ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ ތެރެއިން
ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ ތެރެއިން
ޑްރަގް ކެފޭތައް ބަންދުކޮށް 25 ތަނަކަށް ޤާނޫނީ އިންޒާރު ދީފިއެވެ.

ފުލުހުން މިއަދު ބުނީ މާލޭގައި ކެފޭ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ފާހަގަކުރެވިފައިވާ ތަންތަނަށް މީހުން ވަނަނުދީ އެކަން ހުއްޓުވުމަށް މިއަދު ހެނދުނު 7:00 ގައި ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ. އެ ގޮތުން އެފަދަ ތަންތަނުގައި ސައުވީސް ގަޑިއިރު ފުލުހުން ޑިއުޓީ ކުރަމުން ގެންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އޭގެ އިތުރުން ޑްރަގް ކެފޭގެ ގޮތުގައި ބޭނުންކުރާ 25 ތަނެއްގެ ވެރިފަރާތަށް މިހާރު ގާނޫނީ އިންޒާރު ދީފައި ވާނެކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. އަދި މިފަދަ 8 މައްސަލައެއްގައި ދައުވާ ކުރުމަށް މިހާރު ޕީޖީއަށް ފޮނުވާފައިވާ ކަމަށާއި، އިތުރު ހަތަރު މައްސަލައެއްގެ ތަހުގީގު ނިންމައި ޕްރޮސިކިއުޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް މިމަހުގެ ދެވަނަ ދުވަހު ވިދާޅުވީ، ކެފޭ އުޞޫލުން މަސްތުވާތަކެތި ބޭނުންކުރަން ދޫކޮށްފައި ހުރިކަމަށް ބެލެވޭ މ. ބްރައިޓްފްލަވަރ ގޭގައި، އެކަން ހުއްޓުވުމަށް އެންގުމުންވެސް ހުއްޓުވާފައިނުވާތީ، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގެ (ށ) ގެ ދަށުން، އެގޭ ވެރިމީހާގެ މައްޗަށް ޖިނާއީ ކޯޓުގައި ދައުވާ އުފުލާފައިވާ ކަމަށެވެ.

މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގެ (ށ) ގެ ދަށުން ކުރާ ދަޢުވާ އަކީ މަސްތުވާއެއްޗެއް، ޓްރެފިކްކުރުމަށް ނުވަތަ ޕެޑެލްކުރުމަށް ނުވަތަ އުފެއްދުމަށް ނުވަތަ އެއިން ކަމެއް ކުރުމަށްކަން ގަބޫލުކުރެވޭ ހާލަތު، ނުވަތަ އެގޮތަށް ގަބޫލުކުރާނެ ފުރުސަތު އޮވެ، އެ ތަނެއްގެ ވެރިފަރާތުން ނުވަތަ އެތަނެއްގައި އުޅޭ ފަރާތުން ނުވަތަ އެ ތަނެއްގެ މަސްއޫލިއްޔަތު އުފުލާ ފަރާތުން ހުއްދަ ދިނުން ނުވަތަ ހުއްދަކުރުމުގެ ކުށުގެ ދައުވާ އެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވަނީ މާލޭގައި ކެފޭ އުސޫލުން މަސްތުވާތަކެތީގެ ޚިދުމަތްދޭ ތަންތަން މިހާރު ވަރަށް ބޮޑުތަން އިތުރުވެފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން