ރާއްޖެއަށް މަސައްކަތްކުރަން ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމަށް ދޫކުރާ ކޯޓާގެ ޢަދަދު ފާއިތުވި 3 އަހަރުތެރޭގައި 55 އިންސައްތަ ދަށްކުރެވިފައިވާކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ރ. އަލިފުށީގައި ޖޮބް ސެންޓަރ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ފައްޔާޟް ވިދާޅުވީ ރާއްޖޭގައި ބޮޑުވެފައިވާ ބިދޭސީންގެ މައްސަލައަށް ހައްލު ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން މިހާތަނަށް 24 ހާސް ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލެވިފައިވާކަމަށެވެ. އަދި ކޯވިޑްގެ ހާލަތާއެކުވެސް ހިތްހަމަޖެހޭ މަސައްކަތްތަކެއް ވަނީ ކުރެވިފައިކަމަށާއި އެގޮތުން ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގައި ފުރަތަމަ 43000 މީހުން ރަޖިސްޓްރީ ކުރެވުނުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިހާތަނަށް ޑޮކްމިއުމަންޓް ފުރިހަމަނުވާ 10000 މީހުން އަމިއްލައަށް އެދިގެން ފޮނުވާލެވިއްޖެ. ޑޮކިއުމަންޓް ހަމަ 14000 މީހުން އެދިގެން ފޮނުވާލެވިއްޖެ. ޖުމްލަ 24000 ބިދޭސީން މިވަނީ މަދުކުރެވިފައި." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ބިދޭސީން ރާއްޖެ ގެނައުމަށް ދޫކުރާ ކޯޓާގެ ޢަދަދު 2018 ވަނަ އަހަރަށްވުރެ ފާއިތުވި ތިން އަހަރުތެރޭ 55 އިންސައްތައަށް ދަށްކުރެވިފައިވާކަމަށެވެ. އަދި ބިދޭސީން ޤަވާއިދުގެ ތެރެއަށް ވެއްދުމަށާއި، ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ފޮނުވާލުމަށް ހިންގޭ ޕްރޮގްރާމް އަދިވެސް ހަރުދަނާކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ދިވެހިން ވަޒީފާއަށް ނުލިބޭކަމުގެ ޝަކުވާއަށާއި، ދިވެހިންނަށް ވަޒީފާ ނުލިބޭ މައްސަލައަށް ޖޮބް ސެންޓަރުން ހައްލު ލިބިގެންދާނެކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމަށްވެސް ގިނަ މަޢުލޫމާތުތަކެއް މިސެންޓަރުން ލިބިގެންދާނެކަމަށާއި، އެގޮތުން ވަޒީފާއަށް މީހުން ބޭނުންވާ މިންވަރަށް ތަމްރީން ލިބިފައިތިބި މީހުން ދެނެގަނެވި އެ ތަމްރީން ވެސް ދެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަލިފުށީގައި ޖޮބް ސެންޓަރުގެ ޚިދުމަތްތައް ފޯރުކޮށް ދިނުމުގެ ގޮތުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި، ރ. އަލިފުށީ ކައުންސިލާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެއްބަސްވުމުގެ ދަށުން، ވިޔަފާރި ރެޖިސްޓްރޭޝަން އާއި އެކްސްޕެޓް ޕޯޓަލް އާ ގުޅޭ މަޢުލޫމާތު ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ސެންޓަރ މެދުވެރިކޮށް ދިވެހި މަސައްކަތްތެރިންނަށް ވަޒީފާގެ ފުރުސަތު ފަހިވެ، ވަޒީފާ ދިނުމުގައި ދިވެހިންނަށް އިސްކަން ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު