ޖަލު ހުކުމެއް ތަންފީޒު ކުރައްވާ ރައީސް އަބުދު ﷲ ޔާމިން މިރޭގެ "ހަޖަމް" ޕްރޮގުރާމް ބައިވެރިވެވަޑައިގަންނަވާކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރެއް ކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ބުނެފިއެެވެ.

ޗެނަލް 13 އިން ގެނެސްދޭ "ހަޖަމް" ޕްރޮގުރާމްގެ މިރޭގެ އެޕިސޯޑްގައި ރައީސް ޔާމިން ބައިވެރިވެވަޑައިގަންނަވާ ކަމަށް ބުނެ ޝޯޝަލް މީޑިޔާގައި ދަނީ އަޑު ފެތުރެމުންނެެވެ. މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްގެ ރަސްމީ ފޭސްބުކް ޕޭޖްގައި ވިދާޅުވީ މިރޭ 22:00 ގައި އޮންނަ ހަޖަމް ޕްރޮގުރާމްގައި ރައީސް ޔާމިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އެހެން ނަމަވެސް ރައީސް ޔާމިންގެ ވަކީލުންގެ ޓީމުން ވަނީ އެކަން ދޮގުކޮށްފައެވެ. ރައީސް ޔާމިންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަލްއުސްތާޒު އަބުދު ﷲ ޝިޔާޒް ވިދާޅުވީ އެޚަބަރަކީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށެވެ.

ރައީސް ޔާމިނަކީ ކްރިމިނަލް ކޯޓުގެ ހުކުމެއް ތަންފީޒު ކުރައްވާ ބޭފުޅަކަށްވާތީ އެމަނިކުފާނު ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދާއި ޚިލާފު އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން ޝިޔާޒް ވަނީ ދެއްވާފައެވެ.

"އެހެންކަމުން ރައީސް އަބުދު ﷲ ޔާމިން 2021 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު 9 ވަނަ ދުވަހުގެރޭ ޓީވީ ޕްރޮގުރާމެއްގައި ބައިވެރިވާ ކަމަށް ބުނެ ހަގީގަތާއި ޚިލާފު ޚަބަރުތަށް ނުފެތުރުމަށް ހުރިހާ ޚަބަރު ފަތުރާ ވަސީލަތްތަކާއި ނޫސްތަކާއި ދިވެހި ލޮބުވެތި ރައްޔިތުންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގަންނަވައެެވެ." ވަކީލު ޝިޔާޒް ވިދާޅުވިއެެވެ.

މީގެ އިތުރުން ޝިޔާޒް ވިދާޅުވީ ރައީސް ޔާމިންގެ އުއްމީދަކީ އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ޖިނާއީ ހުކުމުން މިންޖުވެ ވީ އެންމެ އަވަހަކަށް ދިވެހި ރައްޔިތުންގެ ޚިދުމަތަށް ނުކުމެވަޑައިގަތުން ކަމަށެވެ.



އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބުދު ﷲ ޔާމިން މިވަގުތު ހުންނެވީ ގޭބަންދުގައެވެ. ރައީސް ޔާމިންގެ މައްޗަށް އެމައްސަލައިގައި އިތުރު ދައުވާ ތަކެެއް އުފުލައި އެމައްސަލަތައް ވެސް ކްރިމިނަލް ކޯޓުގައި މިހާރު ވެސް ދަނީ ހިނގަމުންނެވެ. ރައީސް ޔާމިންގެ މައްޗަށް ދަށު ކޯޓުން އިއްވި ހުކުމް ސްޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު އެމައްސަލައިގެ އަޑުއެހުންތައް ފަށަން މިހާރު ވަނީ ތައްޔާރުވެފައެެވެ.

ރައީސް ޔާމިންގެ މައްޗަށް އިއްވި ހުކުމަށް ސަރުކާރުން އެކި ގޮތްގޮތުން ނުފޫޒު ފޯރުވާފައިވާ ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ތުހުމަތުކޮށްފައެެވެ. ކުރީގެ ބައެއް ފަނޑިޔާރުން ވެސް ވަނީ އެކަން އެގޮތަށް ހިނގާފައިވާކަން ކަށަވަރު ކޮށްދެއްވާފައެެވެ. އެހެން ނަމަވެސް ސަރުކާރުން ވަނީ އެކަން ދޮގުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު