އަހުމަދު މަސްނޫމް   9 ސެޕްޓެމްބަރު 2021 - 18:9
ތަޢުލީމުގެ ޤާނޫނުގެ ދަށުން އުފައްދަންޖެހޭ "ޓީޗަރސް ރަޖިސްޓްރޭޝަން ބޯޑު" މިއަދު އެކުލަވާލައްވައިފިއެވެ.

ތަޢުލީމުގެ ޤާނޫނުގެ ދަށުން އުފައްދާ ޓީޗަރސް ރަޖިސްޓްރޭޝަން ބޯޑަކީ މުދައްރިސުން ރަޖިސްޓަރީ ކުރުމާގުޅޭ އެންމެހައި ކަންކަން ކުރުމަށްޓަކައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގައި އުފެއްދުމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ ބޯޑެކެވެ.

މި ބޯޑުގައި ހިމެނިވަޑައިގަންނަވަނީ 5 މެމްބަރުންނެވެ. އެގޮތުން ބޯޑުގައި ރަޖިސްޓްރާރއެއްގެ ގޮތުގަިއ ހުންނަވާނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޢާއިޝަތު ޢާޠިޔާ ނަޞީރުއެެވެ. ބޯޑުގައި ދެން ހިމެނިވަޑައިގަންނަވާ މެމްބަރުންނަކީ އެޑިޔުކޭޝަނަލް މެނޭޖްމަންޓް ދާއިރާ ނުވަތަ ތަޢުލީމީ ސިޔާސަތުގެ ދާއިރާއިން، ނަހުޒާ ޝަރީފް، ކިޔަވައިދިނުމުގެ ދާއިރާއިން ޔުސްރާ މުރާދު، ތަޢުލީމީ މަންހަޖު އެކުލަވާލުމުގެ ދާއިރާއިން އާމިނަތު މުޙައްމަދު އަދި ޗައިލްޑް ސައިކޮލޮޖީ ނުވަތަ އެޑިޔުކޭޝަނަލް ސައިކޮލޮޖީގެ ދާއިރާއިން ފައުޒިއްޔާ ޢަލީއެވެ.



ތަޢުލީމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޞްދީޤުކުރެއްވީ 10 ނޮވެމްބަރު 2020 ގައެވެ. މި ގާނޫނުގެ މަޤުސަދުތަކުގެ ތެރޭގައި ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ދިވެހިރާއްޖޭގައި ފެންވަރު ރަނގަޅު ތަޢުލީމާއި ތަމްރީނާއި އިސްލާމީ ތަރުބިއްޔަތު ދެވޭނެ މާޙައުލެއް ޤާއިމުކުރުމުގެ މަގުފަހި ކުރުމާއި، ދިވެހި އިސްލާމީ މުޖުތަމަޢަށް ފެތޭ ރައްޔިތުންގެ އިތުބާރު ލިބޭ ތަޢުލީމީ ނިޒާމެއް ޤާއިމްކުރުން ހިމެނެއެވެ. އަދި މި ޤާނޫނުގެ ދަށުން ކަނޑައެޅޭ ތަޢުލީމީ ސިޔާސަތުތަކުގެ ތެރެއިން ރައްކާތެރި އަދި އަމާން މާޙައުލެއް ސްކޫލްތަކުގައި ޤާއިމުކޮށްދީ، އަމާން މާޙައުލެއްގައި ތަޢުލީމު ހާސިލުކުރެވޭނެ ނިޒާމެއް ޤާއިމުކޮށްދިނުމަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ މަސްއޫލިއްޔަތެކެވެ.



ކިޔުންތެރިންގެ ހިޔާލު