އުމުރުން އެންމެ 10 އަހަރުގައި ޖީސީއީ އޯލެވެލްގެ ކެމިސްޓްރީން އޭ ސްޓާރ ހޯދި ހުރަވީ ސްކޫލްގެ ދަރިވަރު ހއ. އިހަވަންދޫ، ވަފާ، ރަޔާން ރިޔާޒް ޢަބްދުލް ވާޙިދު އެންމެ ބޭނުންވަނީ ސައިންޓިސްޓަކަށް ވާށެވެ. އެހެންވެ އޭނާ އެންމެ ބެނުންވީ ގޭގައި ލެބޯރެޓަރީއެއް ހެދުމަށެވެ. ރަޔާން ހޯދި ފަޚުރުވެރި ކާމިޔާބާއި ގުޅިގެން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އިއްޔެ ރަޔާނާ ބައްދަލު ކުރަށްވައި އެންމެ ބޭނުމީ ކޮންކަމެއްތޯ ސުވާލު ކުރުމުން ރަޔާން ބޭނުންވީ ގޭގައި ލެބެއް ގާއިމު ކުރުމެވެ. އެހެންވީމާ ރައީސް ޞާލިޙުވެސް ނިންމެވީ ރަޔާން ބޭނުންވާ ގޮތަށް ރަޔާނަށް ލެބެއް ހައްދަވައި ދެއްވުމަށް އެހީތެރިވެދެއްވުމަށެވެ. އަދި އިއްޔެ އެމަނިކުފާން ވަނީ ވަގުތުން ރަޔާންގެ އެ އެދުން ފުރިހަމަ ކޮށްދެއްވަން މަސައްކަތް ކުރަށްވާނެ ކަމަށް އިޝާރާތް ކުރަށްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިއްޔެ ވަނީ ރަޔާނާ ބައްދަލުކުރައްވައި އޭނާ ހޯދި ކާމިޔާބީއަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި މިހާ ޅަ އުމުރެއްގައި ރަޔާން، ޖީސީއީ އޯލެވެލްގެ ކެމިސްޓްރީން އެފަދަ މަތީ ވަނައެއް ހޯދުމުން އެމަނިކުފާނު އެކަމަށް ތަޢުރީފް ކުރައްވައި، އެކަމާއި ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

މިބައްދަލުކޮށްލެއްވުމުގައި ކެމިސްޓްރީއާ މެދު ރަޔާން ޝައުޤުވެރިވި ގޮތާގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ މަޢުލޫމާތު އޮޅުންފިލުއްވިއެވެ. އަދި ރަޔާން ބޭނުންވަނީ ކޮންކަމެއްތޯއާއި، ބޮޑުވެގެން އަދާކުރަން ބޭނުންވަނީ ކޮންކަހަލަ ވަޒީފާއެއްތޯ ރައީސުލްޖުމްހޫރިއްޔާ ސުވާލުކުރެއްވުމުން ރަޔާން ބޮޑުވެގެން ވާން ބޭނުންވަނީ ސައިންޓިސްޓަކަށް ކަމުގައި އޭނާ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވިއެވެ. އަދި، ގޭގައި ލެބެއް ހެދުމަށާއި، ކުދި ކުދި އެކްސްޕެރިމަންޓް ކުރުމަށް ބޭނުންވާ ޢާލާތްތައް ބޭނުންވާކަމަށްވެސް ވިދާޅުވިއެވެ. ރަޔާންގެ ވާހަކަތަކާއި ގުޅިގެން ރައީސް ސާލިހު ވަނީ ރަޔާންގެ ލެބަށް ބޭނުންވާ ތަކެތީގެ ލިސްޓެއް ހެދުމަށް ވިދާޅުވެފައެވެ.



ރަޔާންގެ ބުރަ މަސައްކަތާއި ހޯދި ކާމިޔާބީއަށް ހިތްވަރުދެއްވުމުގެ ގޮތުން ޚާއްޞަ އިނާމެއްވެސް އޭނާއަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އަދި، ރަޔާން ބޭނުންވާ ކަންތައްތައް ކޮށްދެއްވުމުގައި ވެދެއްވެން އޮތް އެހީތެރިކަމެއް ވެދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރަޔާންގެ މަންމަ ޢާއިޝަތު ޔުމްނާ ވިދާޅުވިގޮތުގައި ރަޔާން ކުޑައިރުއްސުރެ ވެސް ފޮތް ކިޔުމަށް ޚާއްޞަ ޝައުޤުވެރިކަމެއް ބަހައްޓައެވެ. އަދި، ރަޔާންގެ މަންމައަކީ ކެމިސްޓްރީ ޓީޗަރަކަށް ވުމާއެކު ރަޔާން ވަރަށް ގިނައިން ގޭގައި ކެމިސްޓްރީ ފޮތް ކިޔާކަމަށާއި، އޯ ލެވެލްއަށް ތައްޔާރުވެފައި ވަނީ ޕެންޑެމިކްގެ ޙާލަތުގައި ގޭގައި ގިނަ ދުވަސްތަކެއް ހޭދަކުރަން ޖެހުމުން ރަޔާން އަމިއްލަޔަށް އެއްޗިހި ސަރޗްކޮށްގެން އަމިއްލަޔަށް ކިޔަވައިގެންކަމުގައި ރަޔާންގެ މަންމަ ޔުމްނާ ވަނީ ވިދާޅުވެފައެވެ.

ރަޔާންގެ މިކާމިޔާބީގެ ވާހަކަ މީޑިއާތަކުން ގެނަސް ދިނުމުން ވަރަށް ގިނަ ބަޔަކު ރަޔާނަށް ތަޢުރީފުކޮށް ހިތްވަރުދީ ސާބަސް ދީފައި ވެއެވެ. އަދި ރާއްޖޭގައި ތިބި މިފަދަ ހުނަރުވެރި ކުޑަކުދިންގެ ހުނަރު ފާހަގަކޮށް ސްކޫލްތަކުން ވެސް އެކަންކަން ދެނެގަނެ އެކުދީންނަށް ފުރުސަތުތައް ފަހިކޮށްދޭން ޖެހޭކަމަށް ބައެއް މީހުން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން