ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުކުރެއްވުން
ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުކުރެއްވުން
ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލްތަކަށް ބާރުތައް ލިބިފައިވާއިރު، ހަމަ އެކަނި ވަކިރަށެއްގެ ތަރައްޤީއަށް ނުބަލައި މުޅި ޤައުމަށް ފައިދާވާނެފަދަ ގޮތަކަށް ހުރިހާ ކައުންސިލްތަކުން ކަންކަން ރޭވުމަށް މަސައްކަތް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު މިގޮތަށް އެދިވަޑައިގެންނެވީ މިއަދު ހުވަދު އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް މެންބަރުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލުންވަނީ ސަރުކާރުގެ ވަޢުދުތައް ފުއްދުމަށާއި، އަތޮޅުގެ ތަރައްޤީއަށް ކުރައްވަމުން ގެންދަވާ ކަންތައްތަކުގައި އަތޮޅު ކައުންސިލްގެ ފަރާތުން ބޭނުންވާނެ ފުރިހަމަ އެއްބާރުލުން ސަރުކާރަށް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި އެ ބޭފުޅުން ވަނީ ގއ އަތޮޅު ކައުންސިލުން އެ އަތޮޅުގެ ތަރައްޤީއަށް ރާވައިފައިވާ މަސައްކަތްތަކާއި، މިހާރު ކުރިއަށްދާ މަސައްކަތްތަކާއި، އަތޮޅުގެ ރަށްރަށަށް ބޭނުންވެފައި ހުރި ކަންކަމުގެ މަޢުލޫމާތާއި، ރަށްރަށުގެ ކަންކަން ތަރައްޤީކޮށް ކުރިއެރުވުމުގައި ދިމާވާ ދަތިތައް ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާ ކުރައްވައިފައެވެ.

އެގޮތުން ކައުންސިލަރުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި އަތޮޅު ކައުންސިލުން ރަށްރަށުގެ ކައުންސިލާއި ބައްދަލުކޮށް އެރަށްރަށަށް ބޭނުންވާ ކަންތައްތައް ކޮށްދިނުމަށް ކުރިމަތިވާ ބަޖެޓުގެ ދަތިކަން ފާހަގަކުރެއްވެވިއެވެ. އަދި މިކަމަށް ޙައްލު ހޯދުމަށްޓަކައި ކައުންސިލަށް އާންމުދަނީ ލިބޭނެފަދަ ގޮތަކަށް ފަޅު ރަށުގެ ބޭނުން ހިފޭނެ މަގުފަހިކޮށްދެއްވުމަށް އެބޭފުޅުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދަންނަވާފައެވެ.

އަދި އަތޮޅުގައި ހަދަމުންދާ ރިސޯޓުތައް އަވަހަށް ނިންމުމަށް ސަރުކާރުން ކޮށްދެވެންހުރި މަސައްކަތް ކޮށްދެއްވައި އެ ރިސޯޓުތަކުން ރައްޔިތުންނަށް ފައިދާލިބޭނެ މަގު ތަނަވަސްކޮށްދެއްވުމަށް އެބޭފުޅުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދަންނަވާފައެވެ.

މީގެ އިތުރުންވެސް އަތޮޅު ކައުންސިލުން ވަނީ މަސްވެރިންނަށް ކުރިމަތިވާ ދަތިތަކާއި، އަތޮޅު ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމާއި، ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ދަނާލެއް ނެތުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ޙިއްޞާކުރައްވާފައެވެ. ހަމަ އެއާއެކު ކޫއްޑޫ އެއާޕޯޓުގައި ބައެއް ވަޞީލަތްތައް މަދުވުމުން ކުރިމަތިވާ ދަތިތައްވެސް އެބޭފުޅުންވަނީ ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާކުރައްވާފައެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން އަތޮޅުތަކުގައި ހުރި ރިސޯޓުތަކުން ލިބޭ ބިމުކުލިން އާންމުދަނީ ކައުންސިލަށް ލިބޭފަދަގޮތަކަށް ހެދުމަށްޓަކައި ޤާނޫނަށް ބަދަލުގެންނަވާފައިވާކަން ފާހަގަކުރެއްވެވިއެވެ. އަދި މިފްކޯ އެކްޓެންޝަން މަޝްރޫޢުގެ ތެރެއިން ކޫއްޑޫ މަސްވެރިންގެ ކަންބޮޑުވުންތަކަށް ޙައްލު ލިބިގެންދާނެކަމަށާއި، ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ދަތިތައް ޙައްލުކުރުމަށް ޔޫ.އެސް.ޕީގެ ދަށުން ހޮސްޕިޓަލް ޕްރޮޖެކްޓްގެ މަސައްކަތްވެސް ސަރުކާރުން ކުރަމުންދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް، ގއ. އަތޮޅު ކައުންސިލުން ފާހަގަ ކުރެއްވި ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރެއްވުމަށްފަހު އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ބައްދަލުކުރެއްވުމުގައި ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން