އައްޑޫގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަން
އައްޑޫގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަން
ރާއްޖެއަށް މިދިޔަ އަހަރު އެތެރެކުރި 98 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކޮށްފައި ތިއްބައި ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ދޫކޮށްލި ދެ މީހުން ބަންދުކުރުމަށް ހައިކޯޓުން އަމުރުކޮށްފި އެވެ.

މަސްތުވާ ތަކެތީގެ ވިޔަފާރި ކުރުމުގައި އިސްކޮށް ޙަރަކާތްތެރިވާ ކަމަށް ފުލުހުން ތުހުމަތު ކުރާ ސ. ހިތަދޫ ފިނިފަރު، އަބްދުﷲ އިބްރާހީމް (އަބުޗާ) އިސްވެހުރެ މިދިޔަ އަހަރުގެ އޮކްޓޫބަރ މަހު އައްޑޫއަށް އެތެރެ ކުރުމަށް މަސައްކަތްކުރި 98 ކިލޯގެ މަސްތުވާތަކެއްޗާ ގުޅިގެން ފުލުހުން ވަނީ އައްޑޫން 16 މީހަކު ހައްޔަރު ކޮށްފައެވެ. އަދި އޭގެ ތެރެއިން ބައެއް މީހުން ކޯޓުން ފަހުން ދޫކޮށްލާފައިވެސް ވެއެވެ.

އެ މައްސަލައިގައި 10 މީހަކަށް ދައުވާ ކޮށްދިނުމަށް އެދި އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ޕީޖީ އޮފީހުން ވަނީ ހުށަހަޅާފައެވެ. އޭގެ ތެރެއިން ދެ މީހަކު ދޫކޮށްލާފައި ވަނީ ކޮވިޑް-19ގެ ސަބަބުން އެމީހުން ކޯޓަށް ހާޒިރުކުރެވެން ނެތްކަމަށް ކަރެކްޝަނަލް ސާވިސް އިން އެންގުމުންނެވެ.

އެމީހުން ދޫކޮށްލި މައްސަލަ ދަޢުލަތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ހައިކޯޓުން ކޮށްފައިވާ ޙުކުމުގައި ވަނީ، ބަންދުގައި ތިބި ދެ މީހުން ދޫކޮށްލުމަށް ދަށު ކޯޓުން އަމުރުކޮށްފައިވަނީ އެޗްއާރްސީއެމްގެ މައްޗަށް ނެރުނު އަމުރާ އެއްގޮތަށް އަމަލުކޮށްފައި ނުވާތީ، އެކަމަށް ޖަވާބުދާރީ ކުރުވުމަށް ކަމަަށް ބެލެވޭ ކަމަށެވެ. ނަމަވެސް އެއްވެސް މުއައްސަސާއެއް ޖަވާބުދާރީ ކުރުވުމަށް ބަންދުގައި ހުރި މީހަކު ކޯޓުން ދޫކޮށްނުލެވޭނެ ކަމަށް ހުކުމްގައި ފާހަގަކޮށްފައިވެ އެވެ.

އެހެންކަމުން އެ މީހުން ބަންދުން ދޫކޮށްލަން ކުރި އަމުރު ބާތިލް ކުރުމާ އެކު، އެ މީހުން ބަންދުކުރަން ކުރިން ނެރެފައިވާ އަމުރު ދެމި އެބައޮތް ކަމަށް ހައިކޯޓުން ވަނީ ކަނޑައަޅާފައެވެ.

އައްޑޫ ޑްރަގް ނެޓްވޯކާއި ގުޅިގެން ޕީޖީ ޝަމީމް މީގެ ކުރިން ވިދާޅުވެފައިވަނީ، މިއީ ދެކުނުގެ ބޮޑު ނެޓްވޯކެއް ކަމަށާއި، މައްސަލައިގެ ހެކިންނަށް ތިބީ ފުލުހުން ކަމަށެވެ. އެހެންކަމުން ކޯޓުން އަވަސް ޝަރީޢަތެއް ހިންގަވާނެކަމަށް އުއްމީދުކުރަށްވާ ކަމަށް ޝަމީމް ވިދާޅުވެފައި ވެއެވެ.

ޝަމީމް ވިދާޅުވީ، މިމައްސަލަ ތަޙްޤީޤު ކުރެއްވި ފުލުހުންގެ އިންވެސްޓީގޭޓަރުން ހިންގީ ރަނގަޅު ތަޙްޤީޤެއް ކަމަށާއި، ޕީޖީ އޮފީހުގެ ޑްރަގް ޔުނިޓުގެ ބޭފުޅުން، އެބޭފުޅުންގެ މަސައްކަތް ފުރިހަމަކޮށްފައިވާ ކަމަށެވެ. ދެން އޮތީ ރަނގަޅު ކޭހެއް ކޯޓުގައި ހުށަހެޅުން ކަމަށާއި، އެކަމަށްވެސް އެންމެން ތައްޔާރު ކަމަށެވެ. އަދި މަސްތުވާތަކެތީގެ ނެޓްވޯކްތައް ރޫޅާލާނެކަމަށް ޝަމީމް ވަނީ ވިދާޅުވެފައެވެ.

އައްޑޫގައި ހިންގި މަސްތުވާތަކެތީގެ މި އޮޕަރޭޝަންގައި އަތުލައިގަތް ތަކެތީގެ ތެރޭގައި އެމްޑީއެމްއޭ އާއި އެމްފިޓަމިން އާއި ހެރޮއިން ހިމެނެއެވެ. ކަނޑުމަތީގައި ހިންގި އޮޕަރޭޝަނަށް ފަހު އައްޑޫގެ އެކި ތަންތަން ބަލައި ފާސްކޮށްގެން ވެސް ފުލުހުން ވަނީ ޑްރަގްސް ހޯދައިފަ އެވެ. ކަނޑުމަތީ ހިންގި އޮޕަރޭޝަންގައި، މަސްތުވާތަކެތި ގެނައި މީހުން ވަނީ ފުލުހުން ފެނުމާ އެކު މަސްތުވާތަކެތި ހުރި ގޯނިތައް ކަނޑަށް އުކާލައިފަ އެވެ. ނަމަވެސް ފުލުހުން ވަނީ އެ ތަކެތި ނަގައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން