ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން
ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން
ބޮޑެތި ބައެއް މައްސަލަތަކުގައި، ޖާސޫސް ކުރުމުގެ ބާރު ފުލުހުންނަށް ލިބޭ ޤަވާޢިދެއް އެކުލަވާލައިފިއެވެ.

ތަހުގީގު ކުރުމުގައި ހާއްސަ އުކުޅު ބޭނުން ކުރުމުގެ ގަވާއިދު މިއަދު އެކުލަވާލާފައިވާއިރު، އެ ޤަވާއިދުގައި ވަނީ ގައުމީ ސަލާމަތާއި ގުޅުން ހުރި ކަންކަމާއި ޖިނާއީ ބޮޑެތި ކުށްތަކުގެ މައްސަލަތަކުގައި ގޭގެ އާއި އުޅަނދުތަކުގައި ކެމެރާ ހަރުކޮށްގެން ބެލުމާއި ދައްކާ ވާހަކަ އަޑު އަހައި މޮނިޓާ ކުރުމުގެ ބާރު ފުލުހުންނަށް ދީފައެވެ.

އޭގެ އިތުރުން މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުން އުޅޭ ނޫޅޭ ގޮތް ބެލުމަށް އެ މީހުން ސިއްރުން މޮނީޓާ ކުރުމުގެ ބާރު ފުލުހުންނަށް ވަނީ ދީފައެވެ. ނަމަވެސް މިކަންކަން ފުލުހުންނަށް ކުރެވޭނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް އެ ގަވާއިދުގައި ބުނެއެވެ. ހަމައެއާއެކު މުއާސަލާތީ ހުރިހާ ވަސީލަތްތަކެއް ބެލުމުގެ ބާރާއި ކުށް ކުރަނިކޮށް އަތުލައިގަތުމަށްޓަކައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ނުވަތަ އެއަށް ވުރެ މަތީ ރޭންކެއްގެ އޮފިސަރެއްގެ ހުއްދަ ލިބިގެން ސްޓިން އޮޕަރޭޝަން ހިންގުމުގެ ބާރު ވެސް ފުލުހުންނަށް ލިބޭނެ ކަމަށް އެ ގަވާއިދުގައި ބުނެއެވެ.

އަދި މި ގޮތަށް ހޯދާ ހެކިތައް ޝަރީއަތަށް ހުށަހެޅޭނެ ކަމަށާއި ނަމަވެސް އެފަދަ ހެކިތައް ހުށަހަޅަން ޖެހޭނީ ހެކި ހޯދުމުގައި ހަރަކާތްތެރިވި މީހުން ހާމަ ނުވާނެ ފަދަ ގޮތަކަށް ކަމަށް އެ ގަވާއިދުގައި ބުނެއެވެ.

މި ގަވައިދަށް ޢަމަލު ކުރަން ފެށުމުން ފުލުހުންގެ ތަހުޤީޤުތަކަށް ހެކި ހޯދުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން