މިދިޔަ އަހަރުގެ އޮގަސްޓް މަހާއި މިއަހަރުގެ އެމުއްދަތުގައި ރާއްޖެއިން ބޭރުކުރި މުދަލުގެ މިންވަރު 60 އިންސައްތަ ދަށްވެފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެެވެ.

ކަސްޓަމުން ބުނީ ހުސްވި އޮގަސްޓް މަހު ރާއްޖެއިން ބޭރުކުރި މުދަލުގެ އަގު ދަށްވި ނަމަވެސް، އެތެރެ ކުރި މުދަލާއި ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު އިތުރުވެފައިވާ ކަމަށެވެ. އެގޮތުން، ނިމުނު އޮގަސްޓްް މަހު 270 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކުރި އިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި 675 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވާ ކަމަށް ކަސްޓަމުން ހާމަކުރެއެވެ.

ރާއްޖެއިން ގިނައިން ބޭރު ކުރަނީ މަހުގެ ބާވަތްތަކެވެ. އެގޮތުން އެންމެ ގިނައިން މަސް ބޭރުކޮށްފައިވަނީ ތައިލެންޑަށެވެ. އެ ލިސްޓުގައި ދެން ހިމެނެނީ ޔޫއޭއީ، ޖާމަނީ އަދި ނެދަލެންޑްސާ އިންޑިއާ އެެވެ.

ރާއްޖެއަށް އިމްޕޯޓް ކުރި މިންވަރަށް ބަލާއިރު މިދިޔަ އަހަރުގެ އޮގަސްޓްު މަހު 2.1 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު މިއަހަރުގެ އޮގަސްޓް މަހު އެ އަދަދު ވަނީ 3.5 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އެއީ، 63 އިންސައްތައިގެ އިތުރުވުމެއްކަން ފާހަގަކޮށްލެވެއެވެ. ފާއިތުވި މަހު އިންޑިއާ އިން 492 މިލިއަން ރުފިޔާގެ މުދާ އެތެރެކުރިއިރު ޗައިނާ އިން ވަނީ 458 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައެވެ. އަދި ޔޫއޭއީން ވެސް 447 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ރާއްޖެ އެތެރެކުރާ މުދަލުން ނަގާ ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު މިއަހަރުގެ އޮގަސްޓް މަހު 182 އިންސައްތަ އިތުރުވެފައިވާ ކަމަށް ކަސްޓަމުން ބުނެ އެވެ. މިދިޔަ އަހަރުގެ އޮގަސްޓްު މަހު އިމްޕޯޓް ޑިއުޓީގެ ގޮތުގައި 102 މިލިއަން ރުފިޔާ ލިބުނުއިރު މި އަހަރުގެ އޮގަސްޓްު މަހު ލިބުނު އާމްދަނީ 288 މިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށް ކަސްޓަމުން ވަނީ ބުނެފައެެވެ.



ކިޔުންތެރިންގެ ހިޔާލު