ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މޭކަރަން ޖެހޭވަރުގެ އެއްވެސް ސިޔާސީ މީހަކު އަދި ޕާޓީއެއްގެ ވެރިއަކުވެސް ރާއްޖޭގައި ނެތް ކަމަށް ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު މިހެން ވިދާޅުވީ ރައީސް ޔާމީނަކީ ކަންނެތް ވެރިއެއް ކަމަށާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން "މޭކަރާ" ގޮތްވީ މުރާލި މަސައްކަތްތަކެއް ޑިފެންސް މިނިސްޓަރުގެ ހައިސިއްޔަތުން ކުރެއްވުމުން ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ މުއައްސިސް ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް ވިދާޅުވެ ދެއްކެވި ވާހަކަ ތަކަށް ރައްދު ދެއްވަމުންނެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ އިންގިލާބީ ބަދަލުތައް ގެނެއުމަކީ އެފަދަ ވިސްނުމާއި ގާބިލުކަން ހުންނަ، ހިންގުންތެރި ވެރިންގެ ހާއްސަ ހުނަރެއް ކަމަށެވެ. އަދި ރައީސް ޔާމީނަކީ ސިޔާސީ ގިނަ ލީޑަރުން އުފެއްދި ހަރުދަނާ ވެރިއެއް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެެވެ.

"ރައީސް ޔާމީން މޭކަރަން ޖެހޭނެ ވަރުގެ ސިޔާސީ މީހަކު، ޕާޓީއެއްގެ ވެރިޔަކު ރާއްޖޭގައި ނުހުންނާނެ." ކާނަލް ނާޒިމްގެ ވާހަކަތަކަށް ރައްދު ދެއްވަމުން އާދަމް ޝަރީފް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުގެ މަގާމުގައި ނާޒިމް ހުންނަވަނިކޮށް މަގާމުން ދުރުކުރީ ގެއިން ފިސްތޯލައެއް ފެނުނުކަމަށްބުނާ މައްސަލައެއްގައެވެ. އެމައްސަލައިގައި އޭނާ ހައްޔަރުކޮށް 11 އަހަރުގެ ޖަލު ހުކުމެއް ވެސް ވަނީ އިއްވާފައެެވެ. އެހެން ނަމަވެސް ފަހުން އެ ހުކުމް ސްޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު