ފެޑަރަލް ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރާ ވާހަކައަކީ ނުރައްކާތެރި ވާހަކައެއްކަމަށް އައްޑޫ ސިޓީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) ވިދާޅުވެއްޖެއެވެ.

އައްޑޫ ޝަރީފް ވިދާޅުވީ ދިވެހިރާއްޖެ ވަކިވަކި 19 ދައުލަތަށް ބައިކުރަންޖެހޭކަމަށް ބައެއް ބޭފުޅުން ވާހަކަ ދައްކަވާތީ ވަރަށް ހައިރާންވެ ވަޑައިގަންނަވާ ކަމަށެވެ. އަދި މިއީ ވަރަށް ނުރައްކާތެރި ކަމެއްކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.



ޝަރީފް ވިދާޅުވީ ރާއްޖެއަކީ 19 ވަކިވަކި ދައުލަތް އުފައްދަންޖެހޭހާ މީހުން ގިނަ، ތަފާތު ނަސްލުތަކާއި ދީންތައް އޮތް ޤައުމެއް ނޫންކަމަށެވެ.

ޝަރީފް ވަނީ 19 ވަކިވަކި މިނިވަން ދައުލަތްތަކެއްގެ މައްޗަށް އެކުލެވޭ އީޔޫ ކަހަލަ ޔޫނިއަނެއްގެ ވާހަކަ މި ދައްކަނީ ކޮން ބޭނުމެއްގައިތޯ ވިދާޅުވެ ސުވާލު އުފައްދާފައެވެ. އަދި ރާއްޖެއަކީ އެހާ މީހުން ގިނަ، ބިޔަ ބޮޑު އަދި ތަފާތު ނަސްލުތަކާއި ދީންތަކާއި، ތަފާތު ބަސް ބަހުން ވާހަކަ ދައްކާ މީހުން ތިބި ތަނެއްތޯ ވިދާޅުވެ ޝަރީފް ވަނީ ސުވާލު އުފައްދާފައެވެ.



ޝަރީފް މިހެން ވިދާޅުވެފައި މިވަނީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ފެޑަރަލް ނިޒާމަކަށް ބަދަލުކުރުމަށް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ފެކްޝަނުގެ ބޭފުޅުން ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން ރާއްޖޭގެ ސަރަޙައްދުތައް ވަކިކޮށް، ބާރުތައް ވަކިކުރަންޖެހޭކަމަށްވެސް ބައެއް ބޭފުޅުން ދަނީ ގޮވާލަމުންނެވެ.

ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެނަސް މުޅި ރާއްޖެ ލާމަރުކަޒު ވެގެންދާއިރު އައްޑޫފަދަ ބައެއް އަތޮޅުތައް މިނިވަން ދައުލަތްތަކެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ ވާހަކަ ތަކެއް ރައީސް ނަޝީދު މީގެ ކުރިން ދައްކަވާފައިވެއެވެ. އަދި މިހާރު ދެކެވެމުންދާ ނިޒާމު ބަދަލު ކުރުމުގެ ވާހަކައާއެކު ރާއްޖެ ލާމަރުކަޒުވެގެންދާއިރު އަތޮޅުތައް މައި ސަރުކާރުން މުޅިން ވަކިވެ މިނިވަން ކަމާއެކު ހިންގުމަށް އެމްޑީޕީގެ ބައެއް ފަރާތްތަކުން ގެންދަނީ ވަކާލާތު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު