ޗައިނާގެ ސިއްްހީ އެހީތެރިންތަކެއް
ޗައިނާގެ ސިއްްހީ އެހީތެރިންތަކެއް
ކޯވިޑް-19 ގެ އައު ކްލަސްޓަރތަކެއް ޗައިނާގެ ވޫހާން ސިޓީއިން ފެނުމާއި ގުޅިގެން އެ ސިޓީގެ ހުރިހާ ރައްޔިތުން ކޯވިޑް-19އަށް ޓެސްޓުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައި އެންމެ ފުރަތަމަ ވޫހާންގައި ފެތުރެންފެށި ކޮރޯނާވައިރަސް އެތަނުން ފިލުވާލުމަށްޓަކައި އިއުލާނުކުރި ފުރަބަންދު 76 ދުވަހަށް ދެމިގެންދިޔައެވެ. މި ފުރަބަންދަށްފަހު ހަފްތާ ބަންދުގެ ތެރޭގައި 6 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި މިއިން އެއްވެސް ކޭހަކީ އެހެން ގައުމަކުން އެތެރެވެފައިވާ ކޭހެއް ކަމަށް ނުބެލެވޭއިރު ވޫހާން ސިޓީގެ ތެރޭގައި އަދިވެސް ވައިރަސް ފެތުރެމުން ދާކަމަށް ވަނީ ބެލެވިފައެވެ.

ސީއެންއެން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ވޫހާން ސިޓީގެ ސިއްހީ އޮފިޝަލުން މިހާރު ނިންމާފައިވަނީ ކުރިއަށް އޮތް 10 ދުވަހުގެތެރޭގައި ވޫހާންގެ އެންމެން ނިއުކްލެއިކް އެސިޑް ޓެސްޓިންގެ ބޭނުންކޮށްގެން ކޯވިޑް-19 އަށް ޓެސްޓުކުރުމަށެވެ. ނިއުކްލެއިކް އެސިޑް ޓެސްޓް މަސައްކަތް ކުރާނީ ވައިރަސްގެ ޖެނެޓިކް ކޯޑް ހަށިގަނޑުގައި ވޭތޯ ބަލައިގެންނެވެ. އަދި ބަލީގެ ކުރީކޮޅު ބަލި ދެނެގަތުމަށްވެސް މި ޓެސްޓުގެ ޒަރިއްޔާއިން ލުއި ފަސޭހަކަމެއް ހޯދައިދެއެވެ.

ޗައިނާގެ ސަރުކާރުގެ ދަ ޕޭޕަރ ނޫހުން ބުނީ މި ސްކްރީނިންގް ޕްރޮގްރާމް ސިފަކޮށްފައިވަނީ "ދިހަ ދުވަހުގެ ހަނގުރާމަ" އެއްގެ ގޮތުގައެވެ. މި އޮޕަރޭޝަންގައި 11 މިލިއަނާއި ގާތްކުރާ އަދަދަކަށް މީހުން ޓެސްޓުކުރެވޭނެކަމަށް ލަފާކުރެއެވެ. މިއީ ގްރީސްގެ ޖުމްލަ އާބާދީއަށްވުރެ އިތުރު އަދަދެކެވެ.

ފުރަތަމަ ވައިރަސް ފެނުނު ވޫހާންއަކީ ކޯވިޑް-19 އާއި ގުޅިގެން ލޮކްޑައުންއަކަށް ގެންދިޔަ ފުރަތަމަ ސިޓީއެވެ. 76 ދުވަހަށްފަހު އެ ސިޓީ ހުޅުވާލިނަމަވެސް އަދިވެސް ބައެއް ވިޔަފާރިތައް ހުރީ ބަންދުކޮށްފައެވެ.

ޗައިނާއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 82،926 އެވެ. އަދި މަރުވި މީހުންގެ އަދަދަކީ 4،633 އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން