ވަޒީފާއަކަށް އެދި ރަޖިސްޓްރީކޮށް، ވަޒީފާ ބޭނުންވެފައި، ކަމަށް އެކަށީގެންވާ މީހަކު ހުރެއްޖެނަމަ އެ މީހަކަށް ވަޒީފާނުދީ ބޭރު މީހަކު ގެނައުމުގެ ފުރުޞަތެއް،  ނުދެއްވާނެ ކަމަށް ރައީސުލްޖުހޫރިއްޔާ އިބްރާހިމް މުހަންމަދު ސާލިހު މިރޭ ވިދާޅުވެއްޖެެެެއެެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އަލިފުށީގައި ޖޮބް ސެންޓަރުގެ ޚިދުމަތް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެެއްވައި ވާހަކަފުޅު ދައްކަަވަމުންނެެވެ. ރައީސް އިބްރާހިމް މުހަންމަދު ސާލިހު ވިދާޅުވީ މުސްތަޤްބަލުގައި ސަރުކާރުގެ ބޭނުމަކީ، ރާއްޖޭގައި ހުރި ވަޒީފާތަކަށް ބޭރުން ގެންނަ މީހުން މަދުކުރުން ކަމަށެވެ. އަދި ރާއްޖޭގައި ތިބި ވަޒީފާ ބޭނުންވާ މީހުންނަށް އެ ފުރުޞަތު ހޯދައިދިނުން ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. ރައީސް ސާލިހު ވިދާޅުވީ ރާއްޖެއަށް ގެނައުން މަދުކުރުމަށްޓަކައި ސަރުކާރުން މަސައްކަތުގައި، ކުރިއަށް ފިޔަވަޅުތަކެއް އެޅިފައި އެބަހުރި ކަމަށެވެ.

"2018 ވަނަ އަހަރު، އަޅުގަނޑުމެން ވެރިކަމާ ޙަވާލުވިއިރުގައި އެބައޮތް ވަރކް ޕަރމިޓް ދޫކުރެވިފައި 56000 މީހުންނަށް. ބޭރުން މީހުން ގެނައުމަށް. އަހަރު ނިމުނުއިރުގައި 51000 މީހުން ރާއްޖެއަށް ވަޒީފާއަށް އެތެރެކޮށްފައި އެބައޮތް. މިއީ 2021 ވަނަ އަހަރު. މި އަހަރުގެ 7 މަސް ނިމިގެންދިޔައިރުގައި، ސަރުކާރުން ވަރކް ޕަރމިޓް ހުއްދަ ދީފައި މިވަނީ 8900 މީހުންނަށް. އަދި މިހާތަނަށް ރާއްޖެއިން ބޭރުން ވަޒީފާއަށް ގެނެވިފައި މިވަނީ 6900 މީހުން. ބާކީ މިއޮތް މުއްދަތުގައި އަދި އިތުރަށް މީހުން ގެނައި ކަމަށްވިޔަސް، އަޅުގަނޑު މި ދެންނެވިހެން، ކުރީގެ އަހަރުތަކާ ބަލާއިރުގައި ވަރަށްބޮޑުތަން މިއޮތީ ކޮންޓްރޯލް ކުރެވިފައި" ރައީސް ސާލިހު ވިދާޅުވިއެެވެ.

އެމަނިކުފާނު ވިދާޅުވީ ބޭރުން މީހުން ގެނައުން ކޮންޓްރޯލް ކުރުން އެއީ އެއީ ސަރުކާރުން ކުރަން ފެށި މަސައްކަތް ކާމިޔާބު ވެގެންދާކަމުގެ ނިޝާނެއް ކަމަށެވެ. ރައީސް ސާލިހު ވިދާޅުވީ ވަޒީފާތަކަށް މީހުން ތައްޔާރުކުރުމަކީ، ކޮންމެހެން މިއަދު ކުރަން ޖެހިފައި އޮތް ކަމެއް ކަމަށެވެ. އެގޮތުން، އޭގެ މަސައްކަތްތަކެއް ސަރުކާރުން ފަށައިގެން ކުރިއަށް ގެންދާ ކަމަށް ރައީސް ސާލިހް ވިދާޅުވިއެވެ.ވަޒީފާ ބޭނުންވެފައި ތިބި، މަސައްކަތް ބޭނުންވެފައި ތިބި ފަރާތްތަކަށް، ކުރިއަށް އޮތް ތަނުގައި އެކަން ކޮށްދެއްވާނެ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

މީގެއިތުރުން، ރައީސް ސާލިހު ވިދާޅުވީ ވަޒީފާތަކަށް މީހުން ތައްޔާރުކުރުމަށްޓަކައި ކުރިއަށް އޮތް ދެ އަހަރަށް އަމާޒުކޮށްގެން 2400 މީހުން، ކުދިން ޓްރެއިން ކުރުމުގެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށް ގެންދާ ކަމަށެވެ.

"މިއަދު މިހާތަނަށް އައިއިރު، މި އަހަރުގެ ތެރޭގައި 600 ފަރާތެއް ޓްރެއިން ކުރެއްވުމަށްޓަކައި އަމިއްލަ ކޮލެޖުތަކާއި ސްކޫލްތަކަށް ވަނީ ޙަވާލުކުރެވިފައި. އަދި އެ މަސައްކަތް ކުރަމުންދާއިރުގައި، އެއިން ކޮންމެ ކުއްޖަކަށް ޕޮކެޓްމަނީގެ ގޮތުގައި 2500 ރުފިޔާވެސް އަޅުގަނޑުމެން ދެމުން އެބަގެންދަން." ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުން މިހާތަނަށް 213 ފަރާތަކަށް ފުރުޞަތު ހޯދައިދީފައިވާއިރު އަދި އަމިއްލަ ކުންފުނިތަކުގެ ތެރެއިން 38 ފުރުޞަތެއް މިހާރު މިހާތަނަށް ހޯދައިދެވިފައިވާ ކަމަށެވެ.

"މިކަމަށް އެދި 555 ފަރާތެއް، އަޅުގަނޑަށް އެނގިފައި އޮތްގޮތުން ވެއްޖިއްޔާ އަދި އެބައޮތް ކުރިމަތިލާފައި." ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ވަޒީފާތަކަށް މި ނުކުންނަ ޒުވާނުންނަށް ބޭކާރުވެ ނުގޮސް، އެކަށީގެންވާ ރަނގަޅު ވަޒީފާއެއް ޒުވާނުންނަށް ހޯދައިދިނުން ކަމަށެވެ.

"ރާއްޖޭގައި، ކުރިންވެސް ދެންނެވި ފަދައިން ވަޒީފާ އެބަހުރި. ވަޒީފާ ބޭނުންވާ މީހުން އެބަތިބި. މި ދޭތެރޭގައި މިއުޅޭ މައްސަލަ ޙައްލުކޮށްގެން ނޫނިއްޔަކާ މިކަމަށް ޙައްލެއް އަންނާނެ ތަނެއް އަޅުގަނޑަކަށް ނުފެނޭ. އެހެންވީމާ، އަޅުގަނޑުމެން މި މަސައްކަތް ފަށައިގެން ކުރިއަށް މިގެންދަނީ." ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، މި އަންނަ އަހަރުގެ ތެރޭގައި، ޓިވެޓް ސެންޓަރުތަކެއް ޤާއިމުކުރެވިގެންދާނެ ކަމަށެވެ. އަދި ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތު ކަމުގައިވާ، ހިލޭ ޑިގްރީއަށް ކިޔަވައިދިނުމާއި، މަތީ ތަޢުލީމު ޙާޞިލުކުރަން ބޭނުންވާ ފަރާތްތަކަށް ލޯނުގެ އެހީ ފޯރުކޮށްދިނުން އަދި ކުރިއަށް އޮތް ތަނުގައިވެސް ކުރިއަށްދާނެ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

"އެ މަސައްކަތް ކުރިއަށްދާއިރުގައި، ހަމަ މި އަންނަ އަހަރު އަޅުގަނޑުމެން އަމާޒު މި ހިފަނީ، ވަޒީފާ ބޭނުންވެފައި ހުރި، މީހުން ބޭނުންވެފައި ހުރި ދިމަދިމާ ޚާއްޞަކޮށް ބަލައިގެން، އެ ތަންތަނަށް ވަޒީފާއަށް ޓްރެއިން ކުރުމަށްޓަކައި، ޑިގްރީއަށް ކިޔެވުމަށްޓަކައި މީހުން ފޮނުވުމަށް. އަދި އެއާއެކުގައި، ޚާއްޞަކޮށް އެކި ދާއިރާތަކަށް، އެކި ސަރަޙައްދުތަކަށްވެސް އަމާޒުކޮށްގެން، އެކި ރަށްރަށަށް އަމާޒުކޮށްގެންވެސް މި ޕްރޮގްރާމް ފުޅާކުރަން އަޅުގަނޑުމެން ޤަޞްދުކުރަން." ރައީސް ސާލިހު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު