމްބަރު ގއ. ވިލިނގިލީ، ލައިޓްހައުސް، ޝަހީބް އިބްރާހިމް، އާއި ހއ. ހޯރަފުށި، ވައިލެޓްވިލާ، އަހްމަދު މޫސާ އެވެ. އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ ޚުލާސާ ގޮތެއްގައި އަހުމަދު މޫސާއާއި ޝަހީބު އިބްރާހިމްގެ މައްޗަށް ދައުލަތުން ކުރާ ދައުވާތައް ސާފު ކޮށްދެއްވާފައެވެ. އަދި އެ ދެމީހުން ވެސް ވަނީ ދައުވާ ސާފުވެފައިވާކަން ފާހަގަކޮށް ދައުވާއަށް އިންކާރު ކޮށްފައެވެ.

މިއަދުގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ޝަކީލް ވަނީ ދެން އޮންނާނީ ހެކި ހާމަކުރުމަށް ބާއްވާ އަޑުއެހުމެއްކަމަށް ވިދާޅުވެފައެވެ. އެ އަޑުއެހުން ތާވަލު ކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުގެ ހެނދުނު 10:30 އަށެވެ. އޭގެ އިތުރުން މައްސަލައިގެ ބަންދުގައި ތިބި މީހުންނަށް ލުޔެއް ދެވެން ނެތް ކަމަށްވެސް ޝަރިޢަތުން މިއަދު ވަނީ ކަނޑައަޅާފައެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު ރާއްޖެ އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި އިދިކޮޅު ޕީއެންސީގެ ކައުންސިލް މެމްބަރަކަށްހުރި ޝަހީބުގެ ޑްރަގް ނެޓްވޯކުގައި އިތުރު ބަޔަކު ވެސް ހިމެނެ އެވެ. ރާއްޖެ އަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކަނޑުމަތީގައި ހިންގި އޮޕަރޭޝަންގައި ހަތް މީހަކު ހައްޔަރު ކުރި އެވެ.

އެ މައްސަލައިގައި ކްރިމިނަލް ކޯޓުގައި ދައުވާކޮށްފައިވަނީ، ޝަހީބާއި، އަޙްމަދު މޫސާގެ އިތުރުން ގއ. ވިލިނގިލި، ދުންފިނިގެ، އަސީލް މާހިރުއާއި ޅ. ހިންނަވަރު، ސެލް، އަނަސް ހުސައިންގެ އިތުރުން، ބަންގްލަދޭޝް ދެ މީހެއް ކަމަށްވާ މުހައްމަދު ރިޔާދުއާއި އިޤްބާލްގެ މައްޗަށެވެ. އެ ހަ މީހުންގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ތިން ދައުވާއެއް އުފުލާފައިވެއެވެ. އެއީ މަސްތުވާތަކެތީގެ ގާނޫނުގެ ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ރާއްޖެއެތެެރެކުރުމުގެ ކުށުގެ ދައުވާއަކާއި ޖަދުވަލް 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއަކާއި އަދި ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާއެވެ.

ޝަހީބް އިބްރާހިމަކީ 2019 ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާއި ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރާން ބޯޓުގެ މައްސަލައާ ގުޅުން އޮތް ފަރާތެއްކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހިފެހެއްޓި އިރާން ބޯޓުން ހައްޔަރުކުރި 7 މީހުންނާއި ޖާމިނު ވެފައިވަނީ ޝަހީބް އިބްރާހިމްކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. އަދި އެމައްސަލާގައި ޝަހީބް އިބްރާހިމް އާއި ޖާމިނުކޮށް އީރާން 7 މީހުން ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލާފައިވާކަން ފުލުހުން ފާހަގަކުރައްވައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން