މި ސަރުކާރު އައިސް ފުލުހުންގެ ޚިދުމަތް ރިފޯމުކޮށް ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވުނު މަސައްކަތްތަކާއެކު ފުލުހުންގެ ޚިދުމަތަށް މީހުން ކުރާ އިތުބާރު ބޮޑުވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު މިހެން ވިދާޅުވީ މިއަދު ހެނދުނު ރ. އަލިފުށީ ޕޮލިސް ސްޓޭޝަނުގެ އިސްވެރިންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިބައްދަލުކުރެއްވުމުގައި ރައީސް ސާލިހު ވަނީ ފުލުހުންގެ މަސައްކަތުގައި ހުރި ގޮންޖެހުންތަކާއި ދަތިތައް އޮޅުންފިލުއްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ބައިވެރިވެ ވަޑައިގެންނެވި ފުލުހުންގެ އިސްވެރިންވަނީ ފުލުހުންގެ މަސައްކަތްތައް ކުރިޔަށްދާގޮތާއި ޚިދުމަތް ތަރައްޤީ ކުރުމަށް ބޭނުންވާކަންކަމާއި ޚިދުމަތްދިނުމުގައި ހުރި ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ފުލުހުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމުގައި އެއްގަމާއި ކަނޑުގެ އުޅަނދުތައް މަދުކަމުގެ ދަތިކަމާއި އިންސާނީ ވަޞީލަތްތަކުގެ ދަތިކަމާއި ބައެއް ޕޮލިސް ސްޓޭޝަންތަކުގެ މަރާމާތަށް ބޭނުންވާކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މި ސަރުކާރު އައިސް ފުލުހުންގެ ޚިދުމަތް ރިފޯމުކޮށް ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވުނު މަސައްކަތްތަކާއެކު ފުލުހުންގެ ޚިދުމަތަށް މީހުން ކުރާ އިތުބާރު ބޮޑުވެފައިވާކަން ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ ފުލުހުންނަކީ ޤާނޫނު ތަންފީޒުކުރުމުގައި ހަރަކާތްތެރިވާ އެންމެ މުހިންމު އެއްބަޔަކަށްވާއިރު އެއްވެސް ފަރުދަކަށް ތަފާތުކުރުމެއްނެތި ޤާނޫނު ތަންފީޒުކުރުމުގައި ކުރިޔަށްދިއުމަށް އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން ފުލުހުންގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކޮށް ޑީސެންޓަރަލައިޒްކޮށް ޚިދުމަތް ދިނުމަށް ކުރެވޭ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވައި އެކަމުގެ ސަބަބުން ފުލުހުންގެ ޚިދުމަތަށް ލިބިގެންދާނެ ކުރިއެރުންތަކާއި ފައިދާތައް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ފުލުހުން އެދިވަޑައިގެންނެވި ކަންކަން ޙައްލުކުރުމަށް ސަރުކާރުން މަސައްކަތްތައް ކުރިއަށްރޭވިހުރިގޮތްތަކުގެ މަޢުލޫމާތު ޙިއްސާކުރައްވާފައެވެ. އަދި މިހާރުން މިހާރަށް ހައްލުކުރަންޖެހޭ ކަންކަމަށް ޙައްލެއް ހޯދައިދެއްވުމަށް މަސައްކަތްކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އަލިފުށީގެ ބޯޓްޔާޑްތައް ހިމެނޭ ސަރަޙައްދަށް ޒިޔާރަތްކުރައްވައި 4 ބޯޓުޔާޑެއް ބައްލަވާލައްވައި އެތަންތަނުން މަސައްކަތްތައް ކުރިޔަށްދާގޮތާ ބެހޭގޮތުންނާއި ދިމާވާ ދަތިތަކާބެހޭގޮތުން އެތަންތަނުގެ އިސްފަރާތްތަކާ ހިޔާލުބަދަލުކޮށްލައްވާފައެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ އަލިފުށީ ފުޓުބޯޅަ ދަނޑަށް ޒިޔާރަތްކުރައްވައި އެތަނުގެ މަސައްކަތްތައް ކުރިޔަށްދާގޮތް ބައްލަވާލައްވާފައެވެ. އަލިފުށީ ފުޓުބޯޅަ ދަނޑުގައި ޓާފް އަޅާނިމި މިހާރުކުރިޔަށްދަނީ އެތަން ނިންމުމުގެ ގޮތުންކުރާ އެންމެފަހުގެ މަސައްކަތްތަކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ރ. އަލިފުއްޓަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ މިލަދުންމަޑުލު އުތުރުބުރީގެ 4 ރަށަކަށާއި، މާޅޮސްމަޑުލު އުތުރުބުރީގެ 4 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ހަވަނަ މަންޒިލެވެ.



ކިޔުންތެރިންގެ ހިޔާލު