ބޮމެއް ގޮއްވާލައި ރާއްޖޭގައި ޓެރަރިސްޓް ހަމަލާއެއް ދޭޭނޭ ކަމުގެ ނުރައްކާތެރި އިންޒާރެއް ދީފައިވާތީ އެ އިންޒާރު ސީރިއަސްކޮށް ނަގައި ވަރުގަދަ ފިޔަވަޅުތައް ވަގުތުން ވަގުތަށް އެޅުމަށް ސަލާމަތީ ހިދުމަތްތަކަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މިރޭ ގޮވާލައިފި އެވެ.

އެމްޑީޕީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މޭ މަހުގެ 6 ވަނަ ދުވަހު ބޮން ގޮއްވާލައި ޓެރަރިސްޓް ހަމަލާއެއް ދިނުމަށްފަހު މާ ގިނަ ދުވަސްތަކެއް ނުވަނީސް އަނެއްކާ އެފަދަ ޓެރަރިސްޓް ހަމަލާއެއްގެ އިންޒާރު ދިނުމަށް ބޭނުންކޮށްފައި ވަނީ މާލޭގެ ނޫރު މިސްކިތް ކަމަށެވެ.



ނޫރު މިސްކިތުގެ ތަނބެއްގައި ލިޔެފައިވާ ލިޔުމެއްގައި ވަރަށް އަވަހަށް ބޮމެއް ގޮއްވާލާނޭ ކަމަށާއި ދިވެހި ގައުމު ސުންނާފަތި ކޮށްލާނޭ ކަމަށް ބުނެ ވަނީ އިންޒާރުދީފައެެވެ. އެކަމާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިސްކިތަކީ ހުރުމަތްތެރިވެގެންވާ ތަނަކަށްވާއިރު މިސްކިތުގެ ހުރުމަތް ކަނޑައި ދިވެހި ބަހުން އެފަދަ އިންޒާރެއް މިސްކިތް މެދުވެރިކޮށް ދޭނީ ސީދާ އެ ނިޔަތުގައި އެކަން ރާވާ ތަންފީޒުކުރުމަށް މަސައްކަތް ކުރަމުންދާ ޓެރަރިސްޓުން ކަމުގައި ގަބޫލުކުރަންޖެހޭ ކަމަށެވެ. އަދި މިކަމުން ވެސް އިތުރަށް ހާމަވެގެން ދަނީ މި ރާއްޖޭގައި ހަރުކަށި ފިކުރު ފުޅާވެ ގޮސް ރައްޔިތުންނަށާއި މުޅި ގައުމަށް ޓެރަރިޒަމުގެ ނުރައްކާ އޮތް މިންވަރު ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެެ.



އެމްޑީޕީން ބުނީ، މަރުތަކާ ބެހޭ ރިޔާސީ ކޮމިޝަނުގެ ތަހުގީގު ރިޕޯޓްގައި ބައެއް މިސްކިތްތަކުގައި ހަރުކަށި ފިކުރުގެ ބައެއް ލީޑަރުން އެމީހުންނާ ގުޅުން އޮންނަ ބޭރުގެ ޓެރަރިސްޓް ޖަމާއަތްތަކާ ގުޅިގެން އެ އެމީހުންގެ ފިކުރު ކުރިއަރުވައި އޮޕަރޭޝަންތައް ހިންގާކަން ފާހަގަކޮށްފައިވާއިރު އޭގެ ތެރޭގައި ނޫރު މިސްކިތް ހިމެނޭ ކަމަށް އެމްޑީޕީން ފާހަގަ މޮށްފައި ވެއެވެ. އަދި ހަމަ އެ މިސްކިތުގައިި މި ފަދަ ޓެރަރިސްޓް އިންޒާރެއް ލިޔެފައިވުމަކީ ސަލާމަތީ ހިދުމަތްތަކުން އެއަށްފަހު ވެސް ސާވެލެންސްކޮށް އެކަންތައް ރަނގަޅަށް ނުބެލިވާ ކަމަށް ތުހުމަތުކުރުމުގެ ޖާގަ އޮތްކަމެއް ކަމަށްވެސް އެމްޑީޕީގެ ބަޔާނުގަަި ބުނެފައި ވެއެވެ.



އެމްޑީޕީގެ ބަޔާނުގައި ޓެރަރިޒަމުގެ ނުރައްކާ އޮތްއިރު ވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ވަގުތުން ވަގުތަށް އަޅަންޖެހޭ ފިޔަވަޅެއް އޮތްކަމަށް ސަރުކާރުން ނުދެކޭތީ އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެެވެ.

"ޓެރަރިޒަމުގެ ނުރައްކާތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުއްވުމުގައި އިތުރަށް ސަމާލުވެވަޑައިގެން ވަގުތުން ވަގުތަށް އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް ސަލާމަތީ ހިދުމަތްތަކަށާއި ސަރުކާރަށް އިލްތިމާސްކުރަމެވެ،" އެމްޑީޕީގެ ބަޔާނުގައިވެއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު ސަރުކާރުން އިއުލާން ނުކުރާތީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފައި ވާއިރު، ޓެރަރިސްޓުްްންނާއި ހަރުކަށި ފިކުރުގެ ގިނަބަޔަކު އެއްފަހަރާ ހައްޔަރުކޮށް ޓެރަރިޒަމާ ދެކޮޅަށް ފިޔަވަކު އެޅުމުގެ މަސައްކަތް ކުރުމަށް ރާއްޖޭގައި ކުއްލި ނުރައްކާލުގެ ހާލަތު އިޢުލާން ކުރުމަށް ރައީސް ނަޝީދު މީގެކުރިން ވަނީ ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު