ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ސިޔާސީ މައިދާނުން މިވަގުތު ދުރަށް ވަޑައިގެންނެވުމަށް އެދިވަޑައިގެން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރައީސް ނަޝީދަށް ނަސޭހަތް ދެއްވައިފިއެވެ.

ޖާބިރު މިކަމަށް އެދިވަޑައިގެންނެވިއިރު، ރައީސް ނަޝީދު މިވަގުތު ހުންނެވީ 6 މޭގެ ބޮމުގެ ހަމަލާގައި ލިބިވަޑައިގެންނެވި ޒަހަމްތަކަށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވިގޮތަށް، އިނގިރޭސިވިލާތުގައެވެ.

"ރަސް އޮންލައިން" އާ ވާހަކަދައްކަވަމުން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވީ، ރައީސް ނަޝީދު މިވަގުތު އުޅުއްވަނީ އާލާސްކަންފުޅާކަމަށްވާތީ، އެމަނިކުފާނުގެ ސިޔާސީ މައިދާނުން ރެސްޓެއް ނަންގަންވަންޖެހޭކަމަށެވެ. އެގޮތުން ކުރިއަށް އޮތް 3 އަހަރެއްހާ ދުވަހަށް ރައީސް ނަޝީދު ސިޔާސީ މައިދާނުން ދުރަށް ވަޑައިގެންނެވުމަށް ޖާބިރު ވަނީ ރައީސް ނަޝީދަށް އިލްތިމާސްކުރަށްވާފައެވެ. އަދި ރައީސް ނަޝީދު ދުރަށް ވަޑައިގެންނެވިނަމަވެސް، ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންކަމާއި، ރާއްޖޭގައި ތިއްބެވި އެހެން ސިޔާސީ ލީޑަރުން އުޅުއްވާނެ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ރައީސް ނަޝީދު ސިޔާސީ މައިދާނުން މިވަގުތު ދުރަށް ވަޑައިގެންނެވުމަށް އެދިވަޑައިގަންނަވަނީ އެމަނިކުފާނަށް ހެޔޮ އެދިވަޑައިގަންނަވާތީ ކަމަށެވެ.

ސިޔާސި މައިދާނުން ދުރަށް ވަޑައިގަތުމަށް ރައީސް ނަޝީދަށް ޖާބިރު ގޮވާލައްވާފައިވާއިރު، ރައީސް ނަޝީދު ވަނީ މިވަގުތު ރާއްޖެ ވަޑައިގެންނެވެން ނެތްކަން ވިދާޅުވެފައެވެ. އެއީ ބޭސްފަރުވާގެ ކަންކަން ކުރިއަށްދާތީއާއި، އެމަނިކުފާނަށް އޮތް ސަލާމަތާއި ރައްކާތެރިކަމާމެދު ސުވާލު އުފެދޭތީ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު