އަހުމަދު މަސްނޫމް   12 ސެޕްޓެމްބަރު 2021 - 16:12
ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހިގުޅޭ ސަރަހައްދުގައި ހަދާ ޗެނަލް ކައިރީގައި ރެސްޓޯރެންޓްތަކެއް ހުޅުވަން ނިންމާފައިވާކަމަށް އެޗްޑީސީން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ސުހައިލް އަޙްމަދު ވިދާޅުވީ ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ވަކިކުރުމަށް ހަދާ ޗެނަލްގެ ދެ ފަރާތުގައިވެސް ރެސްޓޯރެންޓްތައް ހިންގުމަށް ނިންމާފައިވާކަމަށެވެ.

އެޗްޑީސީން ބުނީ ދެ ފިޔަވަހި ގުޅުވައިދެނީ ކުދި ބްރިޖްތަކުންކަމަށާއި ބްރިޖް ދަށުން އޮއެ ދެމޭގޮތަށް ހަދާ ޗެނަލްތައް ފަރުމާކޮށްފައިވަނީ، ހުޅުމާލޭގެ އެސަރަޙައްދުގެ ލޭންޑް ސްކޭޕަށް އިތުރު ފުރިހަމަކަމެއް އަންނަ ގޮތަށްކަމަށެވެ.

އެޗްޑީސީން ބުނީ ޗެނަލްގެ ކުރިމައްޗަށް ވާގޮތަށް ދެ ފިޔަވަހީގައިވެސް ރެސްޓޯރެންޓްތައް ހިންގުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލާނެކަމަށެވެ.

"ގިނަ ފަރާތްތަކަށް މޫދު ކައިރީގައި ރެސްޓޯރެންޓްތައް ހުރުން ހިތްގައިމުކަމަކަށް އެބަވޭ. ކުރިން ބީޗް ސަރަޙައްދުގައި ހިނގަމުންދިޔަ ގޮތަށް ޗެނަލްއަށް ފޭސް ވާ ގޮތަށް ރެސްޓޯރެންޓްތައް ހިންގުމަށް ހުޅުވާލެވޭނެ." އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ސުހައިލް އަޙްމަދު ވިދާޅުވިއެވެ.

އެޗްޑީސީން ބުނީ ޗެނަލްގެ މަސައްކަތް މުޅިން ނިމޭއިރު، ޗެނަލް ކައިރި އެއްގަމުގެ ސަރަޙައްދު ތަރައްޤީކުރާނީ ތިމާވެއްޓާ ރަށްޓެހި ފެހި ސަރަޙައްދެއްގެ ގޮތުގައެވެ.

މި ޗެނަލަކީ 50 މީޓަރު ފުޅާ، 1.85 މީޓަރުގެ ފުން ޗެނަލެކެވެ. ޕްރޮޖެކްޓްގެ ބޮޑެތި ގިނަ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ. އެގޮތުން ސަރަޙައްދު ފުންކުރުމާއި، ވެލިގަނޑު ހިމާޔަތްކުރުމަށް ޝީޓް ޕައިލް ކުރުމާއި، ގާ ޖެހުމުގެ މަސައްކަތްތައްވެސް މިހާރު ވަނީ ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު


0

ތިމަންނަ

19-Sep-2021

ހުޅުމާލެ ދެފައި ދޭތެރޭ ހަދާ ރެސްޓޮރަންޓްގެ އަގުތައް ކިހާވަރެއް ވާނެބާ