ސިނަމާލެ ބުރިޖުން ދަތުރު ކުރި ސައިކަލެއް، ޓްރެފިކް ލައިޓަށް މަޑުނުކޮށް ދިޔަ ސައިކަލެއްގައި ޖެހި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުންގެ އިދާރާ އިން ބުނީ ބުރިޖުގެ ހުޅުލޭ ޓްރެފިކް ލައިޓް ކައިރީގައި ދެސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ރޭ 00:45 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. މިއެކްސިޑެންޓްގައި ސައިކަލް ދުއްވި ދެމީހުންނަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މިއެކްސިޑެންޓްގައި އަނިޔާވި އެކަކު ޓްރީޓޮޕް ހޮސްޕިޓަލަށް އަދި އަނެއް މީހާ ހުޅުމާލެ ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ. އެމީހުންގެ ހާލަތާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން މައުލޫމާތު ދޭގޮތުގައި އެކްސިޑެންޓްވި އެއްސައިކަލް ދުއްވީ 31 އަަހރުގެ މީހެކެވެ. އޭނާ އަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫން ކަމަށް ފުލުހުން ބުނެ އެެވެ. ދެވަނަ މީހަކީ 24 އަހަރުގެ މީހެއް ކަމަށާއި އޭނާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އެކްސިޑެންޓް ހިނގާފައި ވަނީ ޓްރެފިކް ލައިޓް ރަތްވެފައި ހުއްޓާ އެތަނުން އެއްސައިކަލް ލައިޓަށް މަޑުނުކޮށް ދިއުމުން ހުޅުމާލެ އިން އެއާޕޯޓަށް ދިޔަ ސައިކަލެއްގައި ޖެހިގެންކަން ފުލުހުން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް ފުލުހުން ބުނެ އެވެެ. އެކްސިޑެންޓްވި ދެސައިކަލް ވެސް ފުލުހުން މިހާރު ވަނީ ޓޯ ކޮށްފައެވެ. ފުލުހުން ގެންދަނީ މިމައްސަލަ އިތުރަށް ތަހްގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު