އިނގިރޭސިވިލާތަށް ދަތުރުކުރަމުންދިޔަ އަފްގާނުގެ ރައްޔިތަކު ފްލައިޓު މަތީ ވިހައިފިއެވެ.

އަފްގާނިސްތާނު ހިފާފައިވާ ތާލިބާނު ޖަމާއަތުގެ އަތްދަށުން ސަލާމަތްވުމަށް އިނގިރޭސިވިލާތަށް ދަތުރުކުރަމުންދިޔަ އަފްގާނުގެ އުމުރުން 26 އަހަރުގެ މިއަންހެންމީހާ ވިހާފައިވަނީ ޑުބާއީމަގުން އިނގިރޭސިވިލާތަށް ދަތުރުކުރަމުންދިޔަ ޓަރކިޝް އެއަރލައިންގެ ފްލައިޓްމަތީގައެވެ.

ފްލައިޓު މަތީގައި މާބަނޑު އަންހެން މީހާ ވިހަން ބަނޑުގައި ރިއްސަން ފެށިއިރު ފްލައިޓު މަތީގައި އެއްވެސް ޑޮކްޓަރެއް އަދި އެއްވެސް މެޑިކަލް އޮފިސަރަކުވެސް ނެތެވެ. މިހެންކަމުން ވިހެއުމުގައި އެހީތެރިވެދީފައިވަނީ ފްލައިޓުގައި އެވަގުތުތިބި ކްރޫއިންނެވެ.

މިކަމާ ބެހޭގޮތުން ޓަރކިޝް އެއަރލައިނުން ހާމަކޮށްފައިވާގޮތުގައި، ސޮމަން ނޫރީ ނަމަކަށް ކިޔާ މިއަންހެން މީހާ ވިހާފައިވަނީ އަންހެން ކުއްޖެކެވެ. އަދި ފްލައިޓު ޖެއްސިއިރު ދެމައިންގެ ހާލު ރަނގަޅުކަމަށްވެސް ޓަރކިޝް އެއަރލައިނުން ހާމަކޮށްފައިވެއެވެ.

ސޮމަން ނޫރީ ދަތުރު ކުރަމުންދިޔައީ އޭނާގެ ފިރިމީހާ އަދި ދޮށީ ދެފިރިހެންދަރިންނާއެކުއެވެ.

މިއީ ތާލިބާނު ޖަމާއަތުގެ އަތްދަށުން ސަލާމަތްވުމަށް އަފްގާނިސްތާނުން ފުރައިގެން ދިޔަ ފްލައިޓުތަކުގައި ހިނގާދިޔަ މިފަދަ ދެވަނަ ހާދިސާއެވެ. މީގެ ކުރިން އަފްގާނިސްތާނުން ފުރައިގެން ދިޔަ މާބަނޑު އަންހެނަކު ވިހާފައިވަނީ އެމެރިކާގެ އަސްކަރީ ފްލައިޓެއްގެ މަތީގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން