ޕްރޮސެކިއުޓަރ ޖެނަރަލް ހުސައިން ޝަމީމަކީ ޤާނޫނީ ދާއިރާއިން މީހުން ހޭލުންތެރިކުރުވުމުގެ މަސައްކަތުގައި، ނުވަތަ ޤާނޫނީ ކޮންމެވެސް ކަމަކާއި ގުޅޭގޮތުން ކުރައްވާ ބަހުސްތަކުން ހަމައެކަނި ފާހަގަވާ ބޭފުޅެއް ނޫނެވެ. ދިރިއުޅުމުގެ ރީތި އާދަކާދަތަކާއި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމާއި ގުޅޭގޮތުންވެސް ޝަމީމްގެ ޓްވިޓަރާއި އޭނާގެ ބްލޮގްގައި ބައެއް ފަހަރު ލިޔުންތައް އާއްމުކުރައްވައެވެ. އާއްމު ގޮތެއްގައި ހަފުތާ ބަންދުގައި ޝަމީމްގެ ބްލޮގްގައި މިފަދަ ކޮންމެވެސް މައުޟޫއަކަށް ލިޔުއްވާފައި ހުރެއެވެ.

މިހިނގާ ހަފުތާ ބަންދުގައިވެސް އޭނާގެ ބްލޮގްގައި ވަނީ ކަމަކާއި ގުޅޭގޮތުން އޭނާއަށް ފެނިވަޑައިގަންނަވާ ގޮތް ހާމަކުރައްވާފައެވެ. އާދެ، މިފަހަރު ޝަމީމް ވިދާޅުވެދެއްވަނީ ދުނިޔޭގައި ބާއްވާ އެންމެ ޝަރަފުވެރި ކުޅިވަރު މުބާރާތްކަމަށްވާ އޮލިމްޕިކްސްއިން ދިވެހިރާއްޖެއަށް މެޑެއްޔެއް ހޯދިދާނެ ގޮތެކެވެ. އެކަމަށް ކުރަންޖެހޭ މަސައްކަތެވެ.


ޝަމީމަކީ ކުޅިވަރާއި ކަސްރަތުގެ ބޭފުޅެކެވެ. އެހެންކަމުން ކުޅިވަރާއި ގުޅޭގޮތުން ވާހަކަ ދެއްކެވުމަކީ އޭނާއަށް މާ އުނދަގޫ ކަމަކަށް ނުވާނެއެވެ. ޚާއްސަކޮށް ދުވުމާއި ފެތުމެވެ. އެއީ އޭނާ "މަރުދަންޖެހޭ" ކަންކަމެވެ. ޝަމީމްގެ ބްލޮގްގައި މިފަހަރު ލިޔުއްވި މަޒުމޫންވެސް ޚާއްސަކޮށްފައިވަނީ ފެތުމަށެވެ. ފެތުމުގެ ދާއިރާއިން އޮލިމްޕިކްސްއިން މެޑެއްޔެއް ހޯދިދާނެ ގޮތެކެވެ.

ޝަމީމް ވިދާޅުވާ ގޮތުންނަމަ އޮލިމްޕިކްސްއިން މެޑެއްޔެއް ހޯދަން ބޭނުންނަމަ ފުރަތަމަ ކުޅިވަރެއް އިޚްތިޔާރުކުރަންޖެހެއެވެ. އެގޮތުން ފެތުމުގެ ދާއިރާއަކީ އޮލިމްޕިކްސްގައި ރާއްޖެއިން މެޑެލް ހޯދަން އަމާޒު ހިފަން އިޚްތިޔާރުކުރަންވީ ކުޅިވަރުކަމަށް ޝަމީމް ވިދާޅުވާ ސަބަބެއް އެބައޮތެވެ.

"މިއީ، އޮލިމްޕިކްސްގައި ކަނޑުގައި ނުވަތަ ކޯރެއްގައި ބާއްވާ ހަމައެކަނި އިވެންޓެވެ. މުޅި ދިވެހިރާއްޖެއަކީ، މިއިވެންޓުގެ ޠަބީޢީ ސްޓޭޑިއަމެކެވެ. ދުނިޔޭގެ އެހެން ޤައުމުތަކާ ޚިލާފަށް، މިއިވެންޓަށް ތަމްރީނުކޮށް ހެދުމަށް، މޫދުގައި ފެތުމަށް ލިބޭ ފުރުޞަތު، ރާއްޖޭގައި އާދަޔާ ޚިލާފަށް ބޮޑެވެ. މިސާލަކަށް، ކެނެޑާގެ ޓީމަށް، ކެނެޑާގެ މޫދެއްގައި ފެތޭނީ އަހަރަކު ދެތިން ދުވަހެވެ. އެހެން ދުވަސްދުވަހު، ފަތަން އެރެވޭ ވަރަށްވުރެ މޫދު ފިނިވާނެއެވެ. އެމީހުން ތަމްރީން ހަދަނީ އިންޑޯ ޕޫލުގައެވެ. ދިވެހިރާއްޖޭގައި ދިމާ އިދިކޮޅެވެ. މޫސުމާހެދި މޫދުގައި ނުފެތޭނީ އަހަރަކު ދެތިން ދުވަހުއެވެ. މިއިވެންޓަކީ، ދިވެހިރާއްޖެއަށް ޖިއޮގްރަފީ ގޮތުން ރަނެއް މަލެއްފަދަ އިވެންޓެކެވެ." ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ މިމަސައްކަތް ޤައުމީ ފެންވަރުގައާއި އެސޯސިއޭޝަނުގެ ފެންވަރުގައި ކުރެވިފައި ނެތީ، މިމަސައްކަތް ފަށާ ސިޔާސީ މީހުންނަށް މިކަމުގެ ފައިދާ ނުލިބިދާނެތީކަމަށް ވެދާނެކަމަށެވެ.

"އެބޭފުޅުން އިޚްލާޞްތެރި ނޫނީއެއް ނޫނެވެ. މިމަސައްކަތުގެ މޭވާއެއް ލިބުމަށް، 15-20 އަހަރުގެ މަސައްކަތް ބޭނުންވާނެއެވެ. އަމާޒެއް އޮވެގެން، އެ އަމާޒަށް މަސައްކަތް ކުރުމުގެ ޝައުޤުވެރިކަމެއް ހުންނަންވާނެއެވެ. އެއަމާޒަށް ވާޞިލުވާނީ ތިމާމީހާގެ ޒަޢާމަތުގައި ނޫންކަންވެސް ޤަބޫލުކުރަންވާނެއެވެ." ޝަމީމް ވިދާޅުވެފައިވެއެވެ.

އޮލިމްޕިކްސްއިން މެޑެލް ހޯދުމުގެ މަސައްކަތް ފެށުމުގެ ގޮތުން ކުރަން އެންމެ ރަނގަޅުކަމެއްގެ ގޮތުގައި ޝަމީމް ދެއްވީ ޕޮމިސް ކަޕް ނުވަތަ ބޭރުން ޓީމުތައް ގެނެސްގެން ބާއްވާ އެފަދަ މުބާރާތެއް ފެށުމަށެވެ. ޝަމީމް ވިދާޅުވީ އެއީ ގިނަދުވަސްތަކެއް ނަގާފާނެ މަސައްކަތެއް ނަމަވެސް އެކަމުން ކުރާނެ ފައިދާ މީގެކުރިން ފެނިފައިވާކަމަށެވެ.

"ޕޮމިސްކަޕުގެ ޙަޤީޤީ ނަތީޖާ ފެނުނީ 1998 ގައި، ދިވެހި ޤައުމީ ފުޓުބޯޅަ ޓީމު، ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ދަތުރު ކުރި ހިސާބުންނެވެ. އެއީ 10 އަހަރުގެ މަސައްކަތެވެ. 1987 ގައި ފެށި ޕޮމިސްކަޕުގެ ސީދާ ނަތީޖާއެވެ. 2008 ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރެވުމަކީވެސް، އަޅުގަނޑު ދެކޭ ގޮތުގައި ޕޮމިސްކަޕުގެ ސީދާ ނަތީޖާއެކެވެ. ޕޮމިސްކަޕުގައި ދިވެހި ޓީމުތައް ސިލޯނުގެ ޓީމުތައް އަތުން މޮޅުވާން ފެށިފަހުން، ސިލޯނުގެ ޓީމެއް އަތުން ދިވެހި ޓީމެއް ބަލިނުވެ ވިއްސަކަށް އަހަރު ހޭދަކުރިއެވެ." ޕޮމިސް ކަޕުން ދިވެހި ފުޓްބޯޅައަށް ލިބުނު ކުރިއެރުމާއި އޭގެ ނަތީޖާއިން މިސާލު ޖައްސަވަމުން ޝަމީމް ވިދާޅުވިއެވެ. ޕޮމިސް ކަޕަކީ ރައީސް މައުމޫންގެ ވެރިކަމުގައި ރާއްޖެއިން ބޭރުގެ ޓީމުތަކަށް ދައުވަތު ދީގެން ރާއްޖޭގައި ބޭއްވި ބައިނަލްއަޤްވާމީ ފެންވަރުގެ މުބާރާތެކެވެ.

ޝަމީމް ވިދާޅުވީ ދިވެހިރާއްޖޭގައި، ފެތުމުގެ ދާއިރާއިން ޕޮމިސްކަޕް ބާއްވަންވީކަމަށާއި ފުރަތަމަ ރާއްޖެއަށް މާ ގިނަ ވަނަތަކެއް ނުލިބިދާނެކަމަށެވެ. ނަމަވެސް، 10 އަހަރުތެރޭގައި ދިވެހި ކުދިން ކާމިޔާބު ހޯދާނެކަމަށާއި 20 އަހަރު މިމަސައްކަތް މިގޮތުގައި ސާބިތުކަމާއެކު ހިފަހައްޓާލެވިއްޖެނަމަ، އޮލިމްޕިކް މެޑަލެއް ހޯދުމަކީ ކުރެވިދާނެ ކަމެއްކަމަށް ޝަމީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރު އަމާޒު ހިފަންވީ 2028 ގައި ލޮސްއެންޖަލިސްގައި ބާއްވާ މުބާރާތަށް ފެތުންތެރިއަކު ކޮލިފައި ކުރެވޭތޯއެވެ. އެމުބާރާތުގައި ދިވެހި އެތުލީޓަކު ކޮލިފައި ވިޔަސް، އެއެތުލީޓު އުޅޭނީ އެންމެ ދަށް ފެތުންތެރިންގެ ތެރޭގައެވެ. އެއީ މައްސަލައެއް ނޫނެވެ. އަޅުގަނޑުމެން މެޑަލަކަށް ވާދަކުރާނީ 2032 ގައި ބްރިސްބާނުގައި އޮންނަ އޮލިމްޕިކްސްއާއި 2036 ގައި އޮންނަ އޮލިމްޕިކްސްގައެވެ. 2040 ގައި، ދިވެހި ފެތުންތެރިންނަކީ، ރާއްޖެއިން ފުރާއިރުވެސް މެޑަލް ހޯދާނެކަމަށް ދުނިޔޭގެ ފެތުމުގެ މަޖައްލާތަކުން ލަފާކުރާނެ އެތުލީޓުންނަށްވާނެއެވެ. އޭރު، ރާއްޖޭގެ ޤައުމީ ކުޅިވަރަކަށްވެސް ވާނީ ފެތުމެވެ." ފެތުމުގެ ދާއިރާއިން ޝަމީމް ދެކެވަޑައިގަންނަވާ ހުވަފެން ތަފްސީލްކޮށްދެއްވަމުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު