މިހާތަނަށް ރާއްޖޭގެ ކަންކޮޅުތަކުގައި ފިތުރު ޒަކާތް ދައްކާ މިންވަރު ކަނޑައެޅޭއިރު މާލެ ނޫން ހުރިހާ އަތޮޅެއްގައި ޒަކާތަށް ދައްކަން ޖެހޭވަރު މާލެއަށް ވުރެ ކުޑަން ތަންކޮޅެއް ބޮޑުވެއެވެ. އެއީ މާލެއިން އަތޮޅުތަކަށް ކާޑުގެ ބާވަތްތައް ގެންދަން ނާލު ދައްކަން ޖެހޭތީ އަންނަ ފަރަގަކެވެ. ނަމަވެސް މިފަހަރު މިފެންނަނީ ލާމަރުކަޒުގެ ދަށުން އައްޑޫ ސިޓީގައި ޒަކާތަށް ދައްކަން ޖެހޭ މިންވަރު ބޮޑުތަނުން އަގު ހެޔޮވެފައިވާ ތަނެވެ.

މިގޮތަށް ޒަކާތަށް ދައްކަން ޖެހޭ މިންވަރު ތަފާތު ވުމުން އެކަމުގެ ކަންތައް ހިނގާ ދިޔަގޮތް ބަލާލުމަށް އައްޑޫސިޓީގެ މޭޔަރަށް ވައިބާއިން މެސެޖެއް ކޮށްލީމެވެ. މެސެޖް ކުރި ސަބަބަކީ އާއްމުކޮށް އެބޭފުޅާ ފޯނަށް ޖަވާބު ނުދެއްވާނެތީ އެވެ. މަސައްކަތުގައި މާބޮޑަށް ބިޒީވާތީ ކަމަށްވެސް ވެދާނެއެވެ. މެސެޖް ކުރުމުންވެސް އެބޭފުޅާ ޖަވާބެއް ނުދެއްވި އެވެ.

މިކަމާއި ގުޅިގެން އައްޑޫގެ ގިނަބޭފުޅުން ތިއްބަވާ ވައިބާ ގްރޫޕެއްގައިވެސް އަޅުގަނޑު މިވާހަކަ ޙިއްސާ ކޮށްލީމެވެ. ގިނަ ބަޔަކު އެކަމަކަށް މާބޮޑު ސަމާލު ކަމެއް ނުދިނެވެ. އެގްރޫޕުގައި އައްޑޫ ސިޓީއަށް ނިސްބަތްވާ މަޖިލީސް މެމްބަރުންވެސް ތިއްބަވައެވެ. އެއްޗެކޭ ވިދާޅެއް ނުވެއެވެ. ނަމަވެސް އެކަމާއި އެހެން ބޭފުޅަކު ކަންބޮޑުވެގެން އެބޭފުޅާގެ ރައްޓެއްސަކަށް ގުޅާލި ވާހަކަ ވިދާޅުވިއެވެ. އެއީ އިސްލާމިކް މިނިސްޓްރީގެ ބޭފުޅަކަށެވެ. އެބޭފުޅާގެ ފަރާތުންވެސް ލިބުނު ޖަވާބަކީ މާލެއަށް ވުރެން އެހާ ބޮޑުތަން ކުޑަވުމަކީ އެއީ ވަރަށް ނާދިރު ކަމެއް ކަމަށެވެ. ސަބަބަކީ މާލެއިން އަތޮޅުތަކަށް ގެންދާ ހުރިހާ ބާވަތަކުން ނާލު ނަގާއިރު މާލެއަށް ވުރެން ބޮޑުވާން ޖެހޭނެ ކަމަށް ގަބޫލު ކުރެވޭ ވާހަކަ އެބޭފުޅާވެސް ވިދާޅުވި ކަމަށް އެގްރޫޕުގައި ޒަކާތުގެ އެކަންތަކާއި ކަންބޮޑުވި ބޭފުޅާ ލިޔެލިއެވެ.

ތިރީގައި އެވަނީ މާލެއާއި އައްޑޫގެ ފިތުރު ޒަކާތް ދެއްކުމަށް ކަނޑައަޅާފައިވާ މިންވަރު ދައްކުވައި ދޭ ތާވަލް އެކެވެ. އެއީ ބޮލަކަށް ދައްކަންޖެހޭ މިންވަރެވެ.



މިއަގުތައް ފެނިފައި ފުރަތަމަ އަޅުގަނޑު ހިތަށް އެރީ ހަމަ ޔަގީނުންވެސް އައްޑޫ ސިޓީގައި މިހާރު ހަނޑުލުގެ ބާވަތްތައް އުފައްދަނީ ކަމަށެވެ. އަދި އާޓާ ފުށަކީ އައްޑޫ މީހުން ދަންނަ އެއްޗެއްވެސް ނޫންކަމަށެވެ. ނަމަވެސް އެއީ އަޅުގަނޑަށް ކުރެވުނު ކުށްހީއެކެވެ. އައްޑޫ ސިޓީއަށް ކާޑުގެ ހުރިހާ ބާވަތެއް ގެންދަނީ މާލެއިންނެވެ. އަދި އާޓާފުށް ބޭނުން ކުރައްވާ ގިނަބޭފުޅުން އުޅުއްވައެވެ.

މިކަމުގައި އަޅުގަނޑުގެ ހިތްހަމަ ނުޖެހުން އޮތުމުން އަނެއްކާވެސް އައްޑޫ ސިޓީ ކައުންސިލްގެ ކައުންސިލަރަކާއި ގުޅާލީމެވެ. ނަސީބަކުން އެބޭފުޅާ ފޯނަށް ޖަވާބު ދެއްވިއެވެ. ވިދާޅުވީ ތިފަދަ މައްސަލައެއް ދިމާވެގެން އުޅޭ ވާހަކައެވެ. އެކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރެވޭ ވާހަކަވެސް ވިދާޅުވިއެވެ.

އަނެއްކާވެސް އެކަމުގެ އެކަށީގެންވާ ޖަވާބެއް ލިބޭނެގޮތް ނުވުމުން އައްޑޫ ސިޓީ ކައުންސިލް އިދާރާއިން ސޯޝަލް މީޑިއާގައި ޙިއްސާ ކޮށްފައިވާ ޕޯސްޓެއްގައިވާ ނަންބަރަކަށް ގުޅާލީމެވެ. އެނަންބަރަކީ ޒަކާތާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯދުމަށް ބުނެފައިވާ ނަންބަރެވެ. އެނަންބަރަށް ގުޅާލުމުން ފޯނުނެގި ފަރާތުން ވިދާޅުވީ އެމައުލޫމާތު ދެވޭނެ ބޭފުޅެއްގެ ނަންބަރު މެސެޖް ކޮށްލާނެ ވާހަކައެވެ. އެބޭފުޅާ އިރުކޮޅަކުން އެހެން ނަންބަރެއް ފޮނުވިއެވެ.

ތިރީގައި އެވަނީ އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިން ސޯޝަލް މީޑިއާގައި ފިތުރު ޒަކާތް ދައްކަވާނެ ގޮތާއި ބެހޭގުން ޙިއްސާ ކޮށްފައިވާ ޕޯސްޓެވެ.





ވަރަށް ރީތިކޮށް އިބްރާހިމް ޖަވާބު ދެއްވިއެވެ. "ތި އަގުތައް ހެދުމުގައި ބަލާފައިވަނީ އެސްޓީއޯއިން ވިއްކާ ރޭޓަށް. އެއީ އައްޑުއަށް ކާޑުގެ ބާވަތްތައް އެތެރެ ކުރާ ފަރާތަކީ އެސްޓީއޯވީމަ. ކައުންސިލުން ކަނޑައަޅާފަ އެއޮތީ ދައްކަން ޖެހޭ އެންމެ ކުޑަ މިންވަރު. ބޭނުމިއްޔާ 1000 ރުފިޔާވެސް ދެއްކިދާނެ. ތިބޭފުޅާ ބޭނުންވަރަކަށް ދައްކާލީމާ ނިމުނީ ނޫންތޯ؟" މިހެންނެވެ.

މިގޮތަށް ޖަވާބު ލިބުމުން އަޅުގަނޑު ބުނެލީމެވެ. އައްޑޫ ސިޓީއިން ހަމަ ޔަގީނުންވެސް، ޚާއްސަކޮށް ބާސްމަތީގެ ވަރަށް ގިނަ ވައްތަރު ލިބެން ހުންނަ ކަމަށެވެ. އަދި ގިނަގޭގަ ކަނީ އެހެން ބްރޭންޑް ނޫންތޯއެވެ؟ އެހެން ކަމުން ހަމަ އެކަނި އެސްޓީއޯގެ ރޭޓަށް ބަލައިގެން ތިގޮތަށް ފިތުރު ޒަކާތު މިންވަރު ކަނޑައެޅުމުން އެއީ މައްސަލައެއް ކަމަށް ނުދެކެންތޯއެވެ؟ އަދި އެކި ފެންވަރުގެ ބާސްމަތީ ހަނޑުލުގެ އަގުތައް ބަލާފަ އެވްރެޖް އަގެއް ހެދިނަމަ ފިތުރު ޒަކާތް ޙައްގުވާ ފަރާތްތަކަށް ލިބޭނެ މިންވަރު އިތުރު ވާނެ ނޫންތޯއެވެ؟ އަދި އާދައިގެ ހަނޑޫވެސް ހަމަ މާލެއަށް ވުރެން އައްޑޫ ސިޓީގައި އަގުހެވީތޯއެވެ؟

އަޅުގަނޑަށް ލިބުނު ޖަވާބަކީ، "އާނ ތިގޮތަށް އެވްރެޖް އަގެއް ހެދުނު ނަމަ ވަރަށް ރަނގަޅުވީސް. އެކަމަކު މިވަރު ދެއްކިޔަސް މައްސައެއް ނޯންނާނެ" މިއެވެ. އަޅުގަނޑަށް ބޭއިޚްތިޔާރުގައި ބުނެވުނީ ބޭފުޅާއެވެ. މިދައްކަނީ ފިތުރު ޒަކާތުގެ ވާހަކައެވެ. އެދައްކަން ޖެހޭމިންވަރު ކަނޑައެޅުމުގައި ރަނގަޅު އުސޭލެއް ގެންގުޅެން ޖެހޭނެ ނޫންތޯއެވެ. މިދައްކަނީ ދީނުގައި މުސްލިމުންނަށް ފަރުޟު ކުރައްވާފައިވާ ކަމެއްގެ ވާހަކަ އެވެ. އެބޭފުޅާ އިތުރަށް ދެއްކެވި ވާހަކަ ކޮންމެހެން އަޅުގަނޑު ލިޔެލާކަށް ބޭނުމެއް ނޫނެވެ. މިހާހިސާބުން އެވާހަކަ ބާއްވާށެވެ.

މިކަމާއި ގުޅިގެން އައްޑޫ ސިޓީގެ ވަރަށް ގިނަމީހުންގެ ގަދަރާއި ލޯބި ލިބިފައިވާ ޝޭޚެއް ކަމަށްވާ ޝޭޚް ހަސަން ލަތީފު މޫސާއަށް ގުޅާފަ މިގޮތަށް އެބޭފުޅާއަށް އަޅުގަނޑު ދެންނެވީމެވެ. އެބޭފުޅާވެސް ފުރަތަމަ ހުރީ ހައިރާން ކަމެއްގައެވެ. އެއީ އެހާ ބޮޑު ތަފާތު ތަކެއް ހުރެފަ އަދި މާލެއަށް ވުރެން ބޮޑުތަނުން އަގު ކުޑަވީމައެވެ. ނަމަވެސް ޝޭޚް ވިދާޅުވީ މިކަމުގައި ޒަކާތް ދައްކާ އައްޑޫ ރައްޔިތުންގެ އެއްވެސް މައްސަލައެއް ދީނީ ގޮތުން ނެތް ކަމަށެވެ. އެކަމުގައި އަމުރު ނެރޭފަރާތަކުން އެގޮތަށް އެންގީމަ އޭގައި އެބުނާ މިންވަރު ދެއްކުމުން އަހަރުމެންގެ ފަރުޟު އަދާކުރެވުނީއެވެ. ވަﷲ އަޢުލަމު.

އެހެންކަމުން އައްޑޫ ސިޓީ މިވަނީ ވަރަށްވެސް ތަފާތު ތަނަކަށެވެ. ހުރިހާ ކަމެއްގައެވެ. މީހުންގެ ޚިޔާލާއި ފިކުރުވެސް ހަމަ ވަރަށް ތަފާތީއެވެ. އެންމެ ފަހުން ފިތުރު ޒަކާތް ދައްކަން ޖެހޭވަރުވެސް ލާމަރުކަޒުގެ ދަށުން ހަމަ ތަފާތީ އެވެ.

ދެން އޮތް އަނެއް ކަމަކީ ޒަކާތް ދައްކަން ޖެހެނީ ހަމަ އެކަނި އެބޭފުޅުން ވިދާޅުވެފައިވާ އެކައުންޓަކަށެވެ. ފަހަރުގައި މިގޮތަށް އެކައުންޓަށް ދައްކަން އުނދަގޫ ބޭފުޅުން ތިބުމަކީ ވަރަށް އެކަށީގެންވާ ކަމަކެވެ. އެހެން ކަމުން ކޮވިޑް-19 ގެ މިޙާލަތުގައި އެފަދަ ފަރާތްތަކަށް ކޮންމެވެސް ފަސޭޙަ އުސޫލެއް ކައުންސިލުން ހައްދަވާ ދެއްވާނެ ކަމަށް ބަލަމާ ހިނގާށެވެ. މިކަންވެސް ފަހަރުގައި ވަރަށް ތަފާތު ވެދާނެއެވެ.

އައްޑޫ ސިޓީގައި ޒަކާތް ބަލައިގަންނަ އެންމެ ފަހު ތާރީޚަކީ 20 މެއި 2020 އެވެ. އެހެންކަމުން އައްޑޫ ސިޓީގެ ހުރިހާ ބޭފުޅުންވެސް އަވަހަށް ޒަކާތް ދައްކާ އެފަރުޟު އަދާކުރައްވާށެވެ. އަދި މިހާރު ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ޒަކާތް ދެއްކުމަށް އުނދަގޫވާ ބޭފުޅުންނަށް އެހީ ތެރިކަން ފޯރު ކޮށްދެއްވާށެވެ. އެފަދަ ފަރާތްތަކުން ދައްކަން ޖެހޭ ޒަކާތުގެ ފައިސާ ހޯއްދަވާފަ، ފައިސާ ހޯއްދަވާ ބޭފުޅާގެ އެކައުންޓުން އެފަރާތް ތަކުގެ ޒަކާތް ދެއްކުމަށް، ހިނިތުންވުމާއެކު އެހީތެރިވެ ލައްވާ ފައިސާ ޖަމާކޮށްލަ ދެއްވާށެވެ. ހަމަ ޔަގީނުންވެސް ކޮންމެ ހެޔޮކަމަކުން ސަވާބު ލިބޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު


22

މަ

13-May-2020

ހދ.ކުމުންދޫ ކައުންސިލް ޕޭޖުގަވެސް އިނީ ހަމަ ތިވަރު



ޓްރެންޑިން