ހިޔާ ފްލެޓުތަކުގެ އެގްރިމެންޓުގައި ސޮއިކުރުން މިއަދުން ފެށިގެން ކުރިއަށްދާނީ ހުޅުމާލެ ސެންޓްރޯ މޯލްގައިކަމަށް އެޗްޑީސީން ބުނެފިއެވެ.

ހިޔާ ފްލެޓް ލިބުނު ފަރާތްތަކާއެކު ފްލެޓް އެގްރިމަންޓުގައި ސޮއިކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ ހުޅުމާލެ ރެހެންދި ސްކޫލްގައެވެ. ނަމަވެސް މިއަދުން ފެށިގެން ހިޔާ ފްލެޓު އެގްރިމެންޓުތަކުގައި ސޮއިކުރުން ކުރިޔަށް ދާނީ ސެންޓްރޯ މޯލްގެ 2 ވަނަ ފަންގިފިލާގައިކަމަށް އެޗްޑީސީން ބުނެއެވެ.

ހިޔާ ފްލެޓްތަކުގެ އެގްރިމެންޓުގައި ސޮއިކުރުމުގެ މަސައްކަތް އެޗްޑީސީން ފެށީ މިދިޔަ ޖުލައި މަހުގެ 13 ވަނަ ދުވަހުއެވެ.

އެޗްޑީސީން ބުނީ މިމަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް 88 އިންސައްތަ އެގްރިމަންޓް ތައްޔާރުކޮށް ނިމިފައިވާއިރު، ފްލެޓް ލިބުނު މީހުންގެ ތެރެއިން 85 އިންސައްތަ މީހުންނާއެކު އެގްރިމަންޓުގައި ސޮއިކޮށްފައިވާކަމަށެވެ. އެޗްޑީސީން އާއްމުކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން ހިޔާ ފްލެޓްތައް 6455 ފަރާތަކަށް ލިބިފައިވާއިރު، އޭގެ ތެރެއިން 5519 މީހުން ވަނީ އެގްރިމަންޓުގައި ސޮއިކޮށްފައެވެ.

ހިޔާ ފްލެޓްތަކަށް ކަރަންޓު ގުޅާ ނިންމާފައިވާއިރު މިވަގުތު ފްލެޓްތަކުގެ ވެރިފަރާތްތަކުން އަންނަނީ ފިނިޝިންގެ މަސައްކަތްތައް ކުރަމުންނެވެ. އަދި މީގެ ތެރެއިން މީހުން މިހާރު ވަނީ އެތަނަށް ދިރިއުޅުންވެސް ބަދަލުކޮށްފައެވެ.

ސަރުކާރުން ނިންމާފައިވަނީ ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތްތައް ކުރުމަށް 4 މަހުގެ މުއްދަތެއް ދިނުމަށްފަހު ކުލި ނެގުމަށެވެ. ހިޔާ ފްލެޓްގެ ކޮންމެ އެޕާޓްމެންޓެއްގެ ކުލީގެގޮތުގައި ނަގަން ސަރުކާރުން ނިންމާފައިވަނީ މަހު ކުލީގެ ގޮތުގައި 7500 ރުފިޔާ އަދި މެއިންޓަނެސް ފީގެ ގޮތުގައި ނަގާ 1000 ރުފިޔާ ހިމެނޭހެން ޖުމްލަ 8500 ރުފިޔާއެވެ.



ކިޔުންތެރިންގެ ހިޔާލު