މިސަރުކާރުން ކުރިއަށްގެންދާކަމަށް ބުނާ ވިނަރެސް ފްލެޓުތަަކުގެ މަސައްކަތް ފެށީ ރައީސް ޔާމީނުގެ ވެރިކަމުގައިކަމަށް މާލެ ސިޓީގެ މޭޔަރ އަދި ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުންދާ ވިނަރެސް ފްލެޓްތަކަކީ މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އެޗްޑީސީން ތަރައްގީ ކުރާ ފްލެޓްތަކެއްކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒު ވިދާޅުވީ ވިނަރެސްއަކީ ރައީސް ޔާމީންގެ ސަރުކާރުގެ މަޝްރޫއެއްކަމަށެވެ. އެގޮތުން ރައީސް ޔާމީން ސަރުކާރުގައި ޕްރޮޖެކްޓް ޑިޒައިންކޮށް، ފައިނޭންސް ހަމަޖައްސައި، އިމާރާތްކުރުމަށް ފެށިކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މީ ސަރުކާރު އައި ފަހުން ވިނަރެސްގެ ދަށުން އަޅަން ނިންމާފައިވާ 1530 ފްލެޓް 1344 ފްލެޓަށް މަދުކޮށް، ޕްރޮޖެކްޓް ހިންގަމުންދަނީ ދެ އަހަރުގެ ޑިލޭއެއްގައިކަމަށެވެ.

"ވިނަރެސްއަކީ ރައީސް ޔާމީންގެ ސަރުކާރުގެ މަޝްރޫއެއް. ރައީސް ޔާމީން ސަރުކާރުގައި ޕްރޮޖެކްޓް ޑިޒައިންކޮށް، ފައިނޭންސް އެއްކޮށް ހަމަޖައްސައި، ކޮންސްޓްރަކްޝަންގެ އަމަލީ މަސައްކަތް ފެށިފައި ވަނިކޮށް މި ސަރުކާރު އައިސް އޭރު އަޅަން ނިންމާފައިވާ 1530 ފްލެޓް 1344 ފްލެޓަށް މަދުކޮށް، ޕްރޮޖެކްޓް ދެ އަހަރުގެ ޑިލޭއެއްގައި ހިންގަމުން އެދަނީ." މޭޔަރ މުއިއްޒު ވިދާޅުވިއެވެ.

އެޗްޑީސީން ތަރައްގީކުރާ ވިނަރެސް ފްލެޓްތައް އަންނަ މެއި މަހަށް ނިމޭނެ ކަމަށް އެޗްޑީސީން ވަނީ މީގެ ކުރިން ބުނެފައެވެ. ވިނަރެސް މަޝްރޫއުގެ ދަށުން އިމާރާތްކުރާ 1،344 ފްލެޓް އެކުލެވިގެން ވަނީ 10 ޓަވަރުގެ މައްޗަށެވެ. މިއިން ކޮންމެ ޓަވަރެއްގައި 13 ފަންގިފިލާ ހުންނައިރު ކޮންމެ އެޕާޓްމެންޓެއްގައި ތިން ކޮޓަރި އާއި ތިން ފާހާނާ އާއި ބެލްކަންޏެއް ހިމެނެއެވެ. ނަމަވެސް އެތަންތަނުގެ އަގު ހިޔާ ފްލެޓަށް ވުރެ ދެ ގުނަ ބޮޑުވާނެއެވެ.



ކިޔުންތެރިންގެ ހިޔާލު