މާލޭގައި ހުންނަ އިސްލާމީ މަރުކަޒު
މާލޭގައި ހުންނަ އިސްލާމީ މަރުކަޒު
-މުޙައްމަދު ޢަބަދުﷲ-

ޝައްކެއްވެސް ނެތްގޮތުގައި ކޮރޯނާ ވައިރަހަކީ ވަރައްވެސް ނުރައްކާތެރި ވައިރަހެކެވެ. އެކަން ބަލާލި ކޮންމެ ދިމާއަކުން މިއޮތީ ފެންނާށެއެވެ. ދުނިޔޭގެ އެންމެ ބޮޑެތި ބާރުތައްވެސް މިލޮލަށް ނުފެންނަ ކުޑަކުޑަ ވައިރަހުގެ ކުރިމަތީގައި މިތިބެންޖެހުނީ ކުޑަކަކޫމައްޗަށް ތިރިވެ ހަދާނެ ގޮތް ހުސްވެފައެވެ. ދުވާލެއްގެ މައްޗަށް އެތަށް ހާސްމީހުން މިބައްޔަށް ދަނީ ފައްސިވަމުންނެވެ. އަދި ދެލައްކައަށް ވުރެ ގިނަ މީހުން މިހާތަނަށް މިބަލީގެ ޝިކާރައަކަށްވެ، ވަނީ ދުނިޔެއާއި އަލްވަދާޢު ކިޔާފައެވެ. އަދި ހަމަ މިއާއެކު ދިވެހި ރާއްޖެއިން މިހާތަނަށް މިބައްޔަށް ނުވަ ސަތޭކައަށްވުރެ ގިނަމީހުން ފައްސިވެ ތިން މީހަކު ވަނީ ނިޔާފެފައެވެ.

އަޅުގަނޑުމެންގެ މިކުޑަކުޑަ ދިވެހިރާއްޖޭގެ ރީތިރީތި ގޮޑުދޮށްތަކާއި ހިތްގައިމު ރަށްތައް އެކަނިވެރިކޮށްލީވެސް މިވައިރަހެއެވެ. އެއަށްވުރެ ބޮޑަށް، ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ހުރިހާ މިސްކިތްތަކެއް ބަންދުކޮށް ދިވެހި ތާރީޚްގައިވެސް ފުރަތަމަ ފަހަރަށް ހުރިހާ ރަށެއްގައި ޖަމާޢަތުގައި ނަމާދުކުރުން އެއްކޮށް ހުއްޓުމަކަށް ގެންނަން މަޖުބޫރުކުރުވީވެސް މިވައިރަހެވެ. މިސްކިތްތަކަށް ލޯބި ޖެހިފައިވާ އެތައްބައެއްގެ ހިތްތައް ކުދިކުދިކޮށް ކަރުނައިގެ ފުންކަނޑަކަށް ވައްޓާލީވެސް މި ވައިރަހެވެ. މިސްކިތްތަކުގެ އިމާމުންނާއި މިސްކިތްތަކުގައި ދަރުސްދެއްވާ އިޚްލާސްތެރި ޝެއިޚުންގެ ޒަމީރު ކަތިލާލީވެސް މިވައިރަހެވެ. އަދި ވަކިން ޚާއްޞަކޮށް އަޅުކަމުގެ މައްސަރުކަމުގައިވާ ބަރަކާތްތެރި ރަމަޟާންމަހަށް ޚިޔާލަށްވެސް ނުގެނެވޭ ފަދަ ފަޅުކަންގެނުވީވެސް ހަމަ މިވައިރަހެވެ.

މިހާ ހިސާބުން އުފެދޭ ސުވާލަކީ ގުދުރަތީގޮތުން ރާއްޖޭގެ ރަށްތައް ވަކިވަކިން އޮންނައިރު، މިވައިރަހުގެ ނުރައްކާ އޮތްކަމަށް ބަލާ ހުރިހާ ރަށެއްގައި ޖަމާޢަތުގައި ނަމާދުކުރުން މަނާކުރަންވީތޯއެވެ؟ ނުވަތަ ރައްކާތެރިކަމުގެ ފިޔަވަޅުތަށް އެޅުމަށްފަހު ޖަމާޢަތުގައި ނަމާދުކުރުމަށް ހުއްދަދޭނީތޯއެވެ؟ މީޑިއާ ރިޕޯރޓްތަކަށް ބަލާއިރު، ހަމަ ޔަޤީނުންވެސް ސަރުކާރުން މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން މަނާކޮށް، މިސްކިތްތައް ބަންދުކުރީ ފުޅާދާއިރާއެއްގައި އިލްމުވެރިންނާއި މަޝްވަރާކޮށް ޢިލްމުވެރިންގެ ފަތުވާގެ މަތިންނެވެ. އެހެންނަމަވެސް، އާއްމުގޮތެއްގައި މިފަދަ ކަމެއްގައި ޢިލްމުވެރިންގެ ފަތުވާތައް ބިނާކުރާނީ ސިއްޙީ މާހިރުން ދޭލަފަޔާއި، ސަރުކާރުގެ އިދާރާތަކުން ބައްޔާބެހޭގޮތުން ފޯރުކޮށްދޭ މަޢުލޫމާތުގެ މައްޗަށެވެ. ސިއްޙީ މާހިރުން ވިދާޅުވަނީ މިބައްޔަކީ އެކަށީގެންވާ ގައިދުރުކަން ނުބަހައްޓާނަމަ އަދި ސާފުތާހިރުކަން ކުޑަނަމަ އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ފަސޭހަކަމާއެކު ފެތުރުމުގެ ފުރުޞަތު ވަރަށްބޮޑު ބައްޔެއްކަމެވެ. އެހެންނަމެސް އުފެދޭ އަނެއް ސުވާލަކީ ޖަމާޢަތުގައި ނަމާދުކުރުން ހުއްޓުވުމުގެ ސަބަބުން މިބަލި ކޮންޓްރޯލް ކުރުމަށް ކިހާވަރެއްގެ ލުޔެއް ލިބިގެން ދިޔަތޯއެވެ. އާއްމުކޮށް މިސްކިތައް އަރަނީ ހަތަރެސްފައިދޮވެ ވުޝޫކޮށްގެންނެވެ. އެހެންނަމަވެސް ފިހާރަތަކަށާއި އެހެނިހެން ޒަރޫރީ ބޭނުންތަކައް ނުކުމެ އުޅޭ މީހުން އާއްމުގޮތެއްގައި ނުކުންނާނީ މިސްކިތައް ދާމީހާއާއި އެއްގޮތަށް ސާފުވެގެން ނޫންކަމުގައި ދެންނެވިދާނެއެވެ. ރާއްޖޭގައި މިސްކިތްތައް ބަންދުކުރެވި ޖަމާޢަތުގައި ނަމާދުކުރުން މަނާކުރެވިފައި އޮތްހިނދު ސްޕަރމާރޓްތަކާއި، މާރުކޭޓް، ހޮޓާރެސްޓޯރަންޓްތައް ބަންދުނުކޮށް ދުވަސްތަކެއްވަންދެން ހިންގަމުން ދަނިކޮށް ކޮވިޑަށް މީހުން ފައްސިވާން ފެށުން ދޭހަކޮށްދެނީ މިސްކިތްތަކަށްވުރެ ބޮޑަށް ބަލިފެތުރުމުގެ ފުރުޞަތު ބޮޑީ އާއްމުވިޔަފާރި ހިންގުމުގެ ތެރެއިންކަމެވެ. ސަބަކީ ކޮންމެ ނަމާދަކަށް މިސްކިތްތައް ރަގަޅަށް ބްލީޗް ފެނުން ނުވަތަ އެފަދަ ޖަރާސީމު ނައްތާލާ ތަކެތި ބޭނުންކޮށްގެން ސާފުކުރަމުން ދިއުމާއި މިސްކިތްތަކަށް ވަންނަ މީހުން ސާފުތާހިރުކަންމަތީ ވަދެ ހެދުމެވެ. އެހެންނަމަވެސް އާއްމު ވިޔަފާރިކުރާ ތަންތަން މިގޮތައް ސާފުކުރުމަކީ ނާދިރުކަމަކަށް ނޫނީ ނުވާނެއެވެ.

މިހާހިސާބުން އަސްލު މަޢުޝޫއަށް ޖެހިލާނަމެވެ. މުޅިރާއްޖެ ލޮކްޑައުންކޮށް މިސްކިތްތަކުގައި ނަމާދުކުރުން މަނާކުރިއިރުވެސް ރާއްޖޭގެ ބައެއް ރަށްރަށުން އަމިއްލައަށް ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އެޅިއެވެ. މިގޮތުން އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލުމާއި، ރަށުންބޭރުން މީހުން ލަފާފޭބުންވެސް ހުއްޓުމަކަށް ގެނެސް ލޮކްޑައުންވިއެވެ. އިސްލާމިކް މިނިސްޓްރީގެ ލަފާގެ މަތިން އަދި ކައުންސިލްތަކުން އިރުޝާދުދެމުން ދިޔައީ ދާއިމީކޮށް ބޭސްފަރުވާ ކުރާ މީހުންނާއި އަދި އުމުރުން ދުވަސްވީ މީހުން ގޭގައި ނަމާދުކުރުމަށެވެ. މުހިއްމު ނުކުތާއަކީ ރާއްޖެ ފުލް ލޮކްޑައުންއަކަށް ދިޔައިރު ކޯވިޑްގެ އެއްވެސް ނުރައްކަލެއް ނެތް އަދި ކޯވިޑްބަލި އެއިން ރަށަކަށް ވާސިލުވުމުގެ ފުރުޞަތު އަމުދުން ނެތް ކިތަންމެ ރަށްތަކެއް އޮތްކަމެވެ. އަދި މިހާތަނަށްއައިއިރު އެއިން އެއްވެސް ރަށެއްގައި މިބައްޔަށް ޝައްކުރެވޭ ނުވަތަ މިބައްޔަށް ޕޮޒިޓިވްވި އެއްވެސް މީހަކުވެސް ނެތެވެ. ވީއިރު ސުވާލަކީ ހަމަ މި ބަރަކާތްތެރި ރަމަޟާންމަސް ފާއިތުވެގެންދާއިރު މިބަލީގެ އެއްވެސް ފުޞަތެއް ނެތް ރަށްތަކުގައިވެސް ޖަމާޢަތުގައި ނަމާދުކުރުން މަނާކޮށްފަ ބޭއްވުން އެއީ އެންމެ ރަގަޅުގޮތް އަދި އެންމެ ރައްކާތެރިގޮތްތޯއެވެ؟



މި ސުވާލަށް ޖަވާބު ހޯދާލުމަށް އިސްލާމީ އެހެން ޤައުމުތަކަށް ބަލާލަމާތޯއެވެ. އިސްލާމީ އެންމެ މުޤައްދަސް ދެހަރަމުކަމުގައިވާ އަލްމަސްޖިދުލް ހަރަމް އަދި އަލްމަސްޖިދުއްނަބަވީ އާޢްމުކޮށް ހުޅުވާނުލި ކަމުގައިވިއަސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއިއެކު މިހާރުވަނީ ޖަމާއަތުގައި ނަމާދުކުރަން ފަށާފައެވެ. ޕާކިސްތާން، ޔޫ.އޭ.އީ. ބަނގުލްދޭޝް އަދި މިނޫނަސް ބައެއް އިސްލާމީ ޤަމުތަކުގައި، އެޤައުމުތަކުގައި މިބަލި ފެތުރެމުންދާ ހިނދުވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއިއެކު ޖަމާޢަތުގައި ނަމާދުކުރުންވަނީ ހުއްދަކޮށް މިސްކިތްތައް ހުޅުވާލާފައެވެ. އެހެންކަމުން ދިވެހިރާއްޖޭގައިވެސް އެންމެ ކުޑަމިނުން މި ބަލީގެ ފުރުޞަތު ކުޑަ އަދި މިހާތަނަށް އެފަދަ ނުރައްކަލެއް ނެތް ރަށްތަކުގައި މިސްކިތްތައް ހުޅުވާ ޖާޢަތުގައި އަލުން ނަމާދުކުރުމަށް ހުއްދަ ދިނުން އެއީ މިވަގުތައް ކުރުން އެންމެރަނގަޅު ކަމެއްނޫންބާއޭ ހަމަ ސުވާލުކޮށްލެވެއެވެ. އެހެންކަމަށްވާނަމަ ވަކި އުސޫލެއްގެ ދަށުންވެސް ހުއްދަދެވިދާނެ ނޫންތޯއެވެ؟

މިގޮތުން މިސްކިތްތައް ހުޅުވާލެވޭއިރު މިހާތަނައް ބަލީގެ ފުރުޞަތު ކުޑަ އަދި ޝައްކުކުރެވޭ އެއްވެސް މީހެއް ނެތް ރަށްތަކަށް ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއެކު ޖަމާޢަތުގައި ނަމާދުކުރުމާއި ޢިޢުތިކާފަށް ތިބުމަށް ހުއްދަ ދެވިދާނެ ނޫންތޯއެވެ؟ އޭރުން ހަމަޔަޤީނުންވެސް އެތަށްބައެއްގެ ހިތްތަކަށް ތަސައްލީ ލިބި މުޅި ރާއްޖޭގައި ޖަމާއަތުގައި ނަމާދުކޮށް ހުކުރުކުރުމުގެ ފުރުޞަތު ލިބުމުގެ އިތުރުން މުޅި ރާއްޖޭގައި ހުކުރުކުރުމާއި ޖަމާޢަތުގައި ނަމާދުކުރުން ހުއްޓުމަކަށް އައިސްފަ އޮތްއޮތުން ނިމުކަށް ގެނެވިގެންދާނެއެވެ. މީގެ ފައިދާ ކިތަންމެހާވެސް ގިނައެވެ. ބަލާ އާފާތުން ނަޖާކޮށްދެއްވަނީ ﷲ ކަމަށް ވުމާއެކު އެއިލާހަށް ކޮންމެ ނަމާދެއްގެ ފަހު ރަކުއަތުގައި އަދި ތަރާވީހު ނަމާދުގައި ގިނަބަޔަށް ދުޢާކުރުމުގެ ފުރުޞަތު ލިބިގެން ދިއުމަކީ މޮޅުއިތުރުގޮތް ނޫންތޯއެވެ؟


ކިޔުންތެރިންގެ ހިޔާލު


20

މޫސާ އިބްރާހީމް

14-May-2020

ޥ. ޜަގަޅު ޚިޔާލެއް


0

أحمد نوفل

13-May-2020

ރަނގަޅު ވާހަކައެއް...އެކަމު މުޙައްމަދު ނަޝީދު ހުރިހާ ހިނދު ތިކަން ނުވާނެ އަނެއްކާ އެ ބުނީ ރާއްޖޭގެ އެންމެންނަށް މި ބަލި ޖެހޭނެއޭ.


16

ޒަމްބެ

13-May-2020

ވަރަށްފުރިހަމަ ލިޔުމެއް



ޓްރެންޑިން