ރައީސުލްޖުމްހޫރިއްޔާ އާއި ނ. ކެނދިކުޅުދޫ ކައުންސިލަރުންނާއި ބައްދަލުކުރެއްވުމުގެ ތެރެއިން
ރައީސުލްޖުމްހޫރިއްޔާ އާއި ނ. ކެނދިކުޅުދޫ ކައުންސިލަރުންނާއި ބައްދަލުކުރެއްވުމުގެ ތެރެއިން
ނ. ކެނދިކުޅުދޫއަކީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގޭނެ ޤާބިލުކަންހުރި ރަށެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައިވަނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކެނދިކުޅުދޫ ކައުންސިލާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. މިބައްދަލު ވުމުގައި ކެނދިކުޅުދޫ ކައުންސިލުން ވަނީ މި ސަރުކާރުން ކެނދިކުޅުދޫގެ ތަރައްޤީއަށް ޚާއްޞަ ސަމާލުކަމެއް ދެއްވާކަން ފާހަގަކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާއެކު ބޭއްވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލުންވަނީ ކެނދިކުޅުދޫގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދިއުމުގައި ހުރި ކަންބޮޑުވުންތަކާއި، ރަށުގެ އެކި މުވައްސަސާތަކަށް ކުރިމަތިވާ ގޮންޖެހުންތައްވެސް ރައީސްއާ ޙިއްޞާކުރައްވާފައެވެ. އެގޮތުން، ޒަމާނީ ފެންވަރުގެ ހޮސްޕިޓަލާއި ޖޫނިއަރ ކޮލެޖެއް ތަރައްޤީކުރުމުގެ މަޝްރޫޢު ލަސްވަމުންދާތީ އެ މަސައްކަތް ވީ އެންމެ އަވަހަކަށް ފައްޓަވައިދެއްވައި ކުރިއަށް ގެންގޮސްދެއްވުމަށް ވަނީ ދަންނަވާފައެވެ. މިއާއެކު ހުޅަނގު މޫސުމުގައި ބަނދަރުގެ އެއްބައި ބޭނުންކުރަން ޖެހުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ދަތިތަކާއި ގޮންޖެހުންތައްވެސް އެ ރަށުގެ ކައުންސިލުންވަނީ ފާހަގަކޮށްފައެވެ.

ކެނދިކުޅުދޫއަކީ ގިނަ ކުޅިތަކެއްގެ މައްޗަށް އެކުލެވިގެންވާ ރަށަކަށްވާތީ މިހާރު ރަށުގެ ބައެއް ކުޅިތައް ހިކުމުގެ ބިރު އޮތްކަން ފާހަގަކޮށް އެކަމަށް ޙައްލެއް ހޯދަންޖެހިފައި އޮތް ކަމަށް ކައުންސިލްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ. މީގެއިތުރުން ނަރުދަމާގެ މަޝްރޫޢު މަސައްކަތް އަވަސްކޮށްދެއްވުމަށްވެސް ކައުންސިލުންވަނީ އެދިފައެވެ. ރަށުގައި ސީ އެމްބިއުލާންސެއް ނެތުމުން ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތައްވެސް ރައީސްގެ ސަމާލުކަމަށް ކައުންސިލުން ގެނައެވެ.

މީގެ އިތުރުން ކައުންސިލުގެ ފަރާތުންވަނީ ރަށުގައި ބޭންކުގެ ޚިދުމަތް ފުޅާކޮށްދިނުމަށާއި، ބޯހިޔާވަހިކަން އިތުރަށް ބޭނުންވާކަން ފާހަގަކޮށްފައެވެ. މިގޮތުން އިތުރު ހައުސިންގ ޔުނިޓްތަކާއި އަދި ދޫކޮށްފައި ހުރި ގޯތި ތަކުގައި ގެ އެޅުމަށް މަގުފަހިވާނެގޮތެއް ބޭނުންވާކަމުގައިވެސް ކައުންސިލުން ބުނެފައި ވެއެވެ.

ރަށުގެ އެކި މުވައްސަސާތަކަށް ކުރިމަތިވާ ގޮންޖެހުންތައް ޙިއްޞާކުރަމުން ކައުންސިލުންވަނީ ރަށުގެ ސްކޫލަށް އެކަށީގެންވާ ޖާގައިގެ ބަހެއް ނެތުމުގެ ސަބަބުން ސްކޫލަށް ދިމާވާ ދަތިތަކާއި، ދަރިވަރުންނަށް ކުރިމަތިވާ ދަތިތައް ޙިއްޞާކޮށްފައެވެ. އަދި ޞިއްޙީ މަރުކަޒަށް ބޭނުންވާ މުހިންމު ވަޞީލަތްތައް ނެތުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައްވެސް ކައުންސިލްގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ޙިއްޞާކޮށްފައެވެ.

މި ބައްދަލުކުރެއްވުމުގައި ފާހަގަކޮށްފައިވާ އެންމެހާ ކަންބޮޑުވުންތަކަށް ރިއާޔަތްކުރަށްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ކެނދިކުޅުދޫ ފެންނަނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގޭނެ ޤާބިލުކަންހުރި ރަށެއްގެ ގޮތުގައި ކަމަށާއި، މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރި ކަންތައްތައް އެކަމާއި ގުޅޭ އިދާރާތަކާއި ވާހަކަފުޅު ދެއްކެވުމަށްފަހު، އެކަންކަމަށް ގެންނަންވާ ޙައްލު ހޯއްދަވައިދެއްވަން މަސައްކަތްކުރައްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މި ސަރުކާރުން ކެނދިކުޅުދޫގައި ހިންގަން އަދި ޕްލޭން ކުރެވިފައިވާ މަޝްރޫޢުތަކުގެ ތެރޭގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމުކުރުމާއި، ސްލިޕްވޭ ހެދުމާއި، ކުނި މެނޭޖްކުރާ މަރުކަޒު އަޕްގްރޭޑް ކުރުމާއި، ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަންގެ މަސައްކަތާއި، ސްކޫލް 4 ކްލާސްރޫމާއި އޮފީސް އިމާރާތްކުރުމުގެ މަޝްރޫޢާއި، ޖޫނިއަރ ކޮލެޖް ޤާއިމުކުރުމުގެ މަސައްކަތާއި، ގޭދޮށު މަސް ޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތާއި، ފެނަކަ އޮފީސް އިމާރާތާއި ވަށާފާރު ރޭނުމުގެ މަޝްރޫޢު އަދި އައު އިންޖީނުގެ އެޅުމުގެ މަޝްރޫޢު ހިމެނެއެވެ. އަދި މިހާތަނަށް މި ސަރުކާރުން ނިންމާފައިވާ މަޝްރޫޢުތަކުގެ ތެރޭގައި ސޯލާ ހައިބްރިޑް ސިސްޓަމް ޤާއިމްކުރުމާއި، ނ. ކެނދިކުޅުދޫ ސްކޫލް 2 ކްލާސްރޫމާއި ހޯލްގެ މަސައްކަތާއި، ފުޓުބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަސައްކަތް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން